މުނިފޫހިފިލުވުން

ވާހަކަ: ބިލާހެއްނޫން


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ވާހަކަ ލިޔުއްވީ: ފާޠިމަތު ޝިއުނާ ށ.ފުނަދޫ / ޓާގެޓް

  • ހުށަހެޅުއްވީ: އަޙްމަދު މީރާޘް،ހދ.ނޮޅިވަރަންފަރު/ކަނީރު

  • އޮންއެއަރކުރާ ދުވަސް: 24.03.2024

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ސިއްސައިގެން ގޮސްފައި ހަމްނާއަށް ނިދިން ހޭލެވުނުއިރު މުޅިމިހާވަނީ ދާހިއްލާ ފޯވެފައެވެ. ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލިއިރު މެންދަމުންއަލިވެ އެކެއްޖެހީއެވެ. މުޅިމާހައުލުގައިވަނީ ހަމަހިމޭންކަމެވެ. ފަންކާގެ އަޑުފިޔަވައި އިތުރު އެއްވެސް އަޑެއް އެކުޑަ ކޮޓަރިތެރެއަކުން ނީވެއެވެ. މަދަރުސާއިން އެދުވަހު ކިޔަވައިދިން ފިލާވަޅުތައް މުތާލިއާ ކުރުމަށްފަހު ނިދުނުތާ އަދި މިވީ ހަމައެންމެ ދެ ގަޑިއިރެވެ. އަނެއްކާވެސް ހަމަ އެހުވަފެނެވެ. މިއީ މިގޮތަށް މިކަން ތަކުރާރުވި ތިންވަނަ ރެއެވެ. ހަމަ ކޮންމެ ރެއަކުވެސް އެއްހުވަފެނެކެވެ. ހުވަފެނުގައި ފެންނަނީ އޭނާގެ އެންމެ ލޯބިވާ މަންމައެވެ. މަންމަ އޭނާގެ ބޮލުގައި ފިރުމާލުމަށްފަހު ދެންމަންމަ މިދަނީއޭބުނެފައި، ކުއްލިއަކަށް މަންމައަށް ވީނުވީއެއް ނޭންގި ގެއްލޭތަނެވެ. މަންމަ ފެނޭތޯ ހޯދުމަށްޓަކައި އެރަށުގެ ބޮޑުމަގުގައި އެކި ކޮޅުކޮޅު މައްޗައް ދުވާތަނެވެ. އަދި ކުއްލިއަކަށް މަންމަ އޭނާއަށް ފެންނައިރު، އެހީއަށް އެދި އޭނާއަށް ގޮވައި ރޮއި އާދޭސް ކުރާތަނެވެ. އަދި މަންމަ ހުރިތަނުގެ ވަށައިގެން މުޅިތާގައި ލޭގެ ކޯރު ހެދިފައިވާތަނެވެ. އަދި އަހަރެންނަށް މަންމައަށް އެއްވެސްކަހަލަ އެހީތެރިކަމެއް ފޯރުކޮށްނުދެވި ވަނިކޮށް ސިއްސައިގެން ގޮސްފައި ނިދީން ހޭލެވެނީއެވެ. ކުރިން ދެ ރޭވެސް މިހުވަފެން ފެނުމުން މަންމައާއި މިކަން އަހަރެން ހިއްސާއެއް ނުކުރަމެވެ. އެހެނަސް އެހެންރޭތަކާއި ހިލާފަށް މި ބިރުވެރި ހުވަފެން ފެނުން ތަކުރާރުވާން ފެށުމުން މިރޭ އަހަރެންގެ ހިތް މާބޮޑަށް ނުތަވަސް ވެއްޖެއެވެ. ނިދަން އޮށޯވެފައި، ނިދުމުގެ ކުރިން ކިޔުމަށްވާ ހުރިހާ ޒިކުރުތަކެއް އެހެންރޭތަކޭ އެއްފަދައިން މިރޭވެސް ކިއީމެވެ. އެހެންކަމުން މި ފެނުނު ބިރުވެރި ހުވަފެނަކީ ޝައިތޯނީ ވަސްވާހެއް ކަމަށް ބަލައި، އެނދުން ތެދުވެ ފާހާނާއަށްވަދެލައި ވުޟޫކޮށްލައިގެން އައިސް ނިދޭތޯ

އަނެއްކާވެސް އެނދުގައި އޮށޯވެލީމެވެ. ބިރުވެރި ހުވަފެންތައް ފެނުމުން މީހުންނާއި އެކަން ހިއްސާކުރުން ރަގަޅުނުވާނޭކަމުގައި ބުނާތީވެސް އަހަރެން އަޑުއަހަމެވެ. އެކަމަކުވެސް މިހާރު މި ހުވަފެނުގެ ވާހަކަ މަންމައަށް ކިޔައިދޭން އަހަރެން ވަރަށް ބޭނުންވެއްޖެއެވެ. މާދަމާ ހެނދުނު މިވާހަކަ މަންމައަށް ކިޔައިދޭނީއޭހިތައި، މަންމައަށް ކިޔައިދޭނެ ގޮތަކާއިމެދު ފިކުރު ކުރުމުގައި އޮވެވުނީ ކިހާ އިރަކު ކަމެއް ނޭންގެއެވެ. އިސާހިތަކު އަހަރެންނަށް ނިދިއްޖެއެވެ.

ނިދިން ހޭލެވުނީ މަންމަގެ އަޑަށެވެ. "ދަރިފުޅާ މަދަރުސާއަށްދާ ގަޑިޖެހިދާނެ، އަވަހަށް ތެދުވޭ!" މޯޅިއަކަށް ދެމިލައި ނިދި އަޑަކުން މަންމައަށް ޖަވާބު ދިނުމަށްފަހު ގަޑި ބަލާލިއިރު ގަޑިން ފަތިހު ފަސްގަޑި ތިރީހެވެ. އަދި ގަޑިއަށް އަހަރެންނަށް ތައްޔާރުވެގެން މަދަރުސާއަށް ދެވޭހާވަގުތު އެބައޮތެވެ. އެއާއެކު ފުރަތަމަވެސް އެނދުންތެދުވެ ނިދާ ތަންމަތި ރީތިކޮށްލީމެވެ. އަދި އާދައިގެމަތިން ފެންވަރައި ތާޒާވެލުމަށްފަހު ފަތިސް ނަމާދު ކޮށްލީމެވެ. އަދި ނަމާދުކޮށް އަވަދިވުމުން ހެނދުނުގެ ޒިކުރުތައް ކިޔުމުގައި މުސައްލަމަތީ ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލީމެވެ. އަދި ފޮތްދަބަހައް ދުވަހުގެ ތާވަލާއި އެއްގޮތަށް ތަކެތި އަޅައި ހަމަކޮށްލީމެވެ. އެއަށްފަހު ޔުނީފޯމްލައި ތައްޔާރުވާން ފެށީމެވެ. އަދި އަވަސް އަވަހަށް ބަދިގެފަރާތަށް ސައިބޯން ދިޔައީމެވެ. އެގެއަކީ ޒަމާނީ ފެންވަރަށް ފުރިހަމައަށްހަދާފައިވާ ގެއެކެވެ. މުޅިގޭގައިވަނީ ރާނައި ސިމެންތި ޖަހާ ސީލިންގުކޮށްފައެވެ. އެގޭގައިވަނީ ދެ ނިދާ ކޮޓަރިއެވެ. އެއީ މަންމަމެންނަށް ކޮޓަރިއަކާއި އަރެންނަށް ކޮޓަރިއެކެވެ. އަދި ބޮޑު ފެންޑާއެއް ގެޔާއި އިންވެގެންވާގޮތަށް ރީތިކޮށްހަދައި ތަޅުންއަޅައިފައިވެއެވެ. ބަދިގެފަޅި ހުންނަނީ ގެއާއި ވަކިންނެވެ. އެހެން ނަމަވެސް ފެންޑާގެ ތެރެއިން ފަސޭހަކަމާއިއެކު ހިނގާލާފައި ބަދިގެ ފަރާތަށް ދެވޭގޮތަށް މިދެމެދު ވަނީ ހިޔާކޮށް ގުޅުވާލާފައެވެއެވެ. ފެންޑާގެ އެއްކޮޅުގައި ހުންނަނީ ބޮޑު ލަކުޑި އުނދޯއްޔެއް އެލުވާފައެވެ. ފެންޑާގެ ތެރެއިން ހިނގާލާފައި ގޮސް އަހަރެންނަށް ބަދިގޭގެ ދޮރާއި ހަމައަށް ނުދެވެނިސް ރޮށިފިހާވަސް ދުވަންފެށިއެވެ. އަދި ހަމައެއާއެކު

ކަންފަތުގައި ރޭޑިޔޯގެ އަޑު ގުގުމާލިއެވެ. ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމްއިން ގެނެސްދެމުން އެދަނީ ފޯރިގަދަ ލަވަތަކެވެ. އަހަރެންނަށް ކާމޭޒުދޮށާއި ހަމައަށް އާދެވުމުން ސުފުރާމައްޗައް ނަޒަރު ހިންގާލެވުނީ ހިތްހަމަޖެހުމާއި އެކުގައެވެ. މިއަދުގެ ސަޔަށް މަންމަ ތައްޔާރުކޮށްފައި އެހުރީ ހިކި މަހުގައި ބަރަބޯ މަސްހުންޏެވެ. މިއީ އަހަރެންނަށް ހެނދުނުގެ ނާސްތާއަށް ވަރަށް ކަމުދާއެއްޗެކެވެ. ފިހުނު ރޮށިތައް ރޮށިލާ ތައްޓަށްލުމުގައި މަންމަ އަވަދިނެތި ބަދިގެތެރޭގައި އުޅެއެވެ. އަހަރެން ހަމަ ފެނުމާއިއެކު އަވަހަށް ސައިބޯން އައުމަށް ލޯތްބާއިއެކު މަންމަ އަހަރެންނަށް ބުނެލިއެވެ.ކަބަޑުގެ ވަތްގަނޑުން ޖޯޑެއްނަގައި ސައި ތައްޓެއް ގިރައިގެން އައިސް ސައިމޭޒުދޮށުގައި އަހަރެން އިށީންދެލީމެވެ. އަދި ކާން ފެށުމުގެ ކުރީން އަހަރެންނާއި އެކު ނާސްތާކުރުމުގައި މަންމަވެސް ބައިވެރިވެލުމަށް އައުމަށް އެދުނީމެވެ. ނަމަވެސް މަންމަ ރައްދުގައި ހީލާފައި އައިސް އަހަރެންނާއި ޖެހިގެންހުރި ގޮނޑީގައި އިށީންދެލާފައި ބުންޏެވެ. "ދަރިފުޅު ހަގަޑި ސާޅީސް ފަހަކަށް މަދަރުސާއަށް ދާންޖެހޭއިރު އަވަހަށް ސައިބޯލާ! މަންމަ ސައިބޯނީ ބައްޕައާއިއެކު، ބައްޕަ މިސްކިތުން އައީމަ". މިއީ ހަފްތާ ބަންދުގައި ނޫންނަމަ މަންމަގެ އަބަދުގެވެސް އާދައެވެ. އާއިލާ އެންމެން އެއްކޮށް ހެނދުނުގެ ނާސްތާކުރެވެނީ ހަމައެކަނި ހަފްތާ ބަންދު ދެ ދުވަހުގައެވެ. އަހަރެން މަޑުމަޑުން ބޯޖަހާލުމަށްފަހު ނާސްތާ ކުރަންފެށީމެވެ.

މަންމައަށް އަހަރެންގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން ސިއްރެއް ނުވިއެވެ. އަހަރެންގެ ތަބީއަތަށް ބަދަލެއް އައިސްފައި ހުރިކަން މަންމަ ދެނެގަތީ ނުހަނު ފަސޭހަކަމާއި އެކުގައެވެ. އަދި ހަމަ ވަގުތުން އަހަރެންހުރީ ކަމަކާ މާޔޫސްވެފައިތޯ އަހަރެންނާއި ސުވާލުކޮށްލިއެވެ. މަންމައަކީ އަހަރެންގެ އަބަދުގެވެސް އެންމެގާތް އެކުވެރިޔާއެވެ. ކޮންމެ ކަމެއްވިޔަސް މަންމައާއި އެކަމެއް ހިއްސާކުރުމުގައި ފަސްޖެހުމެއް ނުވެއެވެ. އަހަރެމެން ދެމައިންގެ ގުޅުން މާތް ރަސްކަލާންގެ ވާގިފުޅާއެކު އެހާ ބަދައްސެވެ. އެހެންކަމުން މި ތިން ރެއަކު ތަކުރާރުކޮށް މިފެނުނު ބިރުވެރި ހުވަފެނުގެ ވާހަކަ

މަންމައަށް އަހަރެން ކިޔައިދިނީ ކަންބޮޑުވުމާއި އެކުގައެވެ. މަންމަ އަހަރެންގެ ވާހަކަ ޝައުގުވެރިކަމާއެކު ކަނުލައި އަޑުއަހަންއިނީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. "މަންމަ ހީކުރީ ދަރިފުޅަށް ބޮޑުކަމެއް ވީކަމަށް، ނަސީބަކުން އެކަހަލަ ކަމަކަށް ނުވީތީ މަންމަގެ ހިތަށް މިހާރު ހަމަޖެހުމެއް ލިބިއްޖެ!" ފުންނޭވާއެއް ލުމަށްފަހު އަހަރެންގެ ވާހަކަ ނިމުމުން އެންމެ ފުރަތަމަވެސް މަންމަ ބުނެލީ މިހެންނެވެ. އަދި އެއަށްފަހު ވާހަކަ ދައްކަން ފެށިއެވެ. އަބަދުވެސް މަންމަ އަހަރެންނާއި ވާހަކަދައްކާ ނަސޭހަތުގެ ރާގުގައެވެ. މަންމަގެ ނަޒަރުގައި ހުވަފެނަކީ ބިލާހެއްކަމުގައި އަހަރެންނަށް ވިސްނައިދިނެވެ. އަދި އެއީ އަހަރެން މަންމަދެކެ އިންތިހާއަށް ލޯބިވާތީ ކަމުގައިވެސް ބުނެދިނެވެ. އަދިވެސް އެކަން އެގޮތަށް ވެދާނެ ސަބަބެއް ކަމުގައި ބުނެދިނީ، މިއީ އަހަރެން ޖީ.ސީ.އީ އޯލެވެލް އިމްތިހާނު ހަދާ އަހަރުކަމުގައި ވާތީކަމުގައެވެ. އެހެންކަމުން ކިޔެވުމުގައި ސިކުނޑިއަށް ބުރަ ބޮޑު އަހަރަކަށްވާތީ ކަމަށްވެސް ބުނެދިނެވެ. މަންމަ އެބުނިހެން ކިޔެވުމުގައި ވަރަށް ބުރަ ދުވަސްކޮޅެކެވެ. މަދަރުސާގެ ރަސްމީގަޑި ނިމުމުންވެސް، ބައިވަރު އިތުރު ގަޑިތަކަށް މެންދުރުފަހު އާއި ރޭގަނޑުވެސް މަދަރުސާއަށް ދާންޖެހެއެވެ. މުޅި ދުވަސް އެއްކޮށްހެން ހޭދަވަނީ މަދަރުސާގައެވެ. ކިލާސްތައް ގިނަރޭރޭ ނިމެނީ ނުވައެއްވެސް ޖަހާފަހުންނެވެ. ދުވަސް ނިމުމުން ހަމަޖެހުމުގެ ނޭވާއެއް ލެވެނީ ހަމަ ކިރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަކު އެއީ އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތާއި ހިތްވަރެކެވެ. ކަން އެވަނީ މަންމަ އެބުނާހެން ކަމުގައިވެސް ވެދާނެއެވެ.

އަހަރެންމިއީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންގެ އުމުރުން މިހާރު ފަނަރަ އަހަރު ފުރުނީއެވެ. މައިންބަފައިންގެ ހުރިހާ ސަމާލުކަމަކާއި، އަލާލުމާއި، ލޯބި އޭގެ އެންމެ ފުރިހަމައަށް އަބަދުވެސް އަހަރެންނަށް ލިބިލިބި ވެއެވެ. މައިންބަފައިންނަށް ދެވޭނެ އެންމެ ފުރިހަމަ ތަރުބިއްޔަތު އަހަރެންނަށް ދެވޭތޯ އެދެމީހުން އަބަދުވެސް ގަދައަޅައި މަސައްކަތް ކުރެއެވެ. އެހެންކަމުން

އެކަމަށް އަހަރެން ޝުކުރުވެރިވަނީ ކިޔަމަންތެރި، ހުލްޤުހެޔޮ ކުއްޖެއްގެ ގޮތުގައި ދެމިހުރުމުގެ ގަދަ އަޒުމުގައި، އަމަލުން އެކަން ޘާބިތު ކޮށްދެމުންނެވެ. މިކަމަށް އަހަރެންގެ މަދަރުސީ ދައުރު ހެކިވެއެވެ. މަދަރުސާގެ އެންމެ މޮޅެތި ކުދިންގެ ތެރޭގައި އަހަރެން އަބަދުވެސް ހިމެނެއެވެ. އަހަރެންނަށްލިބޭ ރަންވަނަތަކާއި ކާމިޔާބީގެ ހަޤީޤީ ހައްޤުވެރީންނަކީ އެ ލޮބިވެތި މައިން ބަފައިންނެވެ. ނާސްތާކޮށް ނިމުމާއިއެކު އަހަރެން އަވަސްވެގަތީ ގަޑިއަށް މަދަރުސާއަށް ދިއުމަށެވެ.

ދުވަސްވަރަކީ ދެހާސްވަނަ އަހަރުގެ މެދުތެރެއެވެ. ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. މުޅި ގޯތި ތެރޭގައިވަނީ ފެހިކަމެވެ. އެކި ބާވަތް ބާވަތުގެ މާމެލާމެލިން ގޯތިތެރޭގައި ބަގީޗާ ހައްދާފައިވެއެވެ. ބަގީޗާގައި ފޮޅިފައިވާ އެކި ކުލަކުލައިގެ މާމެލާ މެލިން މާހައުލަށް ހިތްގައިމުކަން ގެނުވައިދެއެވެ. ގޯތިތެރެއަށް ނަޒަރުހިންގާލި ކޮންމެ މީހަކަށް މިކަމުން ހިތަށް ފިނިކަން ލިބޭނެކަން ގައިމެވެ. އަދި ގޯތި ތެރޭގައިވާ ހުސްޖާގައިގައި ބޮޑު ބިޔަ ބަނބުކެޔޮ ގަހަކާއި ރުއްތަކެއްވެސް ހުރެއެވެ. މިއީ ބަނބުކެޔޮ މޫސުން ކަމުން އެގަހުގައިވަނީ ބަނބުކެޔޮ އަޅައި ބަރާވެފައެވެ. ރުއްތައް މާގިނަ ނޫނަސް ހައެއްކަ ރުއް އެބަހުއްޓެވެ. ބައެއް ރުއްރުކުގައި ކުރުބާ އިހާތައް ހުރިއިރު، ކާއްޓައް ވެފައިވާ އިހާތައްހުރި ރުއްރުއްވެސް އެބަހުއްޓެވެ. މުޅި ގޯތިތެރެވަނީ ގަސްތަކުން އެކުއެކީ ހިޔާވެފައެވެ. ބާރު ހިނގުމުގައި އަހަރެން ދޮރުއަށި ކައިރިއަށް ނިކުތްއިރު އަހަރެންގެ އެކުވެރިން މަދަރުސާއަށް ދިއުމަށް މަގުމަތީ ހޭލަމޭލަ ވާތަން ފެނެއެވެ. ރައްފުށުގެ އާދަކާދައިގެ މަތިން، ސާނަވީއަށް ކިޔަވާ ދަރިވަރުން ގޮވައިގެން ބެލެނިވެރިން މަދަރުސާ ދޮށައް ދިއުމެއް ނޯވެއެވެ. އެހެންކަމުން އަހަރެންވެސް މަދަރުސާއަށް ދަނީ އެކަންޏެވެ. އަހަރެން ދިރިއުޅޭ ގެ ހުންނަނީވެސް މަދަރުސާއާއި މާ ދުރަކުވެސް ނޫނެވެ. މަންމައަށް ގޮވާލާފައި ދަނީއޭ ބުނުމަށްފަހު، އެކުގައި އެއްކިލާހެއްގައި ކިޔަވާ އެހެން ދެކުއްޖަކު ދާތަން ފެނުމުން އެކުދިންނާއެކު ދިއުމަށް އަހަރެންވެސް ހިނގައިގަތީމެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ރަނގަބީލު ޖަހަންދެން އަނާ އާއި ސަމާއާއިއެކު ކިޔެވުމުގެ އެކިއެކި މަޝްވަރާތައް ކުރުމުގައި މަދަރުސާގެ މައި ދޮރުއަށި ކައިރީގައި ތިންކުދިން މަޑުކޮށްލައިގެން ތިބީމެވެ. މި ދެކުދިންނަކީ އަހަރެންގެ އެންމެގާތް ދެ އެކުވެރިންނެވެ. އަހަރެންގެ ކިލާހުގައި ތިބެނީ ހުސް އަންހެން ކުދިންނެވެ. ރަނގަބީލުގެ އަޑާއިއެކު ހުރިހާކުދިން ދޮރުއަށިން ވަދެގެން އެތެރެއަށް ދާން ހިނގައިގަތެވެ. އަހަރެންވެސް އެހެންކުދިންނާއިއެކު މަޑުމަޑުން އަދަބުވެރި ކަމާއެކުގައި ހިނގާލާފައި ކިލާހައް ދިޔައީމެވެ. ހެނދުނުގެ ދަންފަޅިއަށް ކިޔަވައިދިނުން އޮންނަނީ ގުރޭޑު ހަޔަކުން ފެށިގެން މަތީ ގުރޭޑު ތަކަށެވެ. އެހެންކަމުން ވަރަށް ބައިވަރުކުދިން ހެނދުނު ދަންފަޅިއަށްވެސް މަދަރުސާއަށް އާދެއެވެ. މަދަރުސީ މާހައުލަކީ ތަފާތު މިޒާޖުގެ ކުދިން އުޅޭ ތަނެކެވެ. އަހަރެން ބަލަނީ އަހަރެން ދަންނަ ހުރިހާ ކުދިންނައިވެސް ބަދަހި ގުޅުމެއް ބޭއްވޭތޯއެވެ. އަދި އަހަރެންނަކީ ޕްރިފެކްޓަކަށްވާތީ އަހަރެންގެ އުޅުން ބަހައްޓަނީ އެހެން ކުދިންނަށް، ނަމޫނާ ސިފަތަކެއް ގެންގުޅެން ޖެހޭކަން ވިސްނައިގެންނެވެ. މާހައުލުގެ ހަލަބޮލިކަން ހިމޭން ކޮށްލީ އެސެމްބްލީގެ ރަނގަބީލުގެ އަޑަށެވެ. އެސެމްބްލީ ނިމުމަށްފަހު ފުރަތަމަ ދެ ގަޑިއިރުގެ ކިޔެވުން ނިމިއްޖެއެވެ. ވަގުތަކީ އިސްލާމް މާއްދާ ކިޔަވައިދޭ މުދައްރިސް ކިލާހަށްވަދެ ކިޔަވައިދޭން ފެށިތާ އިރުކޮޅެއް ފަހެވެ. ކުއްލިއަކަށް އިސްލާމް ކިޔަވައިދޭ ސާރާ މުދައްރިސަށް ބޭރުން އައިސް ކިލާހުގެ ދޮރުމައްޗައް އެރުމަށްފަހު ގޮވާލީ، އަހަރެމެންގެ ކިލާސް މުދައްރިސް އައިޝާއެވެ. މިއާއެކު މި ދެ މުދައްރިސުން ވަރަށް ކުޑަ ވަގުތު ކޮޅަކަށް ކިލާހުން ބޭރުގައި ވާހަކައެއް ދައްކާލުމަށް ކިލާހުން ބޭރަށްނުކުތެވެ. އަދި އެނބުރި ކިލާހަށް އައިސް އަހަރެން އައިޝާ މުދައްރިސާއިއެކު ދިއުމަށް އަހަރެންގެ ކައިރިއަށް އައިސް، ސާރާ މުދައްރިސް ވަރަށް މަޑުމަޑުން ބުނެލިއެވެ. އޭރު މުޅި ކިލާސްތެރެ އޮތީ ހިމޭން ވެފައެވެ. ވީ ކީއްކަން ނޭންގި އެއްކުއްޖެއް އަނެއް ކުއްޖެއްގެ މޫނަށް ބަލަލިއެވެ. އަހަރެންގެ ހިތް ބާރަށް ތެޅިގަތެވެ. ގޯސްކޮށް ކަމެއް ދިމާ ވެއްޖެކަމުގެ ސިގުނަލެއް ލިބުނު ކަހަލައެވެ. މުދައްރިސްގެ މޫނުމަތިން ނުތަނަވަސްކަމާއި،

ހާސްކަން ފާޅުވޭވޭ ހުއްޓެވެ. އަހަރެން ކިލާހުން ނުކުމެގެންގޮސް އައިޝާ މުދައްރިސާއި ހަމައަށްދިޔައީމެވެ. އަދި މަޑުމަޑުން އަދަބުވެރިކަމާއި އެކީ އޭނާ އެގެންދަނީ ކޮންތާކަށްތޯއާއި ކީއްވެތޯ މުދައްރިސާއި ސުވާލުކޮށްލީމެވެ. ޖަވާބުގައި ހަމަ އެކަނި އަހަރެންނަށް ބުނެދިނީ ބޮޑުބެ އަހަރެން ބަލައި އައިސް ހުރި ވާހަކައާއި ކޮންމެހެންވެސް އަހަރެން ގެންދަންޖެހޭ ކަހަލަ ކަމެއް މިވަގުތު ދިމާވި ވާހަކައެވެ.

ކުއްލިއަކަށް ކިޔެވުމުގެ ދަންފަޅި ނުނިމެނިސް އޭނާ ބަލައި އަންނާނީ ގައިމުވެސް ކުޑަ ކަމެއް ދިމާވެގެންނެއް ނޫނެވެ. އަދި ބައްޕަ ރަށުގައި ހުރިއިރު ބޮޑުބެ އޭނާ ބަލައި އަންނަންޖެހުނީ ކީއްވެބާއޭ އެވަގުތު ހިތައި ހިތައި ކިޔާލެވުނެވެ. ބޮޑުބެއަކީ އޭނާގެ މަންމަފަރާތުގެ ބޮޑުބޭބެއެވެ. އަދި އެއީ އަހަރެންގެ ދެވަނަ ބައްޕައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަމިއްލަ ދަރިއަކު ބޮޑުބެގެ ނެތުމާއިއެކު، އަހަރެންދެކެ ބޮޑުބެ އަބަދުވެސް ވަރަށް ލޯބިވެއެވެ. ބައްޕަ ރަށުގައި ނެތްނަމަ އެހީއަށް ބޭނުންވާ ހުރިހާ ކަމެއްގައިހެން އަހަރެންނާއި މަންމައަށް އަބަދުވެސް ކޮށްދޭނީ ބޮޑުބެއެވެ. ބާރު ހިނގުމުގައި އައިޝާ މުދައްރިސާއިއެކު މަދަރުސާގެ އިދާރާއާއި ހަމައަށް އާދެވުނުއިރު، އަހަރެންނަށް މަޑުކޮށްގެން ބޮޑުބެ އެތާގެ ދޮރު ކައިރީގައި ހުއްޓެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ވަރަށް ހާސްވެފައި ހުރިހެންނެވެ. ބޮޑުބެ ހަމަ ފެނުމާއިއެކު ފައްޗަކަށް ސުވާލަކަށްފަހު ސުވާލެއް އަހަރެން ބޮޑުބެއާއި ކުރީމެވެ. "ކިހިނެތްވީ؟ ކޮންތާކަށްގެންދަން އަޅުގަނޑު ބަލައި ތި އައީ؟ މަންމަ ނޫނީ ބައްޕަ އަޅުގަނޑު ބަލައި ބަލައި ނައީ ކީއްވެ؟" ނަމަވެސް މިއިން އެއްވެސް ސުވާލަކަށް ބޮޑުބެއަށް ޖަވާބުދެވޭ ވަރެއް ނުވިއެވެ. ހަމައެކަނި ބުނެވުނީ މިހެންނެވެ. "ދަރިފުޅާ ވަރަށް ހިތްވަރުކުރާތި!". މިހެންނެވެ. އެއާއެކު އޭނާގެ ލޯ ކަރުނުން ފުރުނީއެވެ. އަހަރެންގެ ޅަ ސިކުނޑިއަށް އަދިވެސް މިވަނީ ކީއްކަން ދެނެގަންނާކަށް ނޭންގުނެވެ. ބޮޑުބެ އޭނާގެ ފަޓުލޫނުގެ ޖީބުން ރުމަލެއްނަގައި ލޯ ފޮހެލުމަށްފަހު، ބޮޑުބެއާއެކު ދިއުމަށް އަހަރެންގެ ކައިރީ ބޮޑުބެ ބުނެލިއެވެ. ވަރަށް ހިތްވަރު ކޮށްލާފައި ސުވާލުގެ ނަޒަރަކުން ބޮޑުބެއަށް ބަލާލުމަށްފަހު، އޭނާއާއި އެކުގައި ދާން އަހަރެން ހިނގައި ގަތީމެވެ.

އަހަރެން ގެންދިޔައީ ރަށުގެ ސިއްހީ މަރުކަޒާއި ދިމާލަށެވެ. ކުޑަކުޑަ ރަށެއްކަމުން ފަސްވަރަކަށް މިނެޓު ހިނގާލާފައި އެހިސާބައް އަހަރެމެންނަށް ދެވޭނެއެވެ. ދުއްވާ ތަކެތި މަދުވެފައި މަގުތައް އަމާނެވެ. މަގުތައް އެހާ ފުޅާ ނޫނަސް ހިނގާ ބިނގާވެ އުޅެން ދައްޗެއްނޫނެވެ. ސިއްހީ މަރުކަޒު ހުންނަނީ މަދަރުސާވެސް ހުންނަ ފަޅީގައި އަތިރި މައްޗާއި ވީދިމާލަށެވެ. މަދަރުސާއިން ނިކުމެ މައި ދޮރުއަށި ފަޅިއަށް ނިކުތުމުން މަގުގެ ކޮޅުން އެތަން ފެންނަން ހުރެއެވެ. އަހަރެންނާއި ބޮޑުބެ ރަށުގެސިއްހީ މަރުކަޒަށް ދިޔައީ ބާރު ހިނގުމުގައެވެ. އެތަނާއި ހަމައަށް އާދެވުނުއިރު ނުވައެއްޖަހާފާނެވެ. އެތަނުގެ މައި ދޮރުއަށިން އަހަރެމެން ވަދެގެން ދިޔައިރުވެސް ވަރަށް ބައިވަރު މީހުން އެތަނަށް އެއްވެފައި ތިބިކަން އަހަރެންނަށް ފާހަގަވިއެވެ. އާއިލާގެ ގާތް ތިމާގެ މީހުންނާއި ގިނަ އަވައްޓެރިން އެތާ އެއްވެ ތިއްބެވެ. އަހަރެންނަށް އެއްވެ ތިބި މީހުންނަށް ނަޒަރު ހިންގާލެވުނެވެ. އެތާ ތިބި އެންމެންގެ މޫނުތައްވެސް މިލާފައިވާކަހަލައެވެ. އެ އެންމެންގެ މޫނުތަކުން އެ ފެނުނު ކުލަވަރުން އަހަރެންގެ ހިތުގައި ހިނގަ ހިނގައިހުރި ބިރުވެރިކަންވީ އިތުރެވެ. އެ އެންމެންގެ ނަޒަރު ހުރީ އަހަރެމެންނަށް ހުއްޓިފައެވެ. އެ އެންމެންގެ ލޯތައްހެން އަމާޒު ވެފައި ވަނީ އަހަރެމެންނާއި ދިމާއަށެވެ. އަހަރެންނާއި ބޮޑުބެ ފެނުމާއި އެކު އެންމެންހެން ހިމޭންވިއެވެ. އަދި އަހަރުމެންނަށް އެތަނުގެ ގޯތި ތެރެއަށް ވަދެވުމާއިއެކު، މީހުންތަކުގެ ތެރެއިން އެތަނުގެ އެތެރެއަށް ވަންނަ ދޮރާއި ހަމައަށްދާނެ މަގު ތަނަވަސް ކޮށްދިނެވެ. އެހާގިނަ މީހުން އެތަނަށް އެއްވެފައިވާތަން ފެނުމުން އަހަރެންގެ ހިތް އިހުނަށްވުރެ ބާރަށް ތެޅިގަތެވެ. ބައްޕައަށް އަހަރެން ފެނުނީ ސިއްޙީ މަރުކަޒުގެ އެތެރެއަށް ވަންނަން ދިޔައިރު އެތާގެ ދޮރުމަތިންނެވެ. އަހަރެން ހަމަ ފެނުމާއިއެކު ބައްޕަގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. އަދި އަހަރެންގެ ގައިގައި އޮޅުލައިގަނެފައި ބާރަށް ރޯންފެށިއެވެ. އަދި ވަރަށް ހާލުން ބުންޏެވެ. "ދަރިފުޅާ ދަރިފުޅުގެ މަންމައެއްނެތް". ބައްޕަގެ މި ވާހަކަ އަހަރެންނަކަށް ޤަބޫލެއް ނުކުރެވުނެވެ. ޤަބޫލުކުރެވޭނީވެސް ކިހިނެތް ހެއްޔެވެ. މަންމަ ހުންނާނެއެވެ. އަހަރެން މަދަރުސާއަށް މި

ދިޔައީ މަންމައާއިއެކު ސައިމޭޒުމަތީ ވަގުތުތަކެއް ހޭދަކޮށްފައެވެ. މަދަރުސާއަށް އައުމުގެ ކުރިން އަހަރެންނަށް ސައިތައްޔާރުކޮށްދިނީ މަންމަގެ ދެއަތުންނެވެ. އަދި އަހަރެން ކައި ނިމެންދެން ކައިރީގައި އަހަރެންގެ ވާހަކަތައްވެސް މަންމަ އަޑުއަހަންއިނެވެ. އަދި އޭގެ ފަހުން މިވީ ހަމަ އެންމެ ދެ ގަޑި އިރެވެ. އަނެއްކާ މަންމައަށް ކިހިނެތްވީބާވައެވެ. އަހަރެންގެ ހަތަރެސްފަޔާއެކު މުޅި މީހާ ތުރު ތުރު އަޅަމުން ދިޔައެވެ. ބައްޕަގެ ހަމަހޭވެރިކަން ނެންފަދައެވެ. ރުކުއަޅަން މީހަކުގެންނަން މަޑުމިކުރީ މި ހަފްތާ ބަންދުގައި ކަމަށް ރޮއި ރޮއިފައި ގޮވަނީއެވެ. ބައްޕަގެ ހާލަތު ގޯސްވާހެން ހީވުމުން، ބައްޕަގެ ކައިރީގައި ތިބި މީހުން ބައްޕަ އަތުލަފި ކޮށްފިއެވެ. އެފަދަ ހާލެއްގައި ބައްޕަ ވަނިކޮށް މީގެކުރިން ދުވަހަކުވެސް އަހަރެން ނުދެކެމެވެ.

އަވަސް ފަރުވާދޭ ކޮޓަރިއާއި ހަމައަށް އަހަރެން ގެންދިޔައީ ބޮޑުބެ އަހަރެންގެ އަތުގައި ހިފައިގެންނެވެ. އެތާގެ ދޮރުމައްޗައް އެރި އިރު ހުދު ފޮތިގަނޑަކުން ބޮލާއިއެކު މޫނުނިވާކޮށްފައި، އެނދެއްގައި ބޭއްވިފައި އެވަނީ އަހަރެންގެ މަންމަ ކަމުގައި ބޮޑުބެ ބުނެދިނީ ވަރަށް ހިތްވަރު ކޮށްފައެވެ. އޭރު މަންމަ ބާއްވާފައިވާ އެނދުގެ ކައިރީގައި ބިދޭސީ ޑަކްޓަރަކާއި ދިވެހި ދެ ނަރުހުން ތިއްބެވެ. ބޮޑުބެ އެހެން ބުނުމާއިއެކު އަހަރެންގެ މުޅި ހަށިގަނޑު ގަނޑުވެގެން ދިޔަ ކަހަލައެވެ. ބައްޕަ ދެންމެ އެބުނި ވާހަކަ އަހަރެންގެ ކަންފަތް ދޮށުގައި ތަކުރާރުވޭވޭ ހުއްޓެވެ. ނަމަވެސް ހަޤީޤަތް ޤަބޫލުކުރުން ނޫންގޮތެއް މިހާރަކު އަހަރެންނަކަށް ނެތެވެ. މަންމަގެ ގައިމަތީގައި އަޅަފައިވާ ފޮތިގަނޑު ނަގައި އަހަރެންނަށް މަންމަގެ މޫނު ދައްކާލުމާއެކު ބޮލަށް އެނބުރުން އަރާގޮތްވިއެވެ. މަންމަގެ މޫނު ފެނުމާއިއެކު އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. އޭރުވެސް ހުއްޓުމެއްނެތި އަނގައިންނާއި ނޯށުން ލޭއައުން މަނާނުވެއެވެ. މަންމަގެ ކަންފަތަށާއި ނޭފަތަށް ޖަހާފައިވާ ކަފަކޮޅު ނަރުހުން އިރު އިރުކޮޅާ ބަދަލުކުރަމުން ގެންދިޔައެވެ. މޮޔައެއް ފަދައިން އަހަރެން މަންމައަށް ގޮވަންފެށީމެވެ. މަންމާއެވެ. ތެދުވާށެވެ. ލޯ ހުޅުވައި ބަލާލަބަލާށެވެ. ނަމަވެސް މިހާރަކު މަންމައަކަށް އަހަރެންގެ އަޑެއް ނީވޭނެއެވެ. މަންމައަށްވީގޮތް ބޮޑުބެ އަހަރެންނަށް ކިޔައިދިނީ

އެވަގުތުއެވެ. އަހަރެން މަދަރުސާއަށް ދިއުމުން ހެނދުނުގެ ނާސްތާގެ ކަންތައް ނިންމާލުމަށްފަހު، ގޯތި ތެރެ ކުނި ކަހަން އުޅުމުގެ ތެރޭގައި ރުކުން ވެއްޓުނު ކާއްޓަކުން މަންމަގެ ބޮލުގައި ޖެހުނީއެވެ. އަދި ސީރިއަސް އަނިޔާތަކެއް މަންމަގެ ބޮލަށްލިބި، އެކަށީގެންވާ އަވަސް ފަރުވާ ދޭ މަރުކަޒަކާއި ހަމައަށް ނުގެންދެވި ވަނިކޮށް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއުކީއެވެ. ބައްޕަގެ އަމިއްލަ ނަފުސު ކުއްވެރި އެކުރަނީ އެ ހާދިސާ އެ ގޮތަށް ހިނގީ ތީއެވެ. ނަމަވެސް މި ކަމުގައި ބައްޕަގެ އެއްވެސް ކުށެއްނެތެވެ. ބައްޕައަށްވެސް މަންމަ ވަކިވެ ދިޔުމުގެ ހިތާމަ ބަރުދާސްތު ކުރަން ދަތިވީއެވެ. އެދެމަފިރިންގެ އަލަތު ކައިވެންޏަށް އަށާރަ އަހަރު ވީއިރުވެސް ދެގޮތެއްނުވެ، ދިރިއުޅުން އުފާވެރިކަމާއިއެކު ކުރިއަށްދިޔައީ ފަހަރެއްގައިވެސް މިފަދަ ދުވަހެއް އައިސްދާނެކަމަށް ވިސްނައިގެން ހުއްޓައެއްނޫނެވެ. މަންމަގެ އުމުރުން އެންމެ ސާޅީސް އަހަރުގައި އެންމެންނާއި ވަކިވެ ދިޔައީއެވެ. އެއްވެސް ބަލިމަޑުކަމެއްގެ ގިލަންވެރި ކަމެއްގައި އުޅެފައެއްނޫނެވެ. ހަމަ ކުއްލިއަކަށެވެ. ކޮންމެ މީހެއްގެވެސް ވަޤުތު ޖެހުމުން ގެންދަވާނެއެވެ. ނޭންގެނީ ކޮންއިރަކު ކަމާއި ކިހިނެތް ކަމެވެ. މަންމައަކީ އެހެންމީހުންނަށްވާ ލާމަސީލު ނަމޫނާ އެކެވެ. އޯގާތެރި އަންބެކެވެ. ހިތްހެޔޮ މައެކެވެ. އަހަރެންގެ ޅަ ސިކުނޑިއަށް މަންމަގެ ކުއްލި ވަކިވުން ވެގެންދިޔައީ ކެތްނުކުރެވޭނެ ވަރުގެ ހާދިސާ އަކަށެވެ. އަހަރެންނަށް ފެނުނު ހުވަފެނަކީ މަންމަ ބުނިހެން ބިލާހަކަށްވި ނަމައެވެ. ނޫނެކެވެ. އަހަރެންނަށް އެ ފެނުނު ހުވަފެނަކީ ބިލާހެއްނޫނެވެ. މަންމަގެ އެހީއަށް އެންމެ ބޭނުން ޖެހުނު ވަގުތު މަންމަ އަހަރެންނާއި ވަކިވެ އެ ދިޔައީއެވެ. މިކަމަށް އަހަރެންނަށް ކެތްކުރެވޭނީވެސް ކިހިނެތް ހެއްޔެވެ؟ އަހަރެންނަށް މަޑުމަޑުން މަންޒަރު ފުސްވަމުން ގޮސް އަނބުރައިގަނެގެން ބިންމައްޗައް ވެއްޓުނީއެވެ.

- ނިމުނީ -