ޚަބަރު

ރާއްޖޭގެ ޞިއްޙީ ދާއިރާ މިސްރާބު ޖަހާފައި މިވަނީ އިންޤިލާބީ ހެޔޮ ބަދަލުތަކާ ދިމާއަށް: ވަޒީރު


  • މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިއާރަކީ "އަހަރެންގެ ޞިއްޙަތު - އަހަރެންގެ ޙައްޤު"

  • ސިޔާސަތުގެ ތެރެއިން ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނަން ފަށާފައިވާކަމަށް ވިދާޅުވި

  • ރާއްޖޭގައި ދެވޭ ބޭސްގެ ފެންވަރު ކަށަވަރު ކުރުވޭނެ ނިޒާމެއް ވަނީ ޤާއިމުކުރެވިފައިކަމަށް

"އަހަރެންގެ ޞިއްޙަތު - އަހަރެންގެ ޙައްޤު" ފުރިހަމަ މާނާގައި އަދި ދެމެހެއްޓެނިވިގޮތެއްގައި ކަށަރުކުރެވޭނޭހެން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ޤާއިމުކުރެވި އިންޤިލާބީ ހެޔޮ ބަދަލުތަކާދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބުގައެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިއާރަކީ "އަހަރެންގެ ޞިއްޙަތު - އަހަރެންގެ ޙައްޤު" މި ޝިޢާރެވެ. ޚިތާބުގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޞިއްޙަތަކީ ޙައްޤެއްގެ ގޮތުގައި، އެ ނަޒަރިއްޔާތުން، ވަރަށް ފުންކޮށް އަދި ފުޅާކޮށް ވިސްނަން ޖެހޭ ކަމަށެވެ.

ޞިއްޙަތަކީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކުރުމާއި ދެމެހެއްޓުމުގެ އިތުރުން އެ ޙައްޤަށް އުނިކަމެއް ލިބިދާނެ ހުރިހާ ޙާލަތެއްގައި ޞިއްޙަތު ރައްކާތެރިކުރުމަށް އިސްކަންދިނުމުގެ ވިސްނުމާއި ފިކުރު އަށަގަނެ، އަމިއްލަ ދިރިއުޅުމާއި ޢާއިލާއާއި ޖަމާޢަތުގެ ފެންވަރުގައި ކަންކަން އިންތިޒާމުކުރެވޭކަން ވަޒީރު ވާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޤައުމުގެ ޞިއްޙީ އިޖްތިމާޢީ އަދި އިޤްތިޞާދީ ސިޔާސަތުތައް ބައްޓަންކުރެވިގެންދާއިރު، ޞިއްޙަތަކީ އަސާސީ ޙައްޤެއްކަމަށް ރިޢާޔަތްކޮށްގެން ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރުމަކީ މުހިއްމު ކަމެއްކަމަށް ވަޒީރު ޑރ. ޚަލީލު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގިނަ ފަހަރަށް ޞިއްޙަތަކީ ނުވަތަ ޞިއްހަތުގެ ޙައްޤަކީ، ހަސްފަތާލުތަކާ ޞިއްޙީ މަރުކަޒުތަކުން ލިބެން ހުންނަ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައްކަމުގައި ހީވެފައި އޮންނަނަކަމަށާއި އެހެންނަމަވެސް އެއަށްވުރެ ބޮޑަށް ސިއްޙަތާއި ގުޅޭކަންކަމަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ.

"އުނގެނުމާ ތަރުބިއްޔަތުގެ، ކުޅިވަރާ މުނިފޫހިފިލުވުމުގެ މާޙައުލުތަކުގެ އަދި މަގުމަތީގެ ސާފުތާހިރުކަމާ ރައްކާތެރިކަން، ތަޢުލީމާ ތަމުރީނާ ޞައްޙަ މަޢުލޫމާތު، ފަރުދުންގެ މެދުގައި އޮންނަ ގުޅުންތަކާ އިޖްތިމާޢީ ފޭރާން، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހިމެނޭ. މިކަންކަމަކީ، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުގެ އަދި ބައެއްފަހަރަށް ޞިއްޙީ ދާއިރާގެ ބޭރުގައި ހުރި، އެހެނަސް އަހަރެމެންގެ ޖިސްމާނީ އަދި ނަފުސާނީ ޞިއްޙަތާ ސީދާ ގުޅުންހުރި ކަންކަން." ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ވަޒީރު ޑރ. ޚަލީލު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ތެރެއިން ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއްގެންނަން މިހާރު މިވަނީ ފަށާފައިކަމަށެވެ. އަދި ކުރިން، ތަކުރާރުކޮށް އިޙުމާލުވެފައިވާ ކަންކަމާ، ކުރީގެ ބައެއް ދެކޮޅުނުޖެހޭ ސިޔާސަތުތައް މުރާޖަޢާކޮށް ދެމެހެއްޓެނިވި ގޮތަށް ކަންކަން ބަދަލުކުރަން މިހާރު ފަށާފައިވާކަމަށެވެ.

"ކުއްލި ޙާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ޔަޤީން ކުރުމަށް އެއަރ އެމްބިއުލަންސް ގެ ޚިދުމަތް ތައާރަފުކުރުމާ، ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ކަންކަން ފާރަވވެރިކަމާ އަދި އިތުބާރުހުރިގޮތެއްގައި ބަލަހައްޓަން ފެށުމާ، އައު ޚިދުމަތްތައް ތަޢާރަފު ކުރުން ހިމެނޭ. މީގެ ތެރޭގައި ތެލެސީމިއާ ބައްޔާ ކެންސަރު ބައްޔަށް ޚާއްޞަ ހަސްފަތާލު ޤާއިމު ކުރުމާ، ޑިޖިޓަލް ހެލްތުގެ ޚިދުމަތް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްނީ ހަމަޖެހިފައި" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޚަލީލު ވިދާޅުވީ ޞިއްޙީ ފަރުވާގެ އެންމެ މުހިއްމު އެއްބަޔަކީ، ފަރުވާއަށް ދެވޭ ބޭސް ކަމަށާއި ރާއްޖޭގައި ދެވޭ ބޭހަކީ ޞައްޙަ އަދި ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުވޭނެ ނިޒާމެއް މިހާރު ޤާއިމުކުރެވިފައިކަން ވަނީ ފާހަގަކުރެއްވިއެވެ.

"އަހަރެންގެ ޞިއްޙަތު- އަހަރެންގެ ޙައްޤު" ފުރިހަމަ މާނާގައި އަދި ދެމެހެއްޓެނިވިގޮތެއްގައި ކަށަރުކުރެވޭނޭހެން ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މިހާރު ޤާއިމުކުރެވި، އިންޤިލާބީ ހެޔޮ ބަދަލުތަކާ ދިމާލަށް މިސްރާބު ޖަހާފައިކަން ފާހަގަކުރައްވައި ވަޒީރު ޑރ. ޚަލީލު ވަނީ އެހެޔޮ ބަދަލުތަކާއެކު، ޞިއްޙަތާ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެެވެ.