ޚަބަރު

ބޭނުންނުކޮށް މަގުތަކުގައި ބަހައްޓާފައިހުރި 300އަށްވުރެ ގިނަ އުޅަނދު ނަގައިފި


  • އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ މަހުގެ 13ވަނަ ދުވަހު

  • ރޭވެސް 19 ވެހިކަލް ވަނީ ޓޯކޮށްފައި

  • ޤަވާޢިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ދަނީ ބަލަމުން

މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 300 އަށްވުރެ ގިނަ އުޅަނދު މަގުތަކުން ނެގުމަށްފަހު ޓޯކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބޮއްސުންލުމުގެ ސަބަބުން ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ މި މަސައްކަތުގެ ދަށުން ރޭވެސް މާފަންނުގެ އެކި ސަރަޙައްދުތަކުން 19 އުޅަނދެއް ޓޯ ކޮށްފައިވާކަމަށެވެ.

ގިނަ ދުވަސްވެ ހަލާކުވެފައިވާ އުޅަނދުތައް ނައްތާލުމަށް ފުލުހުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މާލެ އަދި ހުޅުމާލެއިން މިގޮތަށް ޕާކުކޮށްފައި ހުރި ގިނަ ޢަދަދެއްގެ އުޅަނދުތައް ވަނީ ނަގާފައެވެ. އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ތިލަފުއްޓަށް ގެންގޮސްގެންނެވެ.

ފުލުހުން ވިދާޅުވީ ބައެއް ސަރަޙައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ބައްލަވަމުންގެންދާނެކަމަށެވެ. އެގޮތުން ގްރީން ޒޯނާއި، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބަލަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލޭ ސަރަޙައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ޤާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސާލީ މިދިޔަ ޖެނުއަރީމަހުއެވެ. ނަމަވެސް އޭގެފަހުން މަގުތަކުގެ ދެ ފަރާތުގައިވެސް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުމަތީގެ ޓްރެފިކް ބާރުބޮޑުވެ މަގުތައް ބޭނުންކުރުމުގައި އުނދަގޫވާތީ، އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.