ޚަބަރު

މޮސްކޯއަށް ދިން ޙަމަލާއާއި ގުޅިގެން ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


  • މޮސްކޯގެ ހޯލަކަށް ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުކުރެއްވި

  • ޙަމަލާގައި 133 މީހުން ވަނީ މަރުވެފައި

ރަޝިޔާގެ މޮސްކޯގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަޝިޔާގެ ރައީސް ވްލާޑިމިރް ޕޫޓިންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކުއްލި ހައިރާންކަމެއް ލިބިވަޑައިގެންނެވިކަން ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ޓެރަރިޒަމްގެ މިފަދަ ފިނޑި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެ، ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިޚްލާސްތެރި ތަޢުޒިޔާ ފޮނުއްވަމުންނެވެ.

މޮސްކޯގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލްގެ ތެރެއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ޙަމަލާދީފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މި ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 133 އަރާކަމަށް ރަޝިޔާގެ ސްޓޭޓް އިންވެސްޓިގޭޓިވް ކޮމެޓީއާ ޙަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވެއެވެ.

މޮސްކޯއަށް ދިން ޙަމަލާ ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާއިރު، މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މީގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި 4 މީހަކުވެސް ހިމެނޭކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ވިދާޅުވެފައެވެ. މި ޙަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމަޢާއަތެއްކަމަށްވާ އައިއެސްއިން ނަގާފައިވާއިރު، މިކަމުގެ ފަހަތުގައި ޔޫކްރެއިންގެ އަތެއްވާކަމަށްވެސް ރަޝިޔާގެ ބައެއް އޮފިޝަލުން ތުޙުމަތުކުރާކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.