ޚަބަރު

ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި


  • ވަޒީރު ވިދާޅުވީ މަޝްރޫޢަށް އިންވެސްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް

  • އަމާޒަކީ މިދައުރުގެތެރޭގައި ކެލާ ފަޅުތެރޭގައި ރިސޯޓު ހުޅުން ކަމަށް ވިދާޅުވި

ހއ. ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ކެލާ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިދިޔަ ފެބްރުއަރީމަހު ކެލާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކެލާ ކައުންސިލާއި އެކު ސޮއިކުރި އެއްބަސްވުމާއި ގުޅޭ ތަފްސީލްތައް ހިއްސާކުރައްވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދަޅުވީ މިއީ ދެފަރާތުން ގުޅިގެން މަޝްރޫޢު ކުރިއަށްގެންދިޔުމަށްވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ސިންގަޕޫރު، ދުބާއި، ތައިލޭންޑު އަދި މެދުއިރުމަތީގެ ޤައުމުތަކުގައި އިންވެސްޓުމަންޓު ފޯރަމްތައް ބާއްވާނެ ކަމަށާއި، މި ފޯރަމްތަކުގައި މި މަޝްރޫޢުއަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އަމާޒަކީ މި ދައުރުގެތެރޭގައި ކެލާ ފަޅުތެރެއިން ބިން ހިއްކާ ރިސޯޓެއް ތަރައްޤީކޮށް، ފަތުރުވެރިކަމަށް ހުޅުވާލުން ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޢިއްޒު ކެލާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ، ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމުން، އެރަށުގެ އިތުރުން، އެސަރަޙައްދުގެ އެހެން ރަށްރަށުގެ ޒުވާނުންނަށްވެސް ރަށް ކައިރީގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.