ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު މަޢުލޫމާތު އެބަހުރި: ޣައްސާން


  • ރައީސް ނަޝީދަށް ހަމަލާދިނީ 2021 މެއި 6ވަނަ ދުވަހުގެ ރޭ

  • އިތުރު މަޢުލޫމާތު ވުޒާރާގައި އެބަހުރިކަމަށް ވިދާޅުވި

  • އެމަޢުލޫމާތު ހާމަކުރެވޭނީ އެދިވަޑައިގަތުމުންކަމަށް

  • ރައްކާތެރިކަން ދޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅޭ އިތުރު މައުލޫމާތު ދިފާޢީ ވުޒާރާއަށް ލިބިފައިވާކަމަށް ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރު މޭއި މަހު ހަވަނަ ދުވަހު ދިން ހަމަލާއާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެގޮތުން މެންބަރު އިމްތިޔާޒު ވަނީ އެ މައްސަލައިގެ ފުންމިންނަށް މިސަރުކާރުން ދާނެ ކަމުގެ ޔަޤީންކަން ދެވިދާނެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލައް ޖަވާބު ދެއްވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ އެ މައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތު ދިފާޢީ ވުޒާރާއި މިހާރު އެބަހުރިކަމަށެވެ. ނަމަވެސް އެ ތަފްސީލު ވަޒީރު ނުދެއްވައެވެ.

"ތި ވިދާޅުވި މައްސަލަ ވަރަށް ގާތުން އަޅުގަނޑުމެން ބަލަމުން ދާނަން. އަޅުގަނޑަށް މިހާރު ފެނިފައިހުރި ކަންތައްތަކުގައި ބައެއް މައުލޫމާތު މިމަޖިލީހަށް ހަޤީޤަތުގައި މިމައްސަލާއިގައި އިތުރަށް ހިއްސާކުރަން ދިފާޢީ ވުޒާރާގައި އެބަހުރި. އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުން [މެންބަރުން] އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ." ދިފަޢީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ޤާނޫނުގެ ދަށުން ދިވެހި ސިފައިން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަށްވެސް ރައްކާތެރިކަން ދިނުމުގެ ވާޖިބު ފުރިހަމައަށް އަދާ ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒަރ ފުއްތަކެއް އަރާ، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވާފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވީކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުންވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުންވަނީ ޙުކުމްކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މީހުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅޭ އިތުރު މައުލޫމާތު ދިފާޢީ ވުޒާރާއަށް ލިބިފައިވާކަމަށް ދިފާޢީ ވަޒީރު ވިދާޅުވެފައިވާއިރު، އިމްތިޔާޒް ވަނީ އެކަމުގެ މަޢުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.