ޚަބަރު

ޕާކިސްތާނުގެ އަސްކަރީ މަރުކަޒަކަށް ޙަމަލާދީ އެކަކު މަރައިލައިފި


ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ވައިގެ ބަނދަރަކަށް ޙަމަލާދީ, ސިފައިންގެ މީހަކު މަރައިލައިފިއެވެ. ހަތިޔާރު އެޅި ޖަމާޢަތެއްގެ ބަޔަކު ޙަމަލާ ދީފައި ވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނު ބަލޫޗިސްތާން ޕުރޮވިންސުގައި އޮންނަ ތުރްބަތް އަސްކަރީ ވައިގެ ބަނދަރަށެވެ. މިއީ, ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގެ އަސްކަރީ މަރުކަޒަކަށް ޙަމަލާތަކެއް ދީފައިވާ ދެވަނަ ފަހަރެވެ.

ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވީ, އަސްކަރީ ވައިގެ ބަނދަރަށް ދިން ޙަމަލާގައި ހަތިޔާރު އެޅި ފަސް މީހުން ބައިވެރިވި ކަމުގައެވެ. އަދި, ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ރައްދު ޙަމަލާގައި އެ ފަސް މީހުން މަރައިލާފައި ވާނެ ކަމުގައެވެ. އެއީ, ބަލޫޗިސްތާނަށް މިނިވަން ކަން ހޯދައިދިނުމުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ބަލޯޗް ލިބެރޭޝަން އާމީ (ބީއެލްއޭ)އަށް ނިސްބަތްވާ ބަޔެކެވެ. އެ ޖަމާޢަތުން ވަނީ ޙަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައެވެ.

ބީއެލްއޭން މީގެ ކުރިން ވެސް ބަލޫޗިސްތާންގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. މީގެ އިތުރުން, އެ ސަރަޙައްދުގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާ ޗައިނާގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ވެސް ބީއެލްއޭން ދަނީ ޙަމަލާ ދެމުންނެވެ.

ބަލޫޗިސްތާނަކީ, ޕާކިސްތާނާއި އަފްޣާނިސްތާން އަދި އީރާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ, ޤުދުރަތީ މައުދަނުގެ މުއްސަނދި ކަން ލިބިފައިވާ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ޗައިނާއިން ދަނީ ޢުމްރަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި, އެ ސަރަޙައްދުގައި އޮންނަ ގަވާދަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

ހުސްވި ހަފުތާގައި ބީއެލްއޭން ވަނީ, ގަވާދަރު ބަނދަރު ހުންނަ ސަރަޙައްދުގައި ބަޑިއާއި ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ދެ ސިފައިން މަރުވިއެވެ. އަދި, ސިފައިން ދިން ރައްދު ޙަމަލާތަކުގައި ބީއެލްއޭގެ އަށް ހަނގުރާމަވެރިން ވަނީ މަރައިލާފައެވެ.