ޚަބަރު

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބަޖެޓު އިތުރުކޮށް، މަސައްކަތްތައް ވަރުގަދަކުރާނަން: ފައިޞަލް


  • ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް އިޝްތިހާރުކުރުން ވަރުގަދަކުރަން ޖެހޭ ކަމަށް ވިދާޅުވި

  • ރާއްޖެގެ އަތޮޅުތައް ވަކި ވަކިން އިޝްތިހާރުކުރުމުގެ ވިސްނުން އެބަހުރި

  • ވަކި މަރކެޓުތަކަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތްތަކެއް ކުރިއަން ގެންދިޔުމަށް ރާވަމުންދަނީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ބަޖެޓު އިތުރުކޮށް، ފަތުރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި ޕްރޮމޯޓުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާއިރު، މިއަހަރުގެ ފުރަތަމަ 3 މަސް ދުވަސްތެރޭ ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 3 މަސް ދުވަސްތެރޭ ރާއްޖެއަށްވަނީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

މި ކާމިޔާބީ އާއިއެކު ރާއްޖެއަށް އިތުރަށް ފަތުރުވެރިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މާރކެޓިންގ ހަރަކާތްތައް އިތުރުކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި މޯލްޑިވްސް މަރކެޓިން އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އަދަދު އިތުރުކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

" އެމްއެމްޕީއާރުސީގެ ބަޖެޓު ކުރިއަށް އޮތްތާގައި އިތުރުކުރުމަށް ރައީސްއަށް ހުށަހަޅާނަން، މިއީ ކުރެވޭ އިންވެސްޓެއް، ރަނގަޅަށް ކުރެވިއްޖެއާ އޭގ ރިޓާރން ލިބޭނެ،" ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި އަތޮޅުތައް ވަކިން އިޝްތިހާރުކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ފަތުރުވެރިންގެ އިތުރު މަރކެޓުތައް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. މި މަސައްކަތްކުރުމުގައި އެންމެ ގިނައިން ފައިސާ ޚަރަދުކުރާ ގައުމުތަކުގައި، ރާއްޖެ އިޝްތިހާރުކުރުމަށް އިސްކަންދެއްވާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"އިތުރު މަރކެޓުތައް އެކްސްޕްލޯ ކުރުމަށް އިންޓަރެސްޓު އެބަހުރި ވަރަށް ބޮޑަށް، އަދި އެކްޒިސްޓިންގ މަރކެޓުތައްވެސް ވަރުގަދަކުރަން މަސައްކަތްކުރާނެ، ވަރަށް ބޮޑަށް ނަމްބަރސްއަށް ބަލައިގެން، ޑާޓާތައް ހޯދައިގެން އެކަން ކުރާނީ،" ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގެސްޓުހައުސް އަދި ރިސޯޓުތައް އިޝްތިހާރުކުރާނީ ވަކި ދެ ސެގްމެންޓުގެ ގޮތުގައިކަމަށެވެ.

ރާއްޖެއިން ފަތުރުވެރިކަމުގެ އިތުރު ރެކޯޑުތައް ހަދާ ރާއްޖޭގެ ފަތުރުވެރިކަން މި 5 އަހަރުތެރޭ އެހެން ހަރުފަތަކަށް ގެންދެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.