ޚަބަރު

ލުބްނާންގެ ޙިޒްބުاللهން ޔަހޫދީންނަށް ވަރުގަދަ ޙަމަލާތަކެއް ދީފި


ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. މިއީ, ޔަހޫދީ ފައުޖުން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ދާދިފަހުން ދިން ވައިގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ރޮކެޓް ޙަމަލާތަކެކެވެ.

ޙިޒްބުاللهން ބުނީ ރޮކެޓް ޙަމަލާތައް އަމާޒުކޮށްފައި ވާނީ ޒަޔަނިސްޓު އިސްރާއީލުގެ އުތުރުގައި އޮންނަ ރަށްތަކުގެ އިތުރުން ޖޫލާނުގެ އުސް ބިންތަކުގައި ހަރަކާތްތެރިވާ ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ކަމުގައެވެ. ޙިޒްބުاللهގެ އަމާޒަކަށްވީ, އެ ސަރަޙައްދުތަކުގައި ޔަހޫދީ ފައުޖުން އާޓިލަރީ ބަޑި ގާއިމު ކޮށްފައިވާ ސްޓޭޝަންތައް ނައްތައިލުމެވެ. މިއީ, އޮކްޓޫބަރު 8ގެ ފަހުން ޙިޒްބުاللهން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ދީފައިވާ އެންމެ ނުރައްކާތެރި, އަދި ވަރުގަަދަ ޙަމަލާތަކެވެ.

ޙިޒްބުاللهގެ ރޮކެޓް ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރުގައި އޮންނަ މަތީ ގަލީލް ސަރަޙައްދުގައި އިންޒާރުގެ ރަނގަބީލު ޖެހިއެވެ. އަދި, އެ ސަރަޙައްދުގައި ދިރިއުޅޭ ޔަހޫދީން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅިއެވެ. އަދި, ރޮކެޓްތައް ދިފާޢު ކުރަން ޔަހޫދީ ފައުޖުން ވައިގެ ދިފާޢީ ނިޒާމު ބޭނުން ކުރިއެވެ.

އިސްރާއީލުގެ ރަށްތަކާއި ޖޫލާނުގެ އުސް ބިންތަކަށް ޙަމަލާ ދޭން ޙިޒްބުالله 40އަކަށް ރޮކެޓު ފޮނުވައިލި ކަން ޔަހޫދީ ފައުޖުން ވެސް ކަށަވަރު ކޮށްދެއެވެ. އޭގެ ތެރެއިން ގިނަ ރޮކެޓުތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ. ރޮކެޓްގެ އިތުރުން ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާދޭން ޙިޒްބުاللهން ޑްރޯން ވެސް ބޭނުން ކޮށްފައިވާއިރު, މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

ޙިޒްބުاللهން ޔަހޫދީ ފައުޖަށް ޙަމަލާދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. މިއީ, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނަށް ތާޢީދު ކުރުމުގެ ގޮތުން ޙިޒްބުاللهން ދެމުންދާ ޙަމަލާތަކެކެވެ. ޔަހޫދީ ފައުޖާއި ޙިޒްބުاللهއާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ.

ޙިޒްބުاللهއަކީ އެމެރިކާއާއި ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގެ ބައިވެރިއެކެވެ. އެއީ, އީރާނުން ވާގިވެރިވާ ކަމަށް ބުނާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެކެވެ. އޭޕްރިލް 1 ވަނަ ދުވަހު ޔަހޫދީ ފައުޖުން ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ވައިގެ ޙަމަލާތަކެއްދީ, އީރާނުގެ އަސްކަރިއްޔާގެ ހަތް ސިފައިން ޝަހީދުކޮށްލި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ.

އީރާނުން ވަނީ އެ ޙަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ, ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. މި އިންޒާރާ ގުޅިގެން ޔަހޫދީން ވަނީ ބިރުން ތެޅިފޮޅެން ފަށާފައެވެ. އަދި, ރައްކާތެރި ކަމުގެ ގޮތުން ދިފާޢީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އީރާނުން ދީފާނެ ޙަމަލާއެއް ދިފާޢު ކުރުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ބައެއް ރަށްތަކުން ޖީޕީއެސްގެ ޚިދުމަތް ކަނޑައިލާފައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނަށް ޗުއްޓީ ދިނުން ހުއްޓައިލައި, އިތުރު ރިޒަރވް ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި, އެ ޤައުމުގެ އަސްކަރީ ވައިގެ ބަނދަރުތަކުގައި ހުރި އަސްކަރީ މަތިންދާބޯޓުތައް ރޫޅައިލައި, ބަންދުކޮށް, ފޮރުވަން ވެސް މަސައްކަތް ފަށާފައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި, ޔަހޫދީންނާއި އެމެރިކާއާ ދެކޮޅަށް ފާޅުގައި ހަނގުރާމައަށް ތެދުވާން އީރާނުން ބޭނުމެއް ނުވާނެއެވެ. ނަމަވެސް, އީރާނުން ވާގިވެރިވާ ހަތިިޔާރު އެޅި ޖަމާޢަތްތައް މެދުވެރިކޮށް, ޔަހޫދީންނާއި އެމެރިކާގެ މަސްލަޙަތު ހިމެނޭ ތަންތަނަށް ޙަމަލާދިނުން އިތުރު ކުރާނެއެވެ.