ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މަސްތުވާތަކެތި އަތުލައިގަތީ ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޕެކޭޖަކުން

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގަތީ، ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް މިދިޔަމަހުގެ 20 ވަނަ ދުވަހު ބަލާ ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން ފެނުނު މަސްތުވާތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ފުރަތަމަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯ ހުރިއިރު، ދެވަނަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 210 ގުރާމް ހުރިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.
އެހެންކަމުން މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.3 ކިލޯ ހުރި ކަމަށާއި، އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.