ޚަބަރު

ރާއްޖެއިން ނުލިބޭ ބޭސް، ބޭރުން ގަންނަން ހޭދަކުރާ ފައިސާ ރިފަންޑުކޮށްދިނުން ހުއްޓައެއްނުލާ: ހީނާ


  • އެމްޑީޕީގެ ރައީސް ބޭސް ގަންނަން ފައިސާ ނުލިބޭ ކަމަށް ބުނި ބުނުން ހީނާ ދޮގުކުރޭ

  • ބޭސް ގަންނަ ފަރާތްތަކަށް ފައިސާ ރީފަންޑު ކޮށްދެނީ އެންސްޕާއިން

ރާއްޖެއިން ނުލިބޭ ބޭސް، ބޭރުން ގަންނަން އާންމު ރައްޔިތުން ހޭދަކުރާ ފައިސާ އުޞޫލުގެ ތެރެއިން ބިލް ހުށަހެޅުމުން ރިފަންޑުކޮށްދިނުން ހުއްޓާލާފައި ނުވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ސަރުކާރު ބަދަލުވި ފަހުން ދާއިމީ ބަލިތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށް އާސަންދަ މެދުވެރިކޮށް ބޭސްގަންނަން ފައިސާ ނުލިބޭކަމަށް ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. މިކަމާއި ގުޅިގެން ޝާހިދު ކުރެއްވި ޕޯސްޓުގައި އާންމު ފަރާތެއްގެ ޝަކުވާ ކަމަށް ބުނެ އެފަދަ މައްސަލައެއްވެސް ހިއްސާކޮށްފައިވެއެވެ.

ސިއްޙީ ކަންކަމުގައި ބޭރުންހޯދާ ޚިދުމާތާއި، ގަންނަ ބޭހުގެ ބިލްތައް ރިފަންޑް ކުރަނީ އާސަންދަ ކުންފުނިން ނޫންކަން ފާހަގަކުރައްވައި އެންސްޕާގެ ސީއީއޯ ހީނާ ވިދާޅުވީ، ޝާހިދުގެ ޕޯސްޓްގައި ހިމަނާފައިވާ ފަރާތުގެ ބޭސް ގަތުމަށްފަހު ހުށައަޅާފައިިވާ ބިލަށް އެންމެ ފަހުން ފައިސާ ހަމަޖައްސާފައި ވަނީ މިދިޔަ ޑިސެމްބަރުމަހުކަމަށެވެ.

ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށްފަހު ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެންސްޕާއަށް ބިލް ހުށައެޅުމުން ކޮންމެ ރައްޔިތަކަށްވެސް އެންސްޕާއިން އެފައިސާ ރިފަންޑްކޮށްދޭކަމަށާއި، އެކަން އެގޮތަށް ކުރަނީ ވަކި ސަރުކާރެއް އޮވެގެން ނޫންކަމަށް ހީނާ ވިދާޅުވިއެވެ.

އަދި ކުރިއަށްއޮތްތަނުގައިވެސް ރާއްޖެއިން ނުލިބޭ ބޭސް އާންމު ރައްޔިތުން އެގޮތަށް ބޭސްގަތުމަށް އެންސްޕާއިން ދޭންޖެހޭ އެހީ ލިބޭނެކަމުގެ ޔަގީންކަން ސީއީއޯ ހީނާ ވަނީ ދެއްވާފައެވެ. އަދި ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ މިވީ ދުވަސްތަކުުގެ ތެރޭގައި އެތައް ފަރާތަކަށް އެގޮތަށް ފައިސާ ރިފަންޑްކޮށްދީފައިވާކަން ހީނާ ވާނީ ފާހަގަކުރައްވާފައެވެ.

ކުރީގެ ސަރުކާރުން އެންސްޕާ އާއި އާސަންދައިން އުޞޫލުތަކާއި ޚިލާފަށް ސިޔާސީ ކަންކަމަށް ޚަރަދުކޮށްފައިވާކަން ހާމަވާކަން ފާހަގަކުރައްވައި ހިނާ ވަނީ ޤައުމުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ސިޔާސީ މަޤުޞަދުތަކެއް ހާސިލްކުރުމަށް ކަންކަމުގެ ހަޤީގަތް އޮޅޭގޮތަށް ވާހަކަތައް ނުފެތުމަށް ގޮވާލައްވާފައެވެ.


‏ޤައުމުގެ ބޮޑެތި މަޤާމްތައް އަދާކުރައްވާ “ދުނިޔޭގެރައީސް”ކަން ކުރައްވާފައިވާ ބޭފުޅަކު ރައްޔިތުން ގާތަށްގޮސް އެބޭފުޅުންގެ އިޙްސާސްތަކާކުޅެ، މަޖިލިސް އިންތިޚާބާ ދިމާކޮށް ޑްރާމާކުޅުމުން ތިބޭފުޅުން ވެއްޓިފައިވާ ދަށު ދަރަޖަ ވަރަށް ބޮޑަށް ސާފުވެއްޖެ. މިދިޔަ ސަރުކާރުގައި ބައި އިލެކްޝަންތަކާއި ދިމާކޮށް، އާސަންދަ އެންސްޕާގެ މޭޒު އެ ދާއިރާތަކުގައި ބަހައްޓައިގެން ތިބޭފުޅުން ބޭނުންވާ ބަޔަކަށް އުސޫލާ ޚިލާފަށް ކަންކަންކޮށްދިންކަން ވަރަށް ސާފު.