ޚަބަރު

ޗައިނާގެ އެހީގައި 17 ރަށަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓް ހޯދުމުގެ އެއްބަސްވުމެއް


  • 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބޭނެ

  • 05 އަހަރަށް ބަހާލައިގެން 72 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދާނެ

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ޞިއްޙަތާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ. ޞިއްޙީ ވުޒާރާއިން ސޮއިކުރެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.

މިއަދު ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބޭނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި 05 އަހަރުގެ މުއްދަތަށް ބަހާލައިގެން ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކާއެކު ރަށްރަށުގައި ލެބޯރެޓަރީ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ޞިއްޙީ މަރުކަޒުތަކުން ދެމުން ގެންދާ ޞިއްޙީ ޚިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެކަމަށްވެސް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފުޅާ ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.