ޚަބަރު

އަލް-އަޤްޞާގެ ޢީދު ނަމާދުގެ ޖަމާޢަތުގައި 60,000 މީހުން


ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި މިއަދު ބޭއްވި ބަރަކާތްތެރި ފިޠުރު ޢީދު ނަމާދުގައި 60,000އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ. މިއީ, އެހެން އަހަރުތަކާ އަޅައިބަލާއިރު މަދު ޢަދަދެކެވެ. އެހެން އަހަރުތަކުގައި އަޤްޞާގައި ކުރާ ޢީދު ނަމާދުގެ ޖަމާޢަތުގައި 100,000އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ އެކު, ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޔަހޫދީ ފައުޖުން ވަނީ ހުޅަނގު އައްސޭރި އަދި ޚާއްޞަކޮށް ބައިތުލްމަޤްދިސްގައި ދިރިއުޅޭ މުސްލިމުންނަށް ދުއްތުރާކޮށް, ފިއްތުންތައް ކުރިމަތި ކުރުން އިތުރު ކޮށްފައެވެ. މި ގޮތުން, އަޤްޞާގައި ކުރާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދަނީ މުސްލިމުންނަށް ހުރަސް އަޅަމުންނެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިން ޔަހޫދީ ފައުޖުން ވަނީ އަޤްޞާ މިސްކިތުގެ މައި ތިން ދޮރާއްޓެއްގައި ބެރިކޭޑު ޖަަހައި ބަންދުކޮށްފައެވެ. އަދި, މިސްކިތަށް ވަނުމުގެ ފުރުޞަތު ދެނީ މަދު ޢަދަދެއްގެ ބަޔަކަށެވެ. ފިޠުރު ޢީދު ނަމާދާ ދިމާކޮށް ވެސް ޔަހޫދީ ފައުޖުގެ ސިފައިން ވަނީ މުސްލިމުންނަށް ހުރަސް އަޅާފައެވެ. އަދި, މިސްކިތަށް ޖަމާވި ގިނަ ޢަދަދެއްގެ ބަޔަކު ހުއްޓުވާފައެވެ.

އަޤްޞާގައި މިއަދު ބޭއްވި ފިޠުރު ޢީދު ނަމާދުގެ ޚުޠުބާގައި, އަލް-އަޤްޞާއަށް ޚިޔާނަތްތެރިވި މީހުންނާއި, ފަލަސްޠީނުުގެ މުސްލިމުން އަތުވެތިކޮށްގެން އުޅޭ ޔަހޫދީންގެ ކިބައިން ސަލާމަތް ކުރެއްވުމަށް އެދި ދުޢާ ދެންނެވިއެވެ. އަދި, މުސްލިމުންގެ މައްޗަށް އިސްތިޢުމާރީ ބާރު ހިންގަމުންދާ ޔަހޫދީންގެ ޖައްބާރު ކަމުން ސަލާމަތް ކުރައްވައި, މުސްލިމުންނަށް ނަޞްރު ދެއްވުމަށް އެދި ދުޢާ ދެންނެވިއެވެ. އަދި, އަޤްޞާ ހިމާޔަތް ކުރުމުގައި ދެމިތިބުމުގެ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

ފިޠުރު ޢީދަކީ މުސްލިމުން ފާހަގަކުރާ ދެ ޢީދުގެ ތެރެއިން އުފާވެރި އެއް ދުވަހެވެ. ނަމަވެސް, އަޤްޞާއާއި ޢައްޒާގައި މިއަދު ޢީދު ނަމާދު ކޮށްފައި ވަނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތަކުގެ ހިޔަނީގައެވެ. ޢީދު ދުވަހުގެ ޖަމާޢަތުގައި ބައިވެރިވި މީސްތަކުންގެ މޫނުމަތިން ފެންނަމުން ދިޔައީ މޮޅިވެރިކަމާއި ހިތާމައެވެ. ހިތްދަތިކަމާއި މާޔޫސް ކަމެވެ.

ޣައްޒާގެ މުސްލިމުން މިއަދު ޢީދު ފާހަގަ ކުރަމުން ދަނީ ބިރުވެރިކަމާއި ނާމާން ކަމުގައެވެ. ބަނޑުފުރާނަ މުއްތި ކުރެވޭނެ މަގެއް ނެތި, ހައިހޫނު ކަމުގައެވެ. އެ މީހުންނަށް ކުރިމަތިލާން ޖެހިފައި ވަނީ ޔަހޫދީންގެ ނުރައްކާތެރި ހަތިޔާރުތަކާއި ޙަމަލާތަކާއެވެ. ޔަހޫދީންގެ ފުރަބަންދާ އެކު, ޣައްޒާއިން ކާބޯތަކެއްޗާއި ސާފު ބޯފެން ވަނީ ހުސްވެފައެވެ. ޣައްޒާގައި ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ މީހުންގެ ޢަދަދު 576,000އަށް އުފުލިފައިވާ ކަމުގައި އދއިން އިންޒާރު ކުރެއެވެ.

އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,360އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,993އަށް އުފުލިފައެވެ.