ޚަބަރު

ފުރަތަމަ މަހު އެކަނިވެސް އެއަރ އެމްބިއުލާންސްގެ 60އަށްވުރެ ގިނަ ދަތުރު


  • ޖުމްލަ 66 ދަތުރުކޮށް ބަލިމީހުން އުފުލާފައިވޭ

  • ޑޭޝް-8ގެ މަތިންދާބޯޓެއް އަދި ސީޕްލޭނެއް ބޭނުންކުރަމުންދޭ

  • ޚިދުމަތް ފެށީ މަރޗް1ގައި

އެއަރ އެމްބިއުލާންސް ޚިދުމަތް ތަޢާރަފުކޮށް ފުރަތަމަ މަހު ބަލިމީހުން އުފުލުމަށް 60އަށްވުރެ ގިނަ ދަތުރުކޮށްފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ. ސަރުކާރުން މި ޚިދުމަތް ދެނީ ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށެވެ.

ވައިގެމަގުން ބަލިމީހުން އުފުލުމަށް ޚާއްސަ މަތިންދާބޯޓު "އެއަރ އެމްބިއުލާންސް"ގެ ޚިދުމަތް ރާއްޖޭގައި ފެށީ މަރިޗް މަހުގެ 1ވަނަ ދުވަހުއެވެ. މި ޚިދުމަތުމައި ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އަދި އޭޕްރިލް 15އިން ފެށިގެން މި ޚިދުމަތުގައި ސީ ޕްލޭންވެސް ވަނީ ބޭނުންކުރަން ފަށާފައެވެ. އެއީ ޑީއެވްސީ-6 ޓްވިން އޮޓަރ އެކެވެ.

މޯލްޑިވިއަނުން ބުނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކޮށް ފުރަތަމަ 1 މަސްދުވަހު 66 އިވަކުއޭޝަން ހަދާފައިވާކަމަށެވެ. މިއީ ހާލު ދެރަ ބަލިމީހުން އަވަސް ފަރުވާއަށް މާލެއާއި ހަމައަށް ގެނައުމަށް ކޮށްފައިވާ ދަތުރުތަކެވެ.

ކުއްލި ޙާލަތުގައި މީގެކުރިން ބަލިމީހުން އުފުލީ އާއްމު ދަތުރުތަކަށް ބޭނުންކުރަމުންދާ މޯލްޑިވިއަންގެ ޝެޑިއުލް މަތިންދާ ބޯޓުތަކުގައެވެ. އަދި އެމްއެންޑީއެފްގެ އެހީގައި، ހެލިކޮޕްޓަރުގައި މި ޚިދުމަތް ދީފައިވެއެވެ. އޭރު މި ޚިދުމަތްތަށް ޚާއްސަ އިންތިޒާމެއް ސަރުކާރުގެތެރެއިން ނެތުމަކީ ޚަރަދު ބޮޑު އަދި ބަލި މިހާއަށް ޚިދުމަތް ލިބުމުގައިވެސް އެތަށް ވަގުތެއް ހޭދަވި ކަމެކެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް ރާއްޖޭގައި ފެށި ފުރަތަމަ ޚިދުމަތެކެވެ. މި މަސައްކަތްފެށީ ސަރުކަރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެގޮތުން ބޭނުންކުރަމުންދާ 2 ބޯޓަކީ، ބަލިމީހުން ފަސޭހައިން އުފުލޭގޮތަށް އެތެރެ ފަރުމާކޮށްފައިވާ ބޯޓުތަކެވެ. އަދި ޚިދުމަތް ދިނުމުގައި އުޅަނދުތައް އަބަދުވެސް އޮންނާނީ ތައްޔާރީ ޙާލަތުގައެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކާ ޚާއްސަކޮށް 15މީހުންގެ ޓީމެއް ވަނީ ތަމްރީންކޮށްފައެވެ. އޭގެތެރޭގައި ޑޮކްޓަރުން، ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.

މި ޚިދުމަތަށް ސީ ޕްލޭން ތަޢާރަފުކުރުމުގެ އެންމެ ބޮޑު ބޭނުމަކަށްވެސް ވީ، ރަންވޭއެއް ނެތް ސަރަޙައްދުތަކުގެ ރަށްތަކަށްވެސް ޚިދުމަތް ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ. ސީ ޕްލޭންގައި ތެޔޮއަޅަން މަޑުކުރަން ނުޖެހި، އުތުރުން ހަނިމާދުއާ ހަމައަށް އަދި ދެކުނުން ހުވަދޫގެ ރަށްތަކާ ހަމައަށް ދަތުރުކުރެވޭނެއެވެ.

ސީ ޕްލޭން ކައިރިކުރެވެނީ ވަކި މިންގަނޑަކަށް ބަލާ، ބޯޓު ކައިރިކުރެވޭހެން ހުއްދަ ދެވިފައި އޮންނަ ބަނދަރުތަކަށްވާއިރު، މިގޮތަށް ބަލާއިރުވެސް ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތައް މީގެ ތެރޭގައި ކަވަރުކުރެއެވެ.