ޚަބަރު

ހަނިއްޔާގެ ތިން ދަރިންނާއި ތިން ކާފަދަރިން ޝަހީދު ކޮށްލައިފި


ޔަހޫދީ ފައުޖުން ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި, އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާގެ ތިން ފިރިހެން ދަރިން ޝަހީދު ކޮށްލައިފިއެވެ. އަލް-ޝަޠައު ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ހަނިއްޔާގެ ތިން ކާފަ ދަރިން ވެސް ޝަހީދު ކޮށްލިއެވެ. އަދި އޭނާގެ ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ޒަޚަމުކޮށްލިއެވެ.

ޝަޠައު ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ ހުޅަނގުއުތުރުގައި އޮންނަ ކޭމްޕެކެވެ. ހަނިއްޔާ ވިދާޅުވީ, އޭނާގެ ދަރިންނާއި ކާފަ ދަރިން ޝަހީދު ކޮށްލާފައި ވަނީ އެ މީހުން ދަތުރު ކުރަމުން ދިޔަ އުޅަނދަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައި ކަމުގައެވެ. އަދި މިއީ, އޭނާގެ ޢާއިލާގެ މެންބަރުން ޝަހީދު ކޮށްލަން ދީފައިވާ ޙަމަލާއެއް ކަމުގައެވެ.

ހަނިއްޔާ ވިދާޅުވީ, ޔަހޫދީންގެ ޙަމަލާގައި އޭނާގެ ތިން ފިރިހެން ދަރިން ކަމުގައިވާ ހާޒިމާއި, އާމިރާއި މުޙައްމަދު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. މީގެ ކުރިން ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ވެސް ހަނިއްޔާގެ ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ޝަހީދުކޮށް, އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.

"ޝަހީދުންގެ ލެޔާއި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ވޭނާއި ކެކުޅުމުން އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ. އަޅުގަނޑުމެންގެ ކުރިމަގު ބައްޓަން ކުރާނީ އެ ހިތްވަރުން. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޤައުމުގެ މިނިވަން ކަން ކަށަވަރު ކުރާނީ އެ ހިތްވަރުން،" ހަނިއްޔާ ވިދާޅުވިއެވެ.

ހަނިއްޔާ ވިދާޅުވީ, އޭނާގެ ދަރިން ޝަޠައު ރެފިއުޖީ ކޭމްޕަށް ދަތުރު ކޮށްފައި ވަނީ, ބަރަކާތްތެރި ފިޠުރު ޢީދު ދުވަހާ ދިމާކޮށް, ޢާއިލާގެ މެންބަރުންނަށް ޒިޔާރަތް ކުރުމަށް ކަމުގައެވެ. އަދި, އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ޢުދުވާންތައް ފެށި ފަހުން, ޝަހީދު ކޮށްލާފައިވާ އޭނާގެ ޢާއިލާގެ މެންބަރުންގެ ޢަދަދު 60އަށް އުފުލިފައިވާ ކަމުގައެވެ. އަދި, މި ފަދަ ބިރު ދެއްކުމުގެ އަމަލުތަކަށް ޙަމާސްގެ އިސްވެރިން ނުސިހޭނެ ކަމަށާއި, ފަހަތަށް ނުޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"[ޒަޔަނިސްޓު ޔަހޫދީ ފައުޖާއި ސަރުކާރުގެ] ކުށްތައް ބިނާވެގެން ވަނީ ބަދަލު ހިފުމާއި, މުސްލިމުން ޝަހީދު ކުރުމާއި ލޭއޮހޮރުވުމުގެ މައްޗަށް. އެއީ, އެއްވެސް ހަމައަކަށް ނުވަތަ ޤާނޫނަކަށް ތަބާވާ ބަޔެއް ނޫން. ޣައްޒާގެ ބިމުގައިވާ ހުރިހާ އެއްޗެއްގެ ހުރުމަށް [ޔަހޫދީ ފައުޖުން] ކަނޑައިފި. މިއީ, މުސްލިމުންގެ ނަސްލު ނައްތައިލަން ހިންގަމުންދާ ގަތުލުއާންމެއް،" ހަނިއްޔާ ވިދާޅުވިއެވެ.

ބަރަކާތްތެރި ފިޠުރު ޢީދު ދުވަހާ ދިމާކޮށް ޔަހޫދީ ފައުޖުން ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ރަޙުމު ކުޑަ އަމަލުތަކުގައި 125 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ. ޣައްޒާގެ މުސްލިމުން ފިޠުރު ޢީދު ދުވަސް ވެސް ފާހަގަ ކޮށްފައި ވަނީ ނުރައްކަލާއި ބިރުވެރި ކަމުގައެވެ. މޮޅިވެރިކަމާއި ހިތާމައިގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,482އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ އެ ޢަަދަދު ކަށަވަރު ކޮށްދެއްވާފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,049އަށް އުފުލިފައެވެ.