ޚަބަރު

ދަރިން ޝަހީދުކޮށްލި ނަމަވެސް މަޝްވަރާތައް ކުރިއަށް ދާނެ: ހަނިއްޔާ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި, އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަަމާޢަތުގެ އިސްވެރިޔާ, އިސްމާޢީލް ހަނިއްޔާގެ ތިން ފިރިހެން ދަރިން ޝަހީދު ކޮށްލާފައިވީ ނަމަވެސް, ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކަށް އަސަރެއް ނުކުރާނެ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ. ހަނިއްޔާގެ ތިން ފިރިހެން ދަރިންނާއި ހަަތަރު ކާފަ ދަރިން ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުން ޣައްޒާއަށް ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައެވެ.

އެ މީހުން ޝަހީދު ކޮށްލާފައި ވަނީ, ބަރަކާތްތެރި ފިޠުރު ޢީދާ ދިމާކޮށް ޣައްޒާގެ އިރުއުތުރުގައި އޮންނަ ޝަޠައު ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ޢާއިލާގެ މެންބަރުންނަށް ޒިޔާރަތް ކުރުމަށް ދަތުރު ކުރަމުން ދިޔަ ކާރަށް ޔަހޫދީ ފައުޖުން ދިން ވައިގެ ޙަމަލާތަކެއްގައެވެ. މިއީ, ގަސްދުގައި އެ މީހުން ޝަހީދު ކޮށްލަން ދީފައިވާ ޙަމަލާއެއް ކަމަށް ހަނިއްޔާ ގަބޫލު ކުރައްވައެވެ.

ޔަހޫދީންގެ ޢުދުވާންތައް ނިމުމެއް ގެނެސް, ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދަނީ މިޞްރުގެ ވެރިރަށް ޤާހިރާގައެވެ. މިއީ, ޤަޠަރާއި މިޞްރުން ވިލަރެސް ކުރާ މަޝްވަރާތަކެކެވެ. ހަނިއްޔާ ވިދާޅުވީ, ކުރިއެރުންތަކެއް ނެތި މަޝްވަރާތައް މަޑުޖެހިފައިވީ ނަމަވެސް, މަޝްވަރާތައް ކުރިއަށް ގެންދަން ޙަމާސުން ނިންމާފައިވާ ކަމުގައެވެ.

ހަނިއްޔާ ވިދާޅުވީ, ޔަހޫދީ ފައުޖުން އޭނާގެ ތިން ދަރިންނާއި ހަތަރު ކާފަ ދަރިން ޝަހީދު ކޮށްލާފައި ވަނީ, މަޝްވަރާތަކުން ޙަމާސް ބޭރުވާނެ ކަމަށް ބަލައިގެން ކަމުގައެވެ. "މަޝްވަރާތަކާ ގުޅޭ ގޮތުން ޙަމާސުން ގެންގުޅޭ ވިސްނުން ބަދަލު ކުރެވޭނެ ކަމަށް [ޔަހޫދީން] ދެކުމަކީ ކުށްހީއެއް،" އޭނާ ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން ހަނިއްޔާގެ ދަރިން ޝަހީދު ކޮށްލާފައި މި ވަނީ, ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް އެކުލަަވައިލުމަށް މުޅި ދުނިޔެއިން ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އެއްބަސްވާން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ދާދި ފަހުން ވަނީ ޙަމާސަށް ގޮވައިލައްވާފައެވެ.

އެމެރިކާއަކީ ޔަހޫދީންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި, ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކުރުމަށް ފޫގަޅައިގެން އޮތް ޤައުމެކެވެ. ނަމަވެސް, އެމެރިކާއިން ވެސް މިހާރު ދަނީ ޢުދުވާންތައް މެދުކަނޑައިލުމަށް ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ. އަދި, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ގޮވައިލަމުންނެވެ. ޣައްޒާ ޢުދުވާނަކީ ޖައްބާރު ނަތަންޔާހޫއަށް ހެދިފައިވާ "ބޮޑު ގޯހެއް" ކަމުގައި ވެސް ބައިޑަން ދާދިފަހުން ސިފަ ކުރެއްވިއެވެ.

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން ހުސްވި ހަފުތާގައި ވަނީ އެ ސަރަޙައްދުން ފައިބާފައެވެ. މިއީ, ޣައްޒާގެ އެންމެ ދެކުނަށް އޮތް ރަފަޙަށް އެއްގަމު މަގުން އަރައި, ޢުދުވާންތައް ފުޅާ ކުރަން ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ރަފަޙުގައި 1.5 މިލިޔަނެއްހާ މީހުން ތިބިއިރު, ޔަހޫދީ ފައުޖުން މިހާރު ދަނީ ރަފަޙަށް އެރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް, އެ ރަށަށް އަރާނެ ވަކި ތާރީޚެއް ޔަހޫދީން ހާމަކޮށްފައެއް ނުވެއެވެ.

އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,545އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,094އަށް އުފުލިފައެވެ.