ޚަބަރު

"ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން ދާއިމީ ގޮތެއްގައި އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމްކުރާނަން"


  • ޔަތީމު ކުދިންނަށް އަހަރަކު އެއްފަހަރު އެހީތެރިކަން ދެވޭނެ

  • މިނިޒާމުގެ ދަށުން އެހީދޭނީ އެކުދިން ބޮޑުވަންދެން

ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒަކާތު ހައުސްއަކީ ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއެކެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަމާއި، މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބޭނެކަމަށެވެ.

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރަނީ ޒަކާތު ފަންޑަށެވެ. މިފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ. އެގޮތުން ޒަކާތު ފަންޑުން، ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށް ދަނީ މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް، އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.