ޚަބަރު

ދުނިޔޭގެ މަޤުބޫލު ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ ވިޓޯލް ބަންކާސްގެ މެޕުގައި ރާއްޖެ


  • ބަންކަރިންގެ ޚިދުމަތް ސިނާޢަތެއްގެ ގޮތުގައި ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް

  • ޖުލައިމަހުގެ ތެރޭގައި ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުން

ދުނިޔޭގެ މަޤުބޫލު ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަޤުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފާހަގަކޮށްލެވޭ ފަރާތެކެވެ.

ވިޓޯލް ބަންކާސްގެ މެޕުގައި މިހާރު ރާއްޖެ ހިމަނާފައިވާއިރު، އިހަވަންދިއްޕޮޅުގައި ޤާއިމުކުރާ ތެޔޮ ފޯރުކޮށްދޭ އިންޓަރނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ޓާރމް ޝީޓުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިންގ ކޮމްޕެނީ ވިޓޯލްއާއެކު މިދިޔަ މާރިޗުމަހުގެ 13 ގައި ވަނީ ސޮއިކޮށްފައެވެ.


މި އެއްބަސްވުމުގެ ދަށުން ބަންކަރިން ޕްރޮޖެކްޓާ ގުޅޭގޮތުން ދެ ފަރާތުން ނިންމަން ޖެހޭ ލިޔެކިޔުންތައް ވަކި ތާރީޚެއްގެ ތެރޭ ނިންމަންޖެހޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އިހަވަންދިއްޕޮޅުގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ ބަންކަރިން ފެސިލިޓީ ހިންގުމުގެ އެކްސްކްލޫސިވިޓީ ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޓީއޯއާއެެވެ. މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި މި ޚިދުމަތް ބޮޑުތިލަދުންމަތީގައި ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެއްކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ސިނާޢަތަކަށްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.