ޚަބަރު

ރަޝިޔާއިން ކީވްގެ ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ދީފި


ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ, އެ ރަށުގެ ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ކީވްގެ މައި އިންޖީނުގެއަކަށެވެ. ޔޫކްރެއިންގެ އެހެން ސަރަޙައްދުތަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ވެސް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް އަމާޒުކޮށްފައިވެއެވެ.

ރަޝިޔާގެ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައި ވަނީ ކީވްގެ ރަށްބޭރުގައި އޮންނަ ބޯޓުދެލި އަންދައިގެން ކަރަންޓު އުފައްދާ ތްރިޕިއިރިސްކާ ތަރމަލް އިންޖީނުގެއެވެ. މި ޙަމަލާތަކާ ގުޅިގެން, ކުރީގެ ރޫސީވިލާތުގެ ޒަމާނުގައި ބިނާ ކޮށްފައިވާ އިންޖީނުގޭގެ ބޮޑު ބައެއްގައި އަލިފާން ރޯވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިން ހިންގާ ތްރިޕިއިރިސްކާ އަކީ ކީވްގެ އިތުރުން ޗަރްކާސީއާއި ޜިތޯމިރް ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އިންޖީނުގެއެވެ.

ފަހަކަށް އައިސް ރަޝިޔާއިން ވަނީ ޔޫކްރެއިންގެ މައި ރަށްތަކަށް އަމާޒުކޮށްދޭ ވައިގެ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އަދި, މި ފަދަ ޙަމަލާތަކުން ދިފާޢުވާން ޔޫކްރެއިނަށް ވަނީ ދަތިވެފައެވެ. ސަބަބަކީ, ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ މިސައިލްތަކާއި ވަސީލަތްތަކުގެ ޢަދަދު މަދުވުމެވެ. ރަޝިޔާގެ ޙަމަލާތައް އިތުރު ކުރަމުން ދާތީ, ޔޫކްރެއިނުން ވަނީ ދިފާޢީ ނިޒާމަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުން އަވަސް ކުރުމަށް ހުޅަނގުގެ ބާރުތަކަށް ގޮވައިލާފައެވެ.

"ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ މިސައިލްތަކާއި ވަސީލަތްތައް އަޅުގަނޑުމެން ބޭނުންވޭ. މަޝްވަރާ ކުރުމުގައި ވަގުތު ހޭދަ ކުރެވޭކަށް ނެތް،" ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. ތްރިޕިއިރިސްކާ އިންޖީނުގެއަށް ދީފައި ވަނީ ޓެރެރިސްޓު ޙަމަލާއެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ.

ރަޝިޔާގެ ޙަމަލާތައް ވަރުގަދަ ކުރަމުންދާ މި ދަނޑިވަޅުގައި, ޔޫކްރެއިންގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓޭނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ, ކީވަށް ޙަމަލާދޭން ރަޝިޔާއިން 82 މިސައިލާއި ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި, އޭގެ ތެރެއިން 18 މިސައިލާއި 39 ޑްރޯން ދިފާޢުކޮށް ވައްޓައިލެވުނު ކަމުގައެވެ.

ތްރިޕިއިރިސްކާގެ އިތުރުން ރަޝިޔާއިން ވަނީ އޮދެއްސާއާއި, ހަރްކިވާއި, ޒަޕޮރީޜިޔާގެ އިތުރުން ލްވީވްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ވެސް ޙަމަލާދީ, ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޔޫކްރެއިންގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ކުންފުނިތަކުގެ ޢުމްރާނީ ވަސީލަތްތަކަށް ވެސް ރަޝިޔާއިން ވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. މާރިޗު 22އާއި 29އާ ދެމެދު ރަޝިޔާއިން ދިން ޙަމަލާތަކުގައި ޑީޓެކް ކުންފުނީގެ ވަސީލަތްތައް ވެސް ވަނީ ސުންނާފަތި ކޮށްލާފައެވެ.

ބިމު އަޑީގައި ޤުދުރަތީ ގޭސް ރައްކާކުރާ ދެ ގުދަނަކަށް ވެސް ރަޝިޔާގެ ޙަމަލާތަކުގައި ގެއްލުން ދިނެވެ. އޭގެ ތެރޭގައި ބޭރު ޤައުމަކުން ހިންގާ ގުދަނެއް ވެސް ހިމެނެއެވެ. ޔޫކްރެއިނަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރިޖެޓް ބްރިންކް ވިދާޅުވީ ހަރްކިވްގެ ކަރަންޓު ވިއުގައަށް ވެސް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށާއި, ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި ވަގުތު ބޭކާރު ކުރެވެން ނެތް ކަމުގައެވެ. މި ޙަމަލާތަކާ ގުޅިގެން ހަރްކިވްގެ 200,000އެއްހާ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ.