ޚަބަރު

ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް, އެހެންވަނީ ރައީސްގެ ހަރުދަނާ ފިޔަވަޅުތަކުން: ސަޢީދު


  • ޑޮލަރު އަގު ދައްވީ މަޝްރޫޢުތައް ހުއްޓުވުމުގެ ސަބަބުން ނޫން ކަމަށް ވަޒީރު ވިދާޅުވި

  • މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އިޤްތިޞާދު އޮތީ ނުރައްކާތެރި ހާލަތެއްގައި

  • އިޤްތީާބދީ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ތަޢުރީފްކުރޭ

ޑޮލަރުގެ އަގު ދަށަށް ދަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ބައެއް ފަރާތްތަކުން ޑޮލަރުގެ އަގު ދަށަށް ދަނީ، މަޝްރޫޢުތައް ހުއްޓާލާފައިވުމުން ކަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އެކަމަށް ދެއްވި ރައްދުގައެވެ. ސަޢީދު ވިދާޅުވީ، ހަޤީޤަތަކީ މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ޤައުމުގެ މާލީ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަމަށެވެ. ވަޒީރު އިޝާރާތް ކުރައްވާފައިވަނީ ސަރުކާރު ބަދަލުވިއިރު، ފައިސާ ޗާޕް ކުރުމާއިއެކު ޤައުމުގެ ދަރަނި ޖީޑީޕީ ނިސްބަތުން ބޮޑުވެފައި ވުމަށެވެ. އަދި މިކަން ހައްލުކޮށް ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރު ރަނގަޅުވާން ފަށާފައިވާކަަމށާއި، ޑޮލަރުގެ އަގުވެސް ދަށަށް ދާން ފަށާފައިވާކަމަށެވެ. ޑޮލަރުގެ އަގު ދަށަށް ދަނީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށް ދަނީ އެހެން އެއްވެސް ވެރިކަމެއްގެ މިހާ ކުރީކޮޅު ނުދާ ބާރުމިނެއްގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ފިޔަވަޅުތަކުގެ ސަބަބުން އޭގެ ހެޔޮ އަސަރު ފެންނަމުންދާ ކަމަށް މިދިޔަ ހަފްތާގާއި މަރުކަޒީ ބޭންކް އެމްއެމްއޭއިންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ފައިސާ ޗާޕް ކުރުން ހުއްޓާލަން ނިންމި ނިންމުމާއެކު އެކު ޚަރަދުތައްވެސް ކުޑަކޮށްފައިވާކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 7.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެހެންވެ، މިހާރުގެ ނަންބަރުތަކުން ލަފާކުރާ އަދަދުތަކާ ދިމާވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ތަފާސްހިސާބުތައް ދައްކާ ގޮތުން ރިކަރަންޓް ޚަރަދު އަދި ކެޕިޓަލް ޚަރަދު ވެސް ދަށްވެފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އެގޮތުން ކެޕިޓަލް ޚަރަދު މިއަހަރުގެ މިހާތަނަށް 1.5 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު ހުރީ 3.2 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއާއެކު ސަރުކާރުގެ ޖުމްލަ ޚަރަދުތައް ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ދައްވެފައިވާ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މަޝްރޫޢުތައް ހުއްޓުވާފައިވާ ކަމަށް ބުނަމުންދާއިރު، ރައީސް ޑރ. މުޢިއްޒު ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ވިދާޅުވީ ޢާންމުކޮށް ކޮންމެ ބަޖެޓެއް ފާސްކުރާއިރުވެސް ޢަމަލުކުރާ އުޞޫލަކީ ހިނގަމުންދާ މަޝްރޫޢުތައް ނިންމޭވަރަށް ބަޖެޓުގައި ފައިސާ ހިމެނުންކަމަށެވެ. ނަމަވެސް މަޝްރޫޢުތައް ނިންމާ ވަރާ ގާތަށްވެސް މިއަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާދީފައި ނުވާކަމަށް ރައީސް ވިދާޅުވެފައިވެެއެވެ.