ޚަބަރު

ޣައްޒާގައި ޔަހޫދީން ގަތުލުއާންމު ހިންގާކަމަށް އދގެ މާހިރެއްގެ ތުހުމަތު


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ގަތުލުއާންމު ހިންގަމުންދާ ކަމަށް އދގެ މާހިރެއް ތުހުމަތު ކުރައްވައިފިއެވެ. ޔަހޫދީންނާ ދެކޮޅަށް މި ތުހުމަތު އުފުއްލަވާފައި ވަނީ, ފަލަސްޡީނުގެ ސަރަޙައްދުތަކަށް އދއިން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރަޕޯޓަރ ފްރަންޗެސްކާ އަލްބެނޭޒޭ ތައްޔާރު ކުރައްވާފައިވާ ރިޕޯޓެއްގައެވެ.

އަލްބެނޭޒޭގެ ރިޕޯޓުގައި އޭނާ ވިދާޅުވީ, އދގެ ޖެނީވާ ކޮންވެންޝަނުގައި ކަނޑައަޅާފައިވާ މާއްދާގެ ތެރެއިން ތިން މާއްދާއަކާ ޔަހޫދީ ފައުޖުން ޚިލާފުވެފައިވާ ކަމުގައެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބެލުމުގެ ފުރުޞަތު އޮތް ކަމުގައެވެ.

ފަލަސްޡީނުގެ ސަރަޙައްދުތަކަށް އދއިން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރަޕޯޓަރގެ މަޤާމަށް އަލްބެނޭޒޭ ޢައްޔަން ކޮށްފައި ވަނީ އދގެ އިންސަނީ ޙައްޤުތަކާ ބެހޭ ކައުންސިލުންނެވެ. އެއީ, އދގެ ފަރާތުން ނިންމުންތައް ނިންމުމުގެ ބާރު ލިބިދީފައިވާ މަޤާމެއް ނޫނެވެ. އަލްބެނޭޒޭ ވިދާޅުވީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ގަތުލުއާންމު ހިންގަމުންދާ ކަން ހާމަކޮށްދެވޭ ވަރަށް މަޢުލޫމާތު ލިބިފައިވާ ކަމުގައެވެ.

"ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ބޭނުން ކުރަމުންދާ ހަތިޔާރާއި އުކުޅުތަކަށް ބަލައި, ޣައްޒާ ސުންނާފަތި ކޮށްލާފައިވާ މިންވަރަށް ބަލައި, މިއީ ފަލަސްޠީނުގެ ނަސްލެއް ނައްތައިލަން ހިންގަމުންދާ ޢުދުވާނެއް ކަން ވަރަށް ސާފުކޮށް ހާމަވެގެންދޭ،" އަލްބެނޭޒޭ ވިދާޅުވިއެވެ.

ޖެނީވާ ކޮންވެންޝަނާ ޚިލާފަށް ޔަހޫދީ ފައުޖުން ހިންގާފައިވާ ކުށްތަކުގެ ތެރޭގައި އެއް ގުރޫޕަކަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މެންބަރުން މެރުމާއި, އެ ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުމާއި, އަދި އެ ބަޔެއްގެ ނަސްލު ނައްތައިލުމުގެ މަޤުޞަދުގައި އެ ބަޔަކު ނެތިދާނެ ފަދަ ހާލަތްތަކެއް މަޖުބޫރު ކުރުވުން ހިމެނެއެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,333އަށް އުފުލިފައެވެ. އަލްބެނޭޒޭ ވިދާޅުވީ, އިތުރު 12,000އެއްހާ މީހުންގެ ހަށިތައް އަދި ނުފެންނަ ކަމަށާއި, އެ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ.

ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަލްބެނޭޒޭ ވެސް ވިދާޅުވީ, ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,694އަށް އުފުލިފައެވެ.

ޒަޔަނިސްޓު އިސްރާއީލުން ވަނީ އަލްބެނޭޒޭގެ ރިޕޯޓު ދޮގުކޮށް, ރިޕޯޓު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އެމެރިކާއިން ވެސް ވަނީ, އަލްބެނޭޒޭ ރިޕޯޓެއް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި އޮތް ނަމަވެސް, އިސްރާއީލުން ގަތުލުއާންމު ހިންގާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށް ބުނެފައެވެ. އަދި, ޔަހޫދީ ފައުޖުން ފަލަސްޠީނުގެ މުސްލިމުންގެ އިންސާނީ ޙައްޤުތައް ނިގުޅައިގެންފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމުގައި ވެސް އެމެރިކާއިން ބުނެއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމަށް އެމެރިކާއިން ދަނީ ހިތްވަރު ދެމުންނެވެ. އަދި, ޔަހޫދީންގެ ގަތުލުއާންމުތައް ދިފާޢުކޮށް, އެމެރިކާއިން ދަނީ ޔަހޫދީ ފައުޖުގެ ހިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދެމުންނެވެ. ޣައްޒާގެ އަންހެނުން ގަތުލުކޮށް, ކުޑަކުދިންގެ ލޭއޮހޮރުވައިލައި, ޅަ ދަރިން ޝަހީދު ކުރަމުން ދަނީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރު ކޮށްދެމުންދާ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެންނެއެވެ.