ޚަބަރު

ސިޓީތަކާއި އަތޮޅު ކައުންސިލް ޤާއިމުވެފައިވާ ހުރިހާ ރަށްތައް ޢީދަށް ޒީނަތްތެރިކުރާނީ


  • އިސްލާމީ ވަންތަ ފަރުމާތަކުން ބޮކިފަތިޖަހާ ޒީނަތްތެރިކުރޭ

  • މާލޭގެ އިތުރުން މިފަހަރު އަތޮޅުތަކުގައިވެސް މި މަސައްކަތް ކުރުމަށް ރައީސް ނިންމެވި

  • ބޭނުންވާ ސާމަނު އަތޮޅުތަކަށް ފޮނުވާ އިސްޓްރޯލްކުރަން ވަނީ ފަށާފައި

ޢީދުގެ މުނާސަބަތާ ގުޅިގެން ރަށްތައް ޒީނަތްތެރިކުރުމުގެ މަސައްކަތުގެދަށުން ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް ޤާއިމުވެފައިވާ ހުރިހާ ރަށްތަށް ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު މިހާރު ފޮނުވާފައިވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ނިމުނު އަލްޙާ ޢީދުގެ މުނާސަބަތުގައި ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ޢީދަށް ތަފާތު ގޮތަކަށް މާލެތެރެ ޒީނަތްތެރިކޮށްފައެވެ. އާއްމުކޮށް މަގުތަކުން ފެންނަ ބޮކިފަތިތަކުގެ ބަދަލުގައި އިސްލާމީވަންތަކަށް ދައްކުވައިދޭ ފަރުމާތަކަށް ލައިޓްޖަހާ ޒީނަތްތެރިކޮށްފައިވެއެވެ. އަދި ތަކުބީރުގެ އަޑު މާލެތެރޭގައި ވަނީ އިއްވާފައެވެ. މިއީ މިދިޔަ ޢީދުގައި އާއްމުންގެ އެންމެ ބޮޑު ޝަޢުގުވެރިކަމެއްވެސް ލިބުނު މަސައްކަތެކެވެ. މި މަސައްކަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައިވެސް އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭގޮތަށް ކުލަގަދަކޮށް ޢީދު ފާހަގަކުރުމަށް ނިންމަވާފައެވެ.

މިކަމާގުޅޭ ގޮތުން ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައީސް ނިންމެވިގޮތަށް، އަތޮޅުތަކުގެ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ހުންނަ ރަށްތައް ޒީނަތްތެރިކުރުމަށް ނިންމައި، އެމަކަށް ބޭނުންވާ ސާމާނު މިހާރު ފޮނުވާފައިވާކަމަށެވެ. އަދި މާލެއާއި އަތޮޅުތަކުގައި މިހާރު ކުރަމުންދަނީ މި ސާމާނު އިންސްޓޯލްކުރުމުގެ މަސައްކަތެކެވެ. މިއާއެކު އިސްލާމީވަންތަކަން ދައްކައިދޭ ބޮކިތަކާއި ތަކުބީރުގެ އަޑުން ރައްޔިތުންނަށް ދިރުން ލިބިގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިކަމުގެ މަޤްސަދު ބޭނުމަކީ އިސްލާމީ ވަންތަ ރީތި ސިފަތަކުން އީދު ފާހަގަކުރުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަހިކޮށްދެއްވުންކަމަށެވެ.

ޙިޖުރީ ކަލަންޑަރުގައިވާ ގޮތުން މިފަހަރު ފިޠުރު ޢީދު ދިމާވަނީ އޭޕްރިލް 10ވަނަ ދުވަހަށެވެ. އެއީ އަންނަ ހަފްތާގެ ބުދަ ދުވަސްއެވެ.