ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު ޢީދު ސަލާމްކުރައްވައިފި


  • ޢީދު ސަލާން ކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި

  • ޢީދު ސަލާމުކުރުމަށް ގިނަ ބަޔަކު ވަނީ މުލިއާގެއަށް ގޮސްފައި

ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަހުނިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައި، ޢީދުގެ ސަލާން ކުރައްވައިފިއެވެ.

ޢީދު ސަލާން ކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ، މިއަދު ހެނދުނު 9:30 ން 10:30އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ޢީދުގެ ސަލާން ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އެކިދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތަކުންވެސް ޢީދުގެ ސަލާން ކުރެއްވުމަށް ދިޔަކަން ފާހަގަކޮށްލެވޭ.