ޚަބަރު

ޗައިނާގެ ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް 1500 ޓަނުގެ ބޯފެން ހަދިޔާކޮށްފި


  • މި 1500 ޓަނުގެ ފެނުގެ ޝިޕްމަންޓް މިހާރު ވަނީ ރާއްޖެ އައިސްފައި

  • މިފެން ބޭނުން ކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ޙާލަތްތަކުގައި

ޗައިނާގެ ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ދިވެހިރާއްޖެއަށް 1500 ޓަނުގެ ބޯފެން ހަދިޔާކޮށްފިއެވެ.

މި 1500 ޓަނުގެ ބޯފެނަކީ ޗައިނާގެ އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތޭރޭގައި ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއަށް ހަދިޔާ ކުރައްވަން ނިންމެވި ފެނުގެ ޝިޕްމަންޓެކެވެ. މިއީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1500 ޓަނުގެ ޝިޕްމަންޓެކެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ޗައިނާގެ ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކުރި 1500 ޓަނުގެ ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ އައިސްފައިވާކަމަށެވެ. އަދި މިފެން ބޭނުން ކުރަން ނިންމާފައިވަނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަންދިމާވާ ޙާލަތްތަކުގައި އެރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށްކަމަށެވެ.

ޗައިނާގެ އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން ޔަން ޖިން ހައި މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާ، ދިވެހިރާއްޖެއާއި ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ މަސްލަހަތު ހުރި އެކި ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކަރައްވާފައެވެ.

އެގޮތުން ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާއި، ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންއާއި ރާއްޖެއާ ދެމެދުގައިވާ ސަޤާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތައް ފަދަ ދެޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ޗެއަރމަން ޔަން ވަނީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ސަޤާފަތާއި ޖިއޮގްރަފީއާއި އެތަނުގައި ހިމެނޭ އާދަޔާ ޚިލާފު ތަފާތު ތިމާވެށި ހިމެނޭ ގޮތަށް އެކި ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ.