ޚަބަރު

ޔަހޫދީ ފައުޖުން ޣައްޒާގެ ދެ ހަސްފަތާލަކަށް ޙަމަލާދީ ފުރަބަންދު ކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އިތުރު ދެ ހަސްފަތާލަކަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ, އެ ދެ ތަން ފުރަބަންދު ކޮށްފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް މިހާރު އަމާޒު ކުރަމުން ދަނީ ޚާން ޔޫނިސްގައި ހުންނަ އަލް-އަމަލް ހަސްފަތާލާއި އަލް-ނާޞިރު ހަސްފަތާލަށެވެ. ބަރު ހަތިޔާރާ އެކު ޔަހޫދީ ފައުޖުން ވަނީ އެ ދެ ހަސްފަތާލު ވަށައިލާފައެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނީ, އަލް-އަމަލް ހަސްފަތާލަށް ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކު ފަހަރުން ދިން ޙަމަލާތަކުގައި އެ ޖަމުޢިއްޔާގެ މުވައްޒަފަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, ބާރުގެ ބޭނުންކޮށް, ޔަހޫދީ ފައުޖުން އެ ހަސްފަތާލުގައި ތިބި ބަލި މީހުންނާއި, އެ ތަނުގައި ހިމާޔަތް ހޯދަމުންދާ ޢާންމު ރައްޔިތުން ނެރެން މަޖުބޫރު ކުރުވަމުންދާ ކަމުގައެވެ. ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން ދަނީ ހަސްފަތާލުގެ ޢިމާރާތް ސުންނާފަތި ކޮށްލަން ވެސް މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުތައް ތިބީ އަލް-އަމަލް ހަސްފަތާލުގެ ތެރޭގައި ތާށިވެފައި. އެ މީހުންގެ ފުރާނައަށް ވަނީ ނުރައްކާވެފައި. އެ ތަނުން ނިކުމެވޭނެ ގޮތެއް ނެތް،" ރެޑް ކްރެސެންޓުން ބުންޏެވެ. ހަސްފަތާލުގެ ތެރެއަށް ބޮން އުކައި, އެ ތަނުގައި ތިބި ބަލި މީހުންނާއި, ޞިއްޙީ ޚިދުމަތްތެރިންނާއި ޢާންމު ރައްޔިތުން ނެރެން ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.

އަލް-އަމަލް ހަސްފަތާލުން ޞިއްޙީ ޚިދުމަތްތައް ފޯރު ކޮށްދިނުމަށް މިހާރު ވަނީ ހުރަސް އެޅިފައެވެ. އަދި, އެ ތަނުގައި ތިބި ބަލި މީހުން, އައްސޭރިފަށުގައިވާ އަލް-މަވާސީއަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމުގައި ހަސްފަތާލުގެ އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް, ގިނަ ޢަދަދެއްގެ ބަލި މީހުންނާއި އެ މީހުންގެ ޢާއިލާގެ މެންބަރުންގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިން އަދިވެސް ތިބީ ހަސްފަތާލުގައި ތާށިވެފައެވެ.

އަލް-އަމަލާއި އަލް-ނާޞިރު ހަސްފަތާލުގެ އިތުރުން ޣައްޒާގެ އުތުރު ޣައްޒާ ސިޓީގައި ހުންނަ އަލް-ޝިފާ ހަސްފަތާލުގައި ވެސް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދަނީ ޢުދުވާން ހިންގަމުންނެވެ. އެ ހަސްފަތާލު ތެރެއަށް ގަދަބާރުން ވަދެގަނެ, އެ ތަނުގައި ތިބި ބަލި މީހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ޢާންމުންގެ ތެރެއިން 480އެއްހާ މީހުން ހައްޔަރު ކުރިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ޔަހޫދީ ފައުޖުން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ގިނައީ ޞިއްޙީ ޚިިދުމަތްތެރިން ކަމުގައެވެ. އަދި, އެ ހަސްފަތާލުގެ ފަސް ޑޮކްޓަރުން ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއްދީ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ޔަހޫދީންގެ އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ކަމުގައެވެ. އެ ޙަމަލާގައި, އެ ގޭގައި ދިރިއުޅޭ އަހުލުވެރިންގެ ތެރެއިން ހަތް މީހުން ޝަހީދު ކޮށްލިއެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,226އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,518އަށް އުފުލިފައެވެ.