ޚަބަރު

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް


  • މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތަކެއް ދަނީ ކުރެވެމުން

  • މައްސަލައެއް ފާހަގަވެއްޖެނަމަ އެކަމެއް ރިޕޯޓު ކުރުމަށް ވަނީ އެދިފައި

  • ރިޕޯޓްކުރާ ފަރާތުގެ ވަނަވަރު ހާމަނުކޮށްވެސް މައްސަލަތައް ހިއްސާކުރެވޭނެ

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށް ހަރުދަނާކުރުމަށް އެކަމާއި ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރާނެ ޚާއްޞަ ނިޒާމެއް ޤާއިމުކޮށްފިއެވެ. ދިފާޢީ ވުޒާރާގެ ދަށުން ގާއިމުކޮށްފައިވާ ޑިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން، ޑާސާއިން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން ނެރުނު ސާކިއުލާއެއްގައެވެ.

ޑާސާގެ ސާކިއުލާއެއްގައި ބުނެފައިވަނީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި މަސައްކަތަކެއް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެކަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފުކަމެއް، ރާއްޖޭގެ ވައިގެ ބަނދަރުތަކުގައާއި މަތިންދާ ބޯޓު ފަހަރުގައި، ނުވަތަ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ގުޅުންހުރި އެއްވެސް ތަނެއްގައި މަސައްކަތްކުރާ މީހަކަށް އަދި ވައިގެ ދަތުރުފަތުރު ބޭނުންކުރާ ދަތުރުވެރިއަކަށް ނުވަތަ އާއްމު ރައްޔިތަކަށް، ފާހަގަވެއްޖެނަމަ އެކަމެއް ރިޕޯޓު ކުރުމަށް ވަނީ އެދިފައެވެ.

މިފަދަ މައްސަލަތައް ޑާސާގެ ސަމާލުކަމަށް ގެނައުމަށްޓަކައި " ކޮންފިޑެންޝަލް ރިޕޯޓިންގ ސިސްޓަމް" މިހާރު ޤާއިމްކޮށްފައިވާ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

މި ނިޒާމް ފަރުމާ ކުރެވިފައިވަނީ ރިޕޯޓްކުރާ ފަރާތް ބޭނުންވެއްޖެ ޙާލަތެއްގައި ވަނަވަރު ހާމަނުކޮށް މައްސަލަތައް ހިއްސާކުރެވޭނެ ގޮތަށެވެ.

ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ވައިގެ ދަތުރުފަތުރުގެ ވަސީލަތް ބޭނުންކުރާ ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ޑާސާއިން ވަނީ އެދިފައެވެ.