ޚަބަރު

ޔަހޫދީންނަށް އަދަބު ދޭނެ ކަމުގެ އިންޒާރު ޚާމަނާއި ދެއްވައިފި


ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާދީ, އީރާނުގެ ހަތް ސިފައިން މަރައިލި ހާދިސާއާ ގުޅިގެން ޒަޔަނިސްޓު އިސްރާއީލުގެ ކިބައިން ބަދަލު ހިފާނެ ކަމަށާއި, ޔަހޫދީންނަށް އަދަބު ދޭނެ ކަމަށް ވިދާޅުވެ, އީރާނުގެ ޒައީމް އާޔަތުالله ޢަލީ ޚާމަންއީ ޔަހޫދީންނަށް އިންޒާރު ދެއްވައިފިއެވެ. އޭނާ ޔަހޫދީންނަށް އިންޒާރު ދެއްވާފައި ވަނީ ބަރަކާތްތެރި ރަމަޟާން މަސް ނިމި, ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޫރިޔާގެ ވެރިކަން ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓް ޢިމާރާތަށް ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮންއަޅާފައި ވަނީ އޭޕްރިލް 1 ވަނަ ދުވަހުއެވެ. އެ ޙަމަލާގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް ސިފައިން ޝަހީދު ކޮށްލިއެވެ.
"[އެހެން ޤައުމެއްގައި ހުންނަ] އީރާނުގެ ކޮންސިޔުލޭޓަކަށް ބޮން އެޅުމަކީ, އީރާނުގެ ފަސްގަނޑަށް ޙަމަލާ ދިނުމާ އެއްފަދަ ކަމެއް. ޖައްބާރު ޔަހޫދީންގެ ސަރުކާރުން އެ ހެދީ ބޮޑުވެގެންވާ ގޯހެއް. އެ މީހުންނަށް އަދަބު ދޭން ޖެހޭ. އަދަބު ދޭނަން،" ޚާމަންއީ ވިދާޅުވިއެވެ.

ދިމިޝްޤުގައި ދިން ޙަމަލާގައި ޝަހީދު ކޮށްލާފައިވާ އީރާނުގެ ސިފައިންގެ ތެރޭގައި އައިއާރްޖީސީގެ އެންމެ ބާރުގަދަ ޤުދުސް ލަޝްކަރުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ބްރިގޭޑިޔަރ ޖެނެރަލް މުޙައްމަދު ރިޟާ ޒާހިދީ ހިމެނެއެވެ. ޒާހިދީއަކީ, ޔަހޫދީންގެ މި ފަދަ ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ އައިއާރްޖީސީގެ އެންމެ އިސް އެއް އޮފިސަރެވެ. މިއީ, ޒާހިދީ ޝަހީދު ކޮށްލުމުގެ ބޭނުމުގައި ދީފައިވާ ޙަމަލާއެއް ކަމުގައި އީރާނުން ދެކެއެވެ. މީގެ ކުރިން ވެސް, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރިއްޔާގެ އޮފިސަރުންނަށް އަމާޒު ކޮށް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ.

އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ އެކު, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރިއްޔާގެ އޮފިޝަލުންނަށް ޙަމަލާ ދިނުން ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފައެވެ. މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އައިއާރްޖީސީގެ ސިފައިންނާއި ކޮމާންޑަރުންނަށެވެ. އަދި, އީރާނުން ވާގިވެރިވާ ލުބްނާނުގެ ޙިޒްބުالله ޖަމާޢަތުގެ ހަނގުރާމަވެރިންނަށެވެ.

ކޮންސިޔުލޭޓަށް ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް ޔަހޫދީން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އީރާނުގެ މިސައިލްތަކާއި ޑްރޯންތަކަށް އޮޅުވައިލުމުގެ ގޮތުން ޖީޕީއެސްގެ ޚިދުމަތްތައް ކަނޑައިލުން ހިމެނެއެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނަށް ޗުއްޓީ ދިނުން ހުއްޓައިލައި, އިތުރު ރިޒަރވް ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި, އެ ޤައުމުގެ އަސްކަރީ ވައިގެ ބަނދަރުތަކުގައި ހުރި އަސްކަރީ މަތިންދާބޯޓުތައް ރޫޅައިލައި, ބަންދުކޮށް, ފޮރުވަން ވެސް މަސައްކަތް ފަށާފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އީރާނުން ފާޅުގައި އަސްކަރީ ހަރަކާތެއް ހިންގާފައެއް ނުވެއެވެ. ނަަމަވެސް, އީރާނުން ވާގިވެރިވާ ކަމަށް ބުނާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދަނީ ޔަހޫދީންނާއި އެމެރިކާގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި, ޔަހޫދީންނާއި އެމެރިކާއާ ދެކޮޅަށް ފާޅުގައި ހަނގުރާމައަށް ތެދުވާން އީރާނުން ބޭނުމެއް ނުވާނެއެވެ. ނަމަވެސް, އީރާނުން ވާގިވެރިވާ ހަތިިޔާރު އެޅި ޖަމާޢަތްތައް މެދުވެރިކޮށް, ޔަހޫދީންނާއި އެމެރިކާގެ މަސްލަޙަތު ހިމެނޭ ތަންތަނަށް ޙަމަލާދިނުން އިތުރު ކުރާނެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,360އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,993އަށް އުފުލިފައެވެ.