ޚަބަރު

އެމްޑީޕީގެ ތާޢީދު އޮތީ ޕާޓީގެ ކެންޑިޑޭޓުންނަށް އެކަނި: ރައީސް ޞާލިޙް


  • މަޖިލިސް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށް އެމްޑީޕީއިން ބުނޭ

  • ޕާޓީގެ ތާޢިދު ޕާޓީ ކެންޑިޑޭޓުން ފިޔަވާ އިތުރު ބަޔަކު ނުލިބޭނެ

  • އެމްޑީޕީން 90 ދާއިރާއަކަށް ވާދަ ކުރޭ

އެމްޑީޕީގެ ތާޢީދާއެކު މަޖިލިސް އިންތިޚާބުގައި ނިކުމެފައި ތިބޭނީ އެމްޑީޕީ ކެންޑިޑޭޓުން އެކަނި ކަމަށާއި އެހެން ބަޔަކު ނުތިބޭނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރުމަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ބޮޑު ތަފާތަކުން އެ ޕާޓީން ކާމިޔާބު ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އެޕާޓީން އެހެން އެއްވެސް ބަޔަކަށް ތާޢީދު ނުކުރާ ކަމަށާއި، ތާޢީދު ކުރާނީ އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ އެމްޑީޕީގެ މެންބަރުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް؛ އެމްޑީޕީގެ ތިލަފަތާއި އެކީގައި ނިކުމެ ތިބޭނެއޭ އެމްޑީޕީ މެންބަރުން. އެބޭފުޅުންނަށް ތިބޭފުޅުން ވޯޓު ދެއްވާށޭ. އެހެން ބަޔަކު ނުތިބޭނެ އަޅުގަނޑުމެން ތާޢިދުކޮށްފަ. އެހެން ހުރިހާ ދާއިރާ އެއީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ދައިރާތައް. ނަމަނަމަ ބަޔަކު އެހެން ގޮތަކަށްވެސް މި ވާހަކަ އެބަ ދައްކާ ތިމަންނަ މެންނަކީ އެމްޑީޕީ މީހުންނޭ. ތިމަންނަމެން އެމްޑީޕީއަށް އެންބުރި ދާށޭ މިތިބީ. އަޑު ނާއްސަވައްޗޭ އެވާހަކަ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވެފައިވާއިރު، އެ ޕާޓީން ވަނީ ފެލިދޫ ދައިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ތާއީދުކުރަން ނިންމާފައެވެ. އަދި އެޕާޓީން މިހާރު ހިންގަމުންދާ 19 ވަނަ މަޖިލީހުގައި ދަ ޑިމޮކްރެޓްސް ޕާޓީއާއެކުވެސް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.