މުނިފޫހިފިލުވުން

ވާހަކަ: މަޢާފު


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: މަރްޔަމް ޙިމްނާ،ކ.ކާށިދޫ/ޖަނަވަރީގެ

  • ހުށަހެޅުއްވީ: ޙަނާން އިބްރާހީމް،ޅ.ހިންނަވަރު/ސޭވް

  • އޮންއެއަރކުރާ ދުވަސް: 23.03.2024

އަހަންނަށް ހޭލެވުނީ ފިނިވެގެންނެވެ. އަނދިރިކަމަށް ލޯ ހޭނިލުމާއެކު، ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ޖަލުގެ ތޭރިތަކެވެ. މަޑުމަޑުން އަހަރެން އޮތްތަނުން ތެދުވީމެވެ. އެއަށްފަހު އެތަނުގައި ހުރި ލައިޓް ދިއްލާލީމެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއިރު، މެންދަމުން އަލިވެ ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު، އެތަނުގެ އެތެރޭގައި ހުރި ކުޑަކުޑަ ފާޚާނާއަށް އަހަރެން ވަނީމެވެ. ފާޚާނާ ތައްޓެއްގެ އިތުރުން ދެން އެތަނުގައި ހުރީ އެންމެ އިސްކުރެކެވެ. އޭގެ ދަށުގައި މެދު ސައިޒުގެ ބާލިދީއަކާ ކުޑަ ޖަގެއް ބަހައްޓާފައި ހުއްޓެވެ. ކިތަންމެ އުނދަގޫނަމަވެސް، މިވީ ފަސް އަހަރުގެ ތެރޭގައި އަހަރެން ވަނީ އެކަމަށް ހޭނިފައެވެ. ބާލިދީއަށް ފެން އަޅާ ވުޟޫކޮށްލައިގެން ނުކުމެ، ރޯނުގައި އަޅުވާފައި ހުރި ތުވާލިން ފެން ހިއްކާލީމެވެ. ވަށައިގެން ބަލާލުމާއެކުވެސް، މުޅިތަނުން ފަޅުކަމާއި ނާމާންކަން ނޫން އެއްޗެއް ނުފެނުނެވެ. މި ކުޑަކުޑަ ޖަލު ގޮޅީގައި އަހަންނާއެކު ޖުމްލަ ހަތަރު މީހުން ދިރިއުޅުނެވެ. އޭގެތެރެއިން އެކަކު އެހެން ގޮޅިއަކަށް ބަދަލުކުރެވުނުއިރު، ދެން ތިބި ދެމީހުން ވަނީ މީގެ ހަތަރު ދުވަސްކުރިން މިނިވަންވެފައެވެ. އެހެންކަމުން މިހާރު އަހަންނަށް އިޙްސާސްކުރެވެނީ އެކަނިވެރިކަމެވެ.

އެއްފަރާތުގައި ހުރި މޭޒުމަތީގައި އޮތް މުސައްލަ ނަގާ ތަރުފާލުގަނޑުމަތީގައި ފަތުރާލާފައި ދަމު ނަމާދުކުރަން އަވަސްވެގަތީމެވެ. އެކަނިވެރިކަމާއި، ހިތްދަތިކަން އިޙްސާސްވާ ކޮންމެ ފަހަރަކު ނަމާދުން އަހަންނަށް ހިތްހަމަޖެހުން ލިބެއެވެ. މާޔޫސްކަމާއެކު، ކުރެވުނު ކުށާ މެދު ވިސްނާ ކަރުނަ އޮހޮރުވުމުގެ ބަދަލުގައި ހިތުގައިވާ ނުތަވަސްކަމާއި ހާސްކަމަށް ދެވޭނެ ފަރުވާއަކީ ނަމާދުކަމުގައި އަހަރެންގެ ހިތް ޤަބޫލުކުރެއެވެ.

ޖަހާ ކޮންމެ ސަޖިދައަކާއެކު އަހަރެންގެ ހިތަށް ނޭނގޭ ފިނިކަމެއް ލިބެއެވެ. މާޔޫސްވެފައިވާ ހިތަށް ދިރުމެއް ލިބެއެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ކަމުގައި އެއްވެސް ޝައްކެތް ނެތް މިންވަރަށް މިއަދު އަހަރެން ޤަބޫލުކުރަމެވެ. ޙަޔާތުގެ ހަޤީޤީ ފޮނިމީރުކަން އަހަންނަށް ލިބެން ފެށީ، ދީނީ ކަންތަކަށް ފަރުވާތެރިކަން ބަހައްޓަން ފެށި ހިސާބުންނެވެ. ރަނގަޅު ތަޢުބާއަކުން ތަޢުބާވެ، ދުނިޔެވީ އެދުންތަކަށް ފުރަގަސްދޭން ފެށި ހިސާބުންނެވެ.

ނަމާދުކޮށް ނިމިގެން މުސައްލަމަތީގައި ﷲއަށް ޒިކުރުކޮށް އިސްތިޣްފާރުކުރުން މަތީގައި އެތަކެއް އިރަކު އިނީމެވެ. އޭރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. މާޒީއާ މެދު ވިސްނާފައެވެ. ދުނިޔޭގެ އެދުންތަކަށް އިސްކަންދީ ޢާޚިރަތާމެދު ޢާފިލްވެފައިވާ މީހުންގެ ތެރެއިން އިސްލާހުވާން ދެވަނަ ފުރުސަތެއް ލިބުނު މަދުމީހުންގެ ތެރޭގައި އަހަރެން ހިމެނުނުކަމީ މިއަދު އެކަމަށްޓަކައި އަހަރެން ﷲ އަށް ޝުކުރުވެރިވާ ކަމެކެވެ. މާޒީގެ ޚިޔާލުތައް އަހަރެންގެ ސިކުނޑީގެ ލޯގަނޑުގައި ކުރެހެމުން، ތަސްވީރުވަމުން ދިޔަވަރަކަށް އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއްވަމުން ދިޔައެވެ.

އަހަރެންގެ ނަމަކީ ނަދީމެވެ. ބޭބީ ނާރސަރީން ފެށިގެން ގްރޭޑް އަށެއް ނިންމީވެސް ރަނގަޅު ނަތީޖާއަކާ އެކުގައެވެ. މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅުކަމުން އެމީހުން އަހަރެން ބަލާބޮޑުކުރީ ވަރަށް ލޯބިން، ބުނިއްޔާ ބުނިކަމެއް ކޮށްދީގެންނެވެ. އަހަރެންގެ ފަހުން އިތުރު ކުއްޖަކު ހޯދަން މަސައްކަތް ކުރިނަމަވެސް، އެކަން އަހަރެންގެ މައިންބަފައިންގެ ތަޤުދީރުގައި ލިޔުއްވާފައި ނެތެވެ. އެހެންކަމުން، މަންމައާއި ބައްޕަގެ ހުރިހާ ލޯތްބެއް ވަނީ އަހަންނަށް މިލްކުވެފައެވެ.

ރާއްޖޭގެ ހިތްގައިމު ރަށެއްގައި، އަހަރެމެން އުޅެމުން ދިޔައީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. މާ ތަނަވަސް ނޫނަސް އަހަރެމެންގެ އާއިލާއަކީ ފުދުންތެރި ޢާއިލާއެކެވެ. ބައްޕަ ރިފްއަތަކީ މަސްވެރިއެކެވެ. މަންމަ މަރިޔަމް ވަޒީފާއަކަށް ނުދިޔަނަމަވެސް، ފަންގިވިނުން ފަދަ ކަންތައްތައް ކޮށްގެން އާމްދަނީ ހޯދައެވެ.

އެންމެ ފުރަތަމަ އަހަރެންގެ އުޅުމަށް ބަދަލުތަކެއް އައިސްގެން އެކަންތައް މަންމަމެންނަށް ފާހަގަކުރެވި, އެ ވާހަކަ އަހަންނާ ދެއްކީ ގްރޭޑް ނުވައެއްގެ ދެވަނަ ޓާރމު ބަންދުގައެވެ. އޭގެ ފަހުން ސްކޫލް ޓީޗަރުން ވެސް އަހަރެންގެ އުޅުން ބަދަލުވަމުން ދާކަމުގައި ފާހަގަކުރިއެވެ. އެންމެންނަށް އެ ފާހަގަކުރެވުނު ބަދަލުތައް އަހަންނަށް އަންނަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ރައްޓެހިންނެވެ. ކުރީގައި އުޅުނު ރަނގަޅު ރަޙްމަތްތެރިން ދޫކޮށްލާ ކްލާހުގައި ތިބި، އަހަރެމެންގެ ބަހުންނަމަ "ގަޓު" ކުދިންނާ އެކުވެރިވެ ރަޙްމަތްތެރިވީމެވެ. އެމީހުންގެ ތެރޭގައި ހުރި އެންމެ ފިނޑި މީހާގެ ގޮތުގައި "ލޭބަލް" ވާން ފެށުމުން، ސިގިރެޓް ބޯން ފެށީމެވެ. އެމީހުންނާ އެއްބައިވެގެން އެ އަމަލުގައި ބައިވެރިވުމަކީ އަހަންނަށް ކުރެވުނު "ކޫލް" ކަމެއްގެ ގޮތުގައި ސިކުނޑި ވިސްނައިދޭން ފެށީ, އެ އެކުވެރިންގެ ފަރާތުން، އިވެމުން ދިޔަ ބަސްތަކުންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެމީހުންގެ ތެރޭގައި ހުރި އެންމެ ޖެހިލުންކުޑަ މީހާގެ ލަޤަބު އެންމެފަހުން އަހަންނަށް ލިބިއްޖެއެވެ. ކްލާހުގައި ސަކަރާތްޖެހުމާއި، އަންހެން ކުދިންނާ ފޮށުމ,ާ ފުރައްސާރަކުރުމަކީ އަހަންނަށް މަޖާ ކަމަކަށް ވެއްޖެއެވެ. އެކަމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އެންމެ ކައިރީގައި ތިބޭ ރައްޓެހިންގެ ފަރާތުންނެވެ. އެންމެފަހުން އަހަރެންގެ އުނދަގޫ ބޮޑުވެގެން ދެފަހަރަކު ޕްރިންސިޕަލާ ބައްދަލުކުރަން ވެސް ގެންދިޔައެވެ. މަންމައަށް އެ ހުރިހާ ކަމެއް އެނގުނީ އެހާ ހިސާބުންނެވެ. ކަންތައްވީ ގޮތުން ހަމަ އެ ދުވަސްކޮޅު އަހަރެން ސިނގިރެޓް ބޯކަންވެސް މަންމައަށް ފަޅާއަރައިފިއެވެ. އެ ވާހަކަ

ބައްޕަ ކައިރީގައި ބުނުމުން ބައްޕަގެ ނުރުހުމުގެ ބަސްތައް އަހަންނަށް އަމާޒުވިއެވެ. އެ ނޫނީ އެހާ ބާރަށް އަހަރެންގެ ބައްޕައާ މަންމަ އަހަންނާ އަޑު ހަރުކޮށް ވާހަކަ ދެއްކި ދުވަހެއް އަހަރެންގެ ހަނދާނަކު ނެތެވެ.

މަންމައާ ބައްޕަގެ ނަސޭހަތުގައި ކޮޅުފައިން ޖެހުމަށްފަހު، އަހަންނަށް މުހިންމުވީ ރައްޓެހިންގެ ރުހުން ހޯދުމެވެ. ކްލާހުގައި ތިބި ހުރިހާ ކުދިން ޖެހިލުންވާވަރުގެ މީހަކަށް ވާތީ އެ ހިސާބަށް އައުމަށްފަހު، އަނބުރާ ކުރީގެ "ފިނޑި ނަދީމަށް" ވާކަށް އެއްގޮތަކަށް ވެސް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ބޭނުންވީ ބަސް ވިކޭ މީހެއްގެ ގޮތުގައި ހުންނާށެވެ. އެހެންކަމުން މަންމައާއި ބައްޕަގެ ނަޞޭހަތްވެސް އަހަންނަށް މުހިންމު ނުވީއެވެ. މަންމަމެންގެ ޚިޔާލަކީ ބޯދާ ކަޓު ޚިޔާލުތަކެއްކަމުގައި އަހަރެން ނިންމީމެވެ. ނަޞޭހަތުގެ ބަހެއް ބުނާ ކޮންމެ ފަހަރަކު އެއީ ޒަމާނާ ނުގުޅޭ ޚިޔާލެއްކަމުގައި ބުނެ އެ ދެމީހުންނާ ޖަދަލުކުރީމެވެ. އެއީ ކިހާވަރެއްގެ ފާފައެއްކަން އެނގި ހުރެވެސް، އަޑު ވީއްލާ އެ ދެމީހުންނާ ޒުވާބުކުރީމެވެ.

ކިޔެވުމަށް ފަރުވާ ކުޑަ ކުރުމާ، މައިންބަފައިންގެ ބަސް ނޭހުމުގެ ނަތީޖާއެއްގެ ގޮތުން އޯލެވެލްގައި އަހަރެން އެއްވެސް މާއްދާއަކުން ފާހެއް ނުވިއެވެ. އެކަމާ ދެރަވެގެން އެ ވާހަކަ މަންމައާއި ބައްޕަ އަހަންނާ ދެއްކިއެވެ. އަހަރެންގެ އުޅުން އިސްލާޙުކުރުމަށް އެދި އާދޭސްކުރިއެވެ. އެހެންނަމަވެސް ދެންވެސް އެ ދެމީހުންގެ ބަހެއް އަހަންނަކަށް މުހިންމެއް ނުވިއެވެ.

ސުކޫލު ނިންމުމަށްފަހު، ވަޒީފާއެއް ހޯދުމަށް މަންމަ ބާރުއެޅިއެވެ. އެހެންނަމަވެސް، އަހަރެން ވަޒީފާއަކަށް ދާން ބޭނުން ނުވާތީ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ގެއަށް އައިސް ވަންނައިރަށް މަންމައާއި ބައްޕަގެ "ލެކްޗަރު" އަޑު އަހަން ޖެހޭތީ އަހަރެން ހުންނަނީ ބޯ ގޮވާފައެވެ. އެހެންކަމުން އަހަރެން ބެލީ ވީހާވެސް ގިނައިން ބޭރުގައި އުޅެވޭތޯއެވެ. ރޭގަނޑު ގެއަށް ދަނީ ތިނެއް ހަތަރެއް ޖަހާ ފަހުންނެވެ.

އަނެއްކޮޅުން ހޭލަނީ އަނެއް ދުވަހުގެ ހަވީރެވެ. ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމަކީ މުހިންމު ކަމެއްކަމުގައި އަހަރެން ނުދެކެމެވެ.

މަގުމައްޗަށް ގިނަވެގެން އުޅެން ފެށި އަހަރެންގެ ލޮލުގައި ދެން އަޅައިގަތީ އަވައްޓެރިއެއް ކަމަށްވާ ޒުހޫރު ގޯތީގެ ކަންމަތީގައި އޮންނަ ގްރޫޕެވެ. އިސާހިތަކު އަހަރެން އެމީހުންނާ އެކުވެރިވެއްޖައީމެވެ. އެތަނުގައި ތިބެގެން އަހަރެމެންގެ މަސައްކަތަކީ މަގުމަތިން ހިނގާފައި ދާ މީހުންނާ ފޮށުމާއި، މަލާމާތްކުރުމެވެ. މުސްކުޅިއަކު ފެނިއްޖެނަމަ ކޮންމެވެސް ގޯނާއެއް ކޮށްލަމެވެ. އެއާއެކު ދެން އެމީހުން އެ ލަވާ ހަޅޭއް އަދި އަހަރެމެންނަށް މާ މަޖަލެވެ. ދުވާލެއްނަމަ، ފޮށެމުން ބިރުދައްކަމުން މީހުން ފަހާ ދުވަމެވެ. ރޭގަނޑުވިއްޔާ ފެންކޮތަޅު ފަދަ އެއްޗެހި އުކާ މީހުންނަށް ގޯނާކުރަމެވެ. އަހަރެމެންނާ ދިމާކޮށްލަން ކެރޭ މީހަކު ރަށުގައި ނުހުންނާތީ އެކަމާވެސް އަހަރެމެން ފަޚުރުވެރިވަމެވެ. މުޅި ރަށް ހީވަނީ އަހަރެމެންނަށް ހިތަކަށް ލިބިފައިވާހެންނެވެ. ރަށުގައި ތިބި ފުލުހުންނަށްވެސް އަހަރެމެން މައިތިރިކުރުމަކީ ކުރެވޭވަރު ކަމަކަށް ނުވިއެވެ. ބަންދުކޮށްފައިވެސް އެމީހުންނަށް ޖެހެނީ އަހަރެމެން ދޫކޮށްލާށެވެ. އެއީ އަދި އަހަރެމެން މާ ފަޚުރުވެރިވާކަމެކެވެ.

މަސްތުވާތަކެތީގެ އަވައިގައި އަހަރެން ޖެހުނީ އެ ގްރޫޕާ އެކު އުޅުނު ދުވަސްވަރުގައެވެ. އެންމެ ފުރަތަމަ މަސްތުވާ އެއްޗެއް ބޭނުންކުރި ރޭ އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އަހަރެމެންގެ ގޭންގުގެ އެއް ލީޑަރު ޝާހިމާއެކު އަހަރެމެން ފަޅުގެއަކަށް ދިޔައީމެވެ. އެތަނުގައި އެކި ވައްތަރުގެ މަސްތުވާތަކެތި ހުއްޓެވެ.

ސިނގިރެޓް ބުޔެއްކަމަކު މަސްތުވާތަކެތި ބޭނުންކުރުމަކީ އަހަރެން ކުރާ ކަމެއް ނޫންކަމުން، އެމީހުން އޭގެން ޕެކެޓެއް އަހަންނަށް ދިނުމުން ފުރަތަމަ އަހަރެން ޖެހިލުންވާގޮތްވިއެވެ. އެހެންނަމަވެސް، އެމީހުންގެ ތެރޭގައި، އަހަރެންގެ ފިނޑިކަން ހާމަނުކުރަން ވެގެން އެ އެއްޗެއް ބުއީމެވެ. އެރޭ ގައިން ހަކަތަ

ހުސްވަންދެން އަހަންނަށް ހޮޑުލެވުނެވެ. އެއަށްފަހު އަހަރެން އަނބުރައިގަތީއެވެ. ޖެހިގެން އައި ދުވަހު ހެނދުނު ގެއަށް ގޮސް ވަދެވުނީ މަންމަގެ ކުރިމައްޗަށެވެ. އެ ހިނދު އަހަރެން ހުރި ޙާލަތު މަންމައަށް ފަހުމްވާކަށް ގިނައިރެއް ނުނެގިއެވެ.

"އެ ކަންމަތީ ގްރޫޕާ ބައިވެރިވެގެން މަސްތުވާ ތަކެތި ބޭނުން ކުރަން ފެށީތަ؟ ތީތަ ނުވެފަ އޮތް ކަމަކީ… އަހަރެމެންގެ ނަސޭޙަތެއް އަޑު އަހަނީ އެއް ނޫން..." މަންމަ ފަތިވަރު އަމުނާލި ނަމަވެސް އެކަމަށް އަހަރެން ސަމާލުކަމެއް ނުދެމެވެ.

އޭގެ ފަހުން މަސްތުވާ ތަކެތީގެ އެކިއެކި ބާވަތްތައް ބޭނުންކުރަން އަހަރެން ފެށީމެވެ. ދުވަސްވަމުން ދިޔަ ވަރަކަށް އެ ބޭނުން ކުރުމުން ވާ އުނދަގޫތައް މަޑުމަޑުން ފިލައިފިއެވެ. ދެން އުނދަގޫވާން ފެށީ މަސްތުވާ އެއްޗެއް ނުލިބުމުންނެވެ. ގައި ހިރުވާ، ކަހާ، ހޫނުވެ، ފިނިވާން ފެށިއެވެ. އެއިން އެއްޗެއް ނުލިބިއްޖެއްޔާ އަހަރެންގެ މުޅި ހަށިގަނޑު ހީވަނީ ކުދިކުދި ވެދާނެހެންނެވެ. އެހާ ވަރަށް އަހަރެންގެ ހަށިގަނޑުގައި ވޭން އަޅައެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ އުމުރުން އަށާރަ އަހަރުވުމާއެކު، އަހަރެންގެ މައްޗަށް ބަސްކިޔޭނެ އިތުރު މީހަކު ނުހުންނާނެކަމުގައި މަންމައާ ދިމާލަށް ބުނީމެވެ. ދަރިން ދުވަހަކުވެސް މައިންބަފައިންނަކަށް ބޮޑެއް ނުވާނެޔޭ މަންމަ އަސަރާއެކު ބުނެލި ނަމަވެސް، އެކަމުން ވެސް އަހަންނަކަށް މާ ބޮޑު އަސަރެއް ނުކުރިއެވެ.

އާދައިގެ މަތިން ކަންމަތީގައި އަހަރެމެން އެންމެން ތިބި ދުވަހެކެވެ.

"އޭތް. އެހެރަ އަންނަނީ ރަހުމާގެ ދޮށީ އަންހެން ދަރިފުޅު. ކިޔަވައިގެން ރަށު ސްކޫލު ވަޒީފާއަކަށޯ އެއައީ…" އަހަރެމެން ގްރޫޕްގައި ހިމެނޭ ރައިހާން ބުނެލިއެވެ. ރަހުމާގެ ދަރިފުޅު ރުހާ އަކީ ގްރޭޑް ހަތަކާ

ހިސާބަށް ދަންދެން އަހަންނާ އެއް ކްލާހެއްގައި ކިޔެވި ކުއްޖެކެވެ. އެއަށްފަހު އޭނާ ބަދަލުވީ މާލެއަށެވެ. ރުހާއަކީ އަހަރެން ވަރަށް ގަޔާވާ ކުއްޖެކެވެ. އެކަން ނޭނގޭ ކުއްޖަކު އޭރު ސްކޫލުގައި މަދުވާނެއެވެ. ރުހާ ފެނުމުން ފުރަތަމަ ފަހަރަށް ތަފާތު ގޮތްތަކެއް އަހަންނަށް ވާން ފެށީ ފުރާވަރަށް އަޅަމުން އައި ދުވަސްވަރުގައެވެ. ހިތުގައި ތަފާތު ވިންދެއް ހޭލިކަމުގެ އިޙްސާސް އަހަންނަށް ކުރެވުނެވެ. އެކުވެރިންގެ ދިން ހިތްވަރާއެކު ރުހާ ގާތުން އަހަންނާ ލޯބީގެ ގޮތުން ގުޅެން ހުށައެޅި ނަމަވެސް، ރުހާ އެ ހުށައެޅުން ޤަބޫލުނުކުރީ ކިޔަވާއިރު، ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމަކީ އޭނާގެ މައިންބަފައިން ނުޤަބޫލުކަމެއްކަމުގައި ބުނަމުންނެވެ. ރުހާގެ އެ ޖަވާބު ރުވާފައި ދިޔަ ތީރެއްފަދައިން ހެރުނީ އަހަރެންގެ ހިތަށެވެ. ގިނަ މީހުންނެކޭ އެއްގޮތަކަށް އަހަންނަށް ވެސް ފުރާވަރު ވެވުނު ލޯބީގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ.**

އަހަރެން ރުހާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލީމެވެ. ބުރުގާ އަޅާފައި ހުރިނަމަވެސް، ރުހާގެ ރީތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ރުހާއާ އެހެން އެންމެން ފޮށުނު އިރުވެސް، އަހަންނަށް އެއްޗެއް ބުނަން ނުކެރުނީ ރުހާއާމެދު ހިތުގައިވީ ޖަޒުބާތުތަށް ތާޒާކަމާއެކު ހުރީތީ ކަންނޭނގެއެވެ. ރުހާއަށް އަހަރެން ފެނުމުން ހައިރާންވިކަން އެ މޫނުމައްޗަށް އެރި ކުލަވަރުތަކުން އެނގުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ރުހާއަށް އަހަރެން އެނގޭނީ ބަސްއަހާ ނަދީމުގެ ގޮތުގައި ވިއްޔާއެވެ.

"އަހަރެން އަޑު އެހިން އޭނަ މީހަކާ އިންނަން އުޅޭ ވާހަކަ." ރުހާ ގޮސް ލޯމަތިން އޮބާލުމާއެކު، ޝާހިމު ބުނެލިއެވެ. އެ ބަސްތަކުން އަހަރެންގެ ހިތަށް ތަދުވިއެވެ. ހީވީ ތޫނު ހަންޖަރަކުން މޭތެރޭގައި އޮތް ހިތް ކަފާ ކުދިކުދި ކޮށްލިހެންނެވެ.

"ތީގަ އެންމެ ހިތް ހަލާކުވާނީ ނަދީމެއްނު." ހީނގަނެފައި ގްރޫޕުގައި ހިމެނޭ ކަމާލު ބުންޏެވެ. އެ ކަމުން ސިކުނޑި މިންޖުކުރުމަށް އަހަރެން ޚިޔާރުކުރީ އެންމެ ނުބައި ގޮތެވެ. ސިނގިރެޓާއި ޑްރަގެވެ.

އެދުވަހުގެ ފަހުން މަގުމަތިން ރުހާ ފެނުން ޢާއްމުކަމަކަށް ވެއްޖެއެވެ. ރުހާ އިންނަން އުޅެނީ މާހިލް ކިޔާ ޒުވާނަކާކަން އެނގުނު ހިސާބުން އެ ޒުވާނާއާމެދު އަހަރެންގެ ހިތުގައި ނަފްރަތު އުފެދުނެވެ. ކޮންމެ ގޮތަކުންވެސް ރުހާ ހާސިލްކުރުމުގެ އެދުންވެރިކަން ހިތުގައި ގަދަވާން ފެށިއެވެ. އަހަރެން ހުއްޓާ ރުހާ އެހެން މީހަކަށް ލިބޭކަށް އަހަރެންގެ ހިތް އެއްބަހެއް ނުވެއެވެ. ރުހާ ކާމިޔާބު ވާން ޖެހޭނީ އަހަންނަށެވެ. އެ ޚިޔާލުތަކުން މިންޖުވުމަށް އަހަރެން އިހުނަށް ވުރެ ގިނައިން މަސްތުވާތަކެތި ބޭނުންކުރަން ފެށީމެވެ. އެހެންނަމަވެސް އޭގެންވެސް ސިކުނޑިއަށް ލުޔެއް ލިބެނީ، އެ ބޭނުންކުރާ ވަގުތު، ވާނުވާ ނޭނގޭ ޙާލަތުގައި އެކަންޏެވެ. އެނޫނީ އަހަރެންގެ ސިކުނޑި ހީވަނީ ރުހާގެ ޚިޔާލުތަކުން ފަޅައިގެން ގޮސްދާނެހެންނެވެ.

ފަޅުގެއެއްގެ ގޯތިތެރޭގައި އަހަރެމެން ތިބި ރެއެކެވެ.

"އެހެރެ އަންނަނީ ކާކު؟" ޝާހިމު އެދިމާލުން ހިނގަމުން އައި މީހަކު ދައްކާލިއެވެ.

"މަށަށް ހީވަނީ އެއީ އެ މާހިލްހެން." ރައިހާން ކިރިޔާ ލޯ ހުޅުވާލެވޭ ޙާލުގައި އިނދެ ބުނެލިއެވެ. އެއާއެކު ހަމަހޭ ރަނގަޅަށް ނެތް ޙާލުގައި އަހަރެންވެސް އެ ދިމާލަށް ބަލައިލީމެވެ. މާހިލް ފެނުމުން އައި ރުޅީގައި، ވަށައިގެން ބަލައިލުމަށްފަހު، ހަމަލާދެވޭހެން ހީވާ ކަހަލަ އެއްޗެއް އޮތިއްޔާ އެ އެއްޗެއް އަހަރެން ނެގީމެވެ. އޭގެ ތެރޭގައި ތޫނު އެއްޗެހިވެސް ހިމެނެއެވެ. ސިކުނޑި ގޮވަނީ މާހިލްގެ ދުވަސް ދުއްވާލާފައި، ރުހާ ހާސިލް ކުރުމަށެވެ. މަސްތުގެ ޙާލަތުގައި ހުރެ އެ ދިޔަ ގޮތަށް ގޮސް އަހަރެން މާހިލްއަށް ހަމަލާދިނީމެވެ. މާހިލް

ބިންމައްޗަށް ވެއްޓުމާއެކު، ވެސް އަހަރެން ހުއްޓައެއް ނުލަމެވެ. އޭނާގެ ހަޅޭކުގެ އަޑުން އަހަންނަށް ލިބުނީ އުފަލެކެވެ. ފަހު ނޭވާ ދޫކޮށްލަމުން އޭނާ ބުނީ އެންމެ ޖުމްލައެކެވެ.

"އަހަރެންގެ ކުށަކީ ކޮބާ؟"

"ކަލޭގެ ކުށަކީ ރުހާ ދެކެ ލޯބިވުން. ރުހާ އާއި ކައިވެނިކުރަން އުޅުން." އެހެން ބުނެލާފައި މާހިލްގެ މޫނަށް އަހަރެން ރަނގަޅަށް ބަލާލީމެވެ. ހަމަހޭވެރިކަން ވީ ދެނެވެ. އެއާއެކު، ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މަންޒަރު ޤަބޫލުނުކުރެވުނު ފަދައަކުން، ތިން ހަތަރު ފަހަރު އެސްފިޔަ ޖަހާލެވުނެވެ. އަހަރެންގެ ކުރިމަތީގައި ފަހު ނޭވާ އެ ދޫކުރީ މާހިލެއް ނޫނެވެ. އެއީ އަހަރެން ނުވެސް ދަންނަ ޒުވާނެކެވެ. ހުއްޓުން އަރާފައި އަހަންނަށް ހުރެވުނެވެ. އޭރު މީހުން އެތަނަށް އެއްވާން ފަށައިފިއެވެ. އިސާހިތަކު ފުލުހުން ވެސް އަތުވެއްޖެއެވެ. އަހަރެންގެ އަތުގައި ބިޑި އެޅުވި ވަގުތު ދުވަމުން އައި މަންމަ ލޮލުގައި އަޅައިގަތެވެ. އެ އައި ގޮތަށް އައިސް އަހަރެންގެ ގަމީހުގައި ހިފައްޓާފައި ރޯން ފެށިއެވެ. އެ މަންމަގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔަތަން އަހަރެން ދުށީ އަލަށެވެ. އަޑު ވީއްލާ ރޮމުން ދިޔައީ ގަތްފައިވާ ލަދަކާ، ވެފައިވާ ދެރައެއްގެ ބޮޑުކަމުންނެވެ. މަންމަގެ ފަހަތުގައި ހުރި ބައްޕަ ފެނުމާއެކު، އަހަންނަށް އިސްޖަހާލެވުނެވެ. ބައްޕަގެ ދެލޮލުގައިވެސް ވަނީ ކަރުނައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ވެސް ހިތްވަރު ނެތުނީ ކަންނޭނގެއެވެ. އަހަންނާ ނަޒަރު ވަކިކޮށްލަމުން އައިސް މަންމަ މަސަލަސްކުރެވޭތޯ ބައްޕަ އުޅުނެވެ. އެ ދުވަހު މަންމަ ހިތުގައި ޖެހިފައި ރޮމުން ދިޔަ މަންޒަރު އަހަރެންގެ ހިތުގައި ކުރެހި، ބިންވަޅު ނެގުނެވެ.

ބިންމަތީގައި އޮތް ހަށިގަނޑަށް ބަލާލުމާއެކު، އަހަރެންގެ ގައިން ހީބިހި ނެގިއެވެ. އޭރު ރުހާއާއި އެ އާއިލާގެ އެންމެންވެސް އެތަނުގައި ތިއްބެވެ. ފަހު ފަހަރަށް އަހަރެން ރުހާއަށް ބަލާލާފައި ގޮސް ފުލުހުންނާއެކު، ޖިޕަށް އެރީމެވެ.

ފުލުހުންގެ އިދާރާއަށް އަހަރެން ގެންދިޔަ ފަހުން އެ ޒުވާނާގެ ހަށިގަނޑުވެސް ގެނެވުނެވެ. އެއީ ކާކުކަމެއް ރަށު އެކަކަށްވެސް ނޭނގުނެވެ. އެނގުނުހާވެސް އެއްޗަކީ އެއީ ރަށަށް އެ ދުވަހު އައި ބީރައްޓެއްސެއް ކަމެވެ.

ހަށިގަނޑު މާލެ ގެންދިޔަ ލޯންޗުގައި އަހަރެންވެސް މާލެ ގެންދެވުނެވެ. ޖަލުގައި ބަންދުކުރުމަށްފަހު، މައްސަލަ ބަލަން ފެށި ހިސާބުން އެ ޒުވާނާގެ ނަމަކީ ޝަހުބާންކަމާއި އެއީ ތިރީސް އަހަރުގެ ޒުވާނެއްކަން އަހަންނަށް އެނގުނެވެ. އަދި އޭނާ ރަށަށް ދިޔައީ ޗުއްޓީ ހޭދަކޮށްލަންކަން ވެސް އެނގުނެވެ.

ޝަހުބާންގެ މައިންބަފައިން އަހަންނަށް އެންމެ ފުރަތަމަ ފެނުނީ ކޯޓަށް އަހަރެން ގެންދިޔަ ފުރަތަމަ ދުވަހުއެވެ. އެއީ މުސްކުޅި ދެމަފިރިންނެވެ. އެމީހުން ތިބީ އަހަންނަށް މަޢާފު ދޭގޮތަކަށް ނޫނެވެ. އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ ޤާތިލު މަރާލުމަށް އެމީހުން ކޯޓުގައި އެދުނެވެ. އެހިނދު އަހަރެންގެ ހިތްވެސް ހީވީ ހުއްޓުނުހެންނެވެ. މަންމައާއި ބައްޕައަށް ބަލައިލުމުގެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ފުރަތަމަ ފަހަރަށް ލަދުވެތިކަން އަހަންނަށް އިޙްސާސްކުރެވުނީ އެދުވަހުއެވެ. މަންމައާއި ބައްޕަ އަހަންނަށްޓަކާ ގަންނާނެ ލަދުވެސް އަންދާޒާކޮށްލެވުނީ ދެނެވެ.

މައްސަލައިގެ ތިން އަޑު އެހުން ނިމި ހަތަރުވަނަ އަޑު އެހުމުގައި ވެސް ޝަހުބާންގެ މައިންބަފައިންގެ އެދުމަކަށްވީ އެންމެ ކަމެކެވެ. ޝަހުބާންގެ ޤާތިލަށް މަރުގެ އަދަބު ދިނުމެވެ. އެ ދުވަހު ބައްޕަ ކޯޓު ތެރެއަށް އެނބުރުން އަރައިގެން ވެއްޓުނެވެ. ބައްޕަ ހޮސްޕިޓަލަށް ގެންދިޔުމާއެކު، އަހަރެން އަނބުރާ ޖަލަށް ގެންދެވުނެވެ. ހާސްކަމުގައި ޖަލުގޮޅީގައި އިންދާ އޮފިސަރަކު އައިސް އަހަންނަށް ގޮވާލުމަށްފަހު ދިނީ އެންމެ އަޑު އަހަން ބޭނުންނުވި ޖަވާބެވެ. އާއެކެވެ. އަހަރެންގެ ބައްޕަ ނިޔާވީއެވެ. އަހަންނަށް މަޢާފަށް އެދުމުގެ ފުރުސަތެއް ވެސް ނުދީ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކީއެވެ.

ސަހަރާއަށް ދިޔައިރު މަންމަ ރޮނީއެވެ. އަހަރެން ފެނުމާއެކު މަންމަ ބުނީ "ހާރޓް އެޓޭކެއް" ޖެހިގެން ބައްޕަ މަރުވާން ޖެހުނު ސަބަބަކީ އަހަރެން ކަމަށެވެ. އެދުވަހު އަހަރެންގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން ވަގުތުން އިސްޖަހާލެވުނެވެ. މާފަށް އެދެން ބޭނުންވި ނަމަވެސް، ކުރެވުނު ކުށްވެރި އިޙްސާސްގެ ބޮޑުކަމުން، އެއްޗެއް ބުނާކަށްވެސް އަހަރެންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އެ ދުލަކީ އަހަރެން މީހުންނަށް ހަޖޫޖަހާ މަލާމާތްކުރި ދުލެވެ. މަންމައާ ޒުވާބުކުރި ދުލެވެ. އެކަމަކު މިއަދު އެ ކުޑަކުޑަ ލަފުޒު ބުނެލުމަށްވެސް އަހަރެންގެ ދޫ ވަނީ ނުކުޅެދިފައެވެ. ދޫ މަތީގައި ހީވަނީ ހިލަގަނޑެއް ބާއްވާފައިވާހެންނެވެ.

ބައްޕަގެ މޫނަށް ފަހުފަހަރަށް ބަލާލާފައި ހިތާހިތުން އެތަކެއް ފަހަރަކު އަހަރެން މަޢާފަށް އެދުނީމެވެ. ބައްޕަގެ ފާފަ ފުއްސެވުމަށް އެދި އެތަކެއް ފަހަރަކު ދުޢާ ކުރީމެވެ. އަހަރެން އެތަނުގައި ހުއްޓާ ޒުވާން އުމުރުގެ ކުއްޖަކު ވެސް ސަހަރާއަށް ގެނެވުނެވެ. އެ މަންޒަރުވީ އަހަރެންގެ ސިކުނޑި ހުޅުވާލަން ލިބުނު ފުރުސަތަކަށެވެ. މަރަކީ ވަކި އުމުރަކަށް ޚާއްސަ އެއްޗެއް ނޫންކަން އިޙްސާސްވުމާއެކު، ބިރުވެރިކަމުން ނަފްސު ބަނދެލި ފަދަ އިޙްސާސްއެއް ކުރެވުނެވެ. ދެން އޮތީ އެންމެފަހު އަޑު އެހުމަށްވެފައި، އެ އަޑު އެހުމުގައި ޝަހުބާންގެ މައިންބަފައިން ބޭނުންވާ ގޮތަށް މަރުގެ ޙުކުމް އަހަރެންގެ މައްޗަށް އިއްވާނެކަން އަހަންނަށް އެނގެއެވެ. ޝަހުބާން މަރާލިކަމަށް އަހަރެން ޝަރީއަތުގައި އިންކާރެއް ނުކުރަމެވެ. ވުމާއެކު މަރުގެ ޙުކުމް އަހަންނަށް ނާންނާނެ ގޮތަކީ ނެތްގޮތެކެވެ. މަރުވުމަށްފަހު، އަހަރެންވެސް ގެނެވޭނެ ތަނަކީ

މިއީއެވެ. ކަފުންކޮށް ކަށުނަމާދުކޮށް އަހަރެންވެސް ވަޅުލެވޭނެއެވެ. އެހެންނަމަވެސް، ފާފަވެރިއެއްގެ ގޮތުގައި މަރުވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ފުރިހަމަ ތަޢުބާއަކުން ތަޢުބާވާން އަހަރެން ބޭނުންވިއެވެ.

މަންމަގެ ކައިރިއަށް ގޮސް މަންމަގެ ގައިގައި ބައްދާލާފައި ހިތްވަރުކޮށްފައި މަޢާފަށް އެދުނީ އެހެންވެއެވެ. ބައްޕަ ފަދައިން މަޢާފަށް އެދުމުގެ ފުރުސަތު ނުލިބި ހުއްޓާ މަންމަ މިދުނިޔެއާ އަލްވަދާޢު ކިޔާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ކަށުނަމާދަށްފަހު، އަހަރެން އަލުން ޖަލަށް ގެންދެވުމާއެކު، ފުރަތަމަވެސް ތަޢުބާ ނަމާދުކޮށް ތަޢުބާވީމެވެ. އެރޭ ހަތަރުދަމު ދުޢާކޮށް ރޭއަޅުކަމުގައި ހޭދަކޮށް ފާފަ ފުއްސެވުމަށް އެދި ދުޢާ ދެންނެވީމެވެ. އެތަކެއް ދުވަހެއްފަހުން ފުރަތަމަ ފަހަރަށް ޖެހި ސަޖިދައާއެކު ކުރިން ނުލިބުނު ހިތްހަމަޖެހުމެއް ލިބުނެވެ.

އޭގެ ތިން ދުވަސްފަހުން އަނެއްކާވެސް އަހަރެން ކޯޓަށް ގެންދެވުނެވެ. ގާޒީ އަހަންނަށް ޙުކުމް ކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޝަހުބާންގެ މަންމަ ވާހަކަ ދެއްކިއެވެ. އޭނާ އަހަންނަށް މަޢާފުކޮށްފިކަމަށާއި، މުސްކުޅި އުމުރު އަހަރެންގެ މަންމަގެ ހިތުގައި ޖެހިގެން ބައްޕަ އެކޭ އެއްގޮތަށް ދުނިޔެދޫކޮށް ދާން ބޭނުން ނުވާކަމުގައި އޭނާ ބުންޏެވެ. ހުރިހަމައެކަނި ދަރިފުޅު ދުނިޔެއާ ވަކިވުމަކީ ކިހާ ވޭންދެނިވި ކަމެއްކަން އެނގޭކަމުގައި ޝަހުބާންގެ މަންމަ ބުންޏެވެ. އަދި ކުށްވެރިއަކަށް ވިޔަސް މައިންބަފައިން ދަރީންދެކެ ލޯބިވާނެކަމުގަޔާއި އެއީ އެހާ ފަސޭހައިން ފުހެލެވޭނެ ކުލުނެއް ނޫންކަމުގައި ވެސް ބުންޏެވެ.

އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެމީހުން އަހަންނަށް މަޢާފު ދިނީ އަހަރެންގެ މަންމަގެ ކަރުނައަށް ކެތް ނުކުރެވިގެންނެވެ. ކިތަންމެ ޝުކުރުވެރިވީ ނަމަވެސް، އެ ދެމީހުންނަށް ބަލާލުމުގެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.

އެ ކުށަށް މަޢާފު ލިބުނު ނަމަވެސް، މަސްތުވާތަކެތި ބޭނުންކުރުމާ އެހެނިހެން ކުށްތަކަށް ފަސް އަހަރުގެ ހުކުމެއް އަހަންނަށް އައެވެ. ޖަލަށް ގެންދެވުމާއެކު ފުރަތަމަ ވެސް ޝުކުރުގެ ސަޖިދައެއް ޖެހީމެވެ. މަރާ އެހާ ގާތަށް އައުމަށްފަހު، ސަލާމަތްވުމުން ހެއްދެވި ފަރާތަށް ޝުކުރުވެރިވެވުނީ ކިތައް ފަހަރުކަމެއްވެސް ނޭނގުނެވެ. ސަޖިދައިގައި އޮވެ އަހަރެން ރުއީމެވެ. ހިތުގެ ރިހުންތައް ކަރުނައިގެ ސިފައިގައި ބޭރުކުރީމެވެ.

*****

ޙިޔާލުތަކުން އަހަންނަށް ނުކުމެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. އެހާ ގިނައިރު އެ ޚިޔާލުގައި މުސައްލަމަތީގައި އިނދެވުނުކަން ރޭކާލީ ވެސް ދެނެވެ. ފަތިސްނަމާދު ކޮށްލައިގެން ޤުރުއާން ކިޔަވާލަން އިށީނީމެވެ. ޖަލުގައި މި ހޭދަކުރެވުނު ފަސްއަހަރުތެރޭގައި އެތަކެއް ފަހަރަކު އަހަރެން ޚަތިމުކޮށްފީމެވެ. ކުރީކޮޅު ކިޔަވަން ކޮންމެވެސް ވަރަކަށް ނުފަރިތަ ނަމަވެސް، ކިޔަވަން ފެށުމުން ދާދި އަވަހަށް ފަރިތަވެއްޖެއެވެ. އޭގެ އިތުރުން ޖަލުގައި ހިންގި ތަފާތު ކުރު ކޯސްތަކުގައިވެސް އަހަރެން ބައިވެރިވީމެވެ. މަސްތުވާތަކެތި ނުލިބުމުން އެވާ އުނދަގޫތަކަށް ޑޮކްޓަރީ ބޭހުގެ އިތުރުން ދެން ލިބުނު އެންމެ ބޮޑު ލުޔަކީ އީމާންތެރިކަން ވަރުގަދަކުރުމެވެ. ސިކުނޑި ތާޒާވާ ފަދަ ކަންތައްތައްތަކުގައި މަސްއޫލުވުމެވެ. ޖަލަށް ލީ ދުވަހު އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީ ދެން ދުވަހަކުވެސް މަސްތުވާއެއްޗެއް ބޭނުން ނުކުރުމަށެވެ. މަސްތުވާތަކެއްޗަކީ ހަލާކެވެ. އެއީ ހުރިހާ ނުބައިކަމެއްގެ އަސްލެވެ. ދީނުގައި މަސްތުވާތަކެތި ޙަރާމްކުރައްވާފައިވަނީ އެކަމުގައި މަތިވެރި ޙިކުމަތްތަކެއް ވާތީކަމުގައި އަހަންނަށް މިހާރު ޤަބޫލުކުރެވެއެވެ.

ޖަލުގައި ފަސް އަހަރު ހޭދަކުރުމަށްފަހު، އަހަރެން މިނިވަން ވުމާއެކު، ޖަލުގެ އަނދިރިކަމުގެ ތެރެއިން ސާފު ވައިލިބޭ ޖައްވަށް ނޭވާ ލުމުގެ ނަސީބު ލިބުނެވެ. އެއާއެކު ފުރަތަމަވެސް ޝުކުރުކުރެވުނީ ﷲ އަށެވެ.

އެތަނުން ނުކުމެގެން އެންމެ ފުރަތަމަ އަހަރެން ދިޔައީ ސަހަރާއަށެވެ. ބައްޕަގެ ފާފަ ފުއްސަވާ ރަޙްމަތްލެއްވުން އެދި ދުޢާކޮށްފައި، އެތަނުން އަހަރެން ނުކުތީ ރޮމުންނެވެ.

ހަމަ އެ ދުވަހު އަހަރެން ރަށަށް ފުރި ލޯންޗަކުން ރަށަށް ދިޔައީމެވެ. ރަށަށް އެރުމާއެކު މީހުންގެ ނަޒަރުތަކުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. އެމީހުން އެވަރަށް އެބަލަނީ ކީއްވެގެންކަން ވެސް އަހަންނަށް އެނގެއެވެ. ކުރީގައި ދިގުކޮށްލާފައި ހުންނަ ބޯ މިހާރު ހުންނާނީ ކޮށާލާފައެވެ. ތުނބުޅިވެސް ކުޑަކޮށް ދިގުކޮށްލާފައެވެ. އަހަންނަށް އައިސްފައި ހުރި ބަދަލުން އެފަދަ ބެލުންތައް އަހަންނަށް އަމާޒުވާނެކަން އަހަންނަށް މާކުރިން ވެސް އެނގެއެވެ. އެހެންނަމަވެސް، އެކަމާ ކުރިމަތިލާންޖެހުމުން ލަދުގަންނަ ގޮތްވިއެވެ.

ގެއަށް ގޮސް ވަތްއިރު، މަންމަ ޖޯލީގައި އިށީނދެލައިގެން ހަނޑޫ ހޮވަން އިނެވެ. އަހަރެން ފެނުމާއެކު، ހައިރާންވީވަރާ ލިބުނު ސިހުމުން، ދޮލަނގުވެސް މަންމަގެ އަތުންދޫވެ ބިންމައްޗަށް ވެއްޓިއްޖެއެވެ. ފެނުނު މަންޒަރު ގަބޫލުނުކުރެވިފައި ހުރި ފަދައަކުން ހުރުމަށްފަހު، ދުވެފައި އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.

"މަންމަ ދަރިފުޅަށް މަޢާފުކޮށްފިން…" މަންމަގެ ދުލުން ބޭރުވި ބަސްތަކާއެކު އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. ބައްޕަ ނިޔާވި ދުވަހު، މީގެ ފަސް އަހަރުކުރިން އަހަރެން މަންމަގެ ކިބައިން އެދުނު މަޢާފު އަހަންނަށް އެ ލިބުނީ އަދިކިރިޔާއެވެ.

"އަހަންނަށް މަޢާފުކުރޭ މަންމާ…" ދެވަނަ ފަހަރަށްވެސް އަހަންނަށް ބުނެވުނެވެ. މަންމަ މިފަހަރުވެސް އަހަންނަށް މަޢާފުކޮށްފީމޭ ބުންޏެވެ. މައިވަންތަ ކުލުނުގެ ފުރިހަމަކާއި މަންމައެއްގެ ހިތުގެ ބޮޑުކަން އަހަންނަށް އިޙްސާސްވިއެވެ. ދަރިއެއް ދެކެ މަންމައަކު ވާ ލޯތްބަކީ ބަދަލުވާނެ އެއްޗެއްނޫންކަންވެސް އަހަންނަށް ޔަޤީންވެއްޖެއެވެ. މަންމައާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާފައި ކޮޓަރިއަށް ވަދެލާ

މޭޒުކައިރީގައި އިށީނދެލީމެވެ. އެއަށްފަހު ޝަހުބާންގެ މައިންބަފައިންނަށް ސިޓީއެއް ލިޔުނީމެވެ. އެ ދެމީހުންގެ ކިބައިން މަޢާފަށް އެދި އަދި ޝުކުރުވެރިވެސް ވީމެވެ. އުޅުނު ވިޔާނުދާ އުޅުން ދޫކޮށްލުމަށްފަހު، ހެޔޮމަގަށް ރުޖޫޢަވާން އަހަންނަށް ފުރުސަތު ލިބުނީ އެ ދެމީހުންގެ މަޢާފުގެ ސަބަބުންނެވެ. "މަޢާފް" އެއީ ކިތަންމެ ކުޑަ ލަފުޒެއްނަމަވެސް،އެ ލަފުޒުގެ ބާރު ގަދަކަން މިއަދު އަހަންނަށް ވަޒަންކޮށްލެވެއެވެ. އާއެކެވެ. އެ ލަފުޒަކީ ބައެއް ޙާލަތްތަކުގައި ދިރިހުރުމާ މަރާ ދެމެދު ވާ ހުރަހެކެވެ.
- ނިމުނީ -