ޚަބަރު

ޣައްޒާ ޢުދުވާނާ ގުޅޭ އެމެރިކާގެ ޤަރާރު ވީޓޯކޮށް ބޭރުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުކަނޑައިލައި, ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ގޮވައިލާ އެމެރިކާއިން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ވީޓޯކޮށް ބޭރުކޮށްލައިފިއެވެ. ޤަރާރާ މެދު ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އެމެރިކާގެ ހުށަހެޅުމާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުން ކޮށްފައި ވަނީ ރަޝިޔާއާއި ޗައިނާއެވެ. އަލްޖީރިޔާއިން ވެސް ވަނީ އެމެރިކާގެ ޤަރާރަށް ނޫނެކޭ ބުނެފައެވެ.

އެމެރިކާގެ ޤަރާރުގައި ހުށަހަޅާފައި ވަނީ, ޔަހޫދީންގެ ޢުދުވާންތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމަށެވެ. އަދި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމާއި, ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށެވެ.

އެމެރިކާގެ ޤަރާރަށް ސަލާމަތީ މަޖިލީހުގެ 11 މެންބަރުން ތާޢީދު ކުރިއެވެ. ނަމަވެސް, ޤަރާރު ބޭރުކޮށްލާފައި ވަނީ އެ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ހިމެނޭ ރަޝިޔާއާއި ޗައިނާއިން ވީޓޯ ކުރުމުންނެވެ. އެމެރިކާގެ ޤަރާރު ބޭރުކޮށްލާފައިވީ ނަމަވެސް, ސަލާމަތީ މަޖިލީހަށް އިންތިޚާބު ކޮށްފައިވާ މެންބަރުން ހުށަހަޅާފައިވާ އައު ޤަރާރަކަށް މާރިޗު 25 ދުވަހު އަލުން ވޯޓަށް އަހާނެއެވެ.

އައު ޤަރާރުގައި ހުށަހަޅާފައި އޮތީ, ޔަހޫދީންގެ ޢުދުވާންތައް ރަމަޟާން މަހުގެ މުއްދަތުގައި ހުއްޓައިލުމަށެވެ. އަދި, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށާއި, ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ޤަރާރުގައި ގޮވައިލާފައިވެއެވެ. ޢުދުވާންތައް ހުއްޓައިލުމާ ގުޅޭ ގޮތުން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގެ ވާހަކަ އައު ޤަރާރުގައި ހިމަނާފައެއް ނެތެވެ. އެމެރިކާގެ ބައިވެރިވުމާ އެކު އެ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުންނެވެ.

މާރިޗު 23 ވަނަ ދުވަހު ވޯޓަށް އަހާފައިވާ ޤަރާރަކީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގަތުލުއާންމު ހުއްޓައިލުމަށް ގޮވައިލާފައިވާ ޤަރާރަކަށް އެމެރިކާއިން ތާޢީދު ކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގެ އަބަދު ވެސް މަސައްކަތް ކޮށްފައި ވަނީ ޔަހޫދީން ހިމާޔަތް ކުރުމަށެވެ. ނަމަވެސް, ފަހަކަށް އައިސް, އެމެރިކާއިން ވެސް ދަނީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމަށް ގޮވައިލާ ބައިނަލްއަޤުވާމީ މުޖުތަމަޢުން އުފުލަމުންދާ އަޑުގައި ބައިވެރިވަމުންނެވެ.

އެމެރިކާއިން ހުށަހެޅި ޤަރާރު ވީޓޯކޮށް ބޭރުކޮށްލުމުން އެ ޤައުމުން ވަނީ ޗައިނާއާއި ރަޝިޔާއާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެމެރިކާއިން އދގެ ސަލާމަތީ މަޖިލީހަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ވިދާޅުވީ, އެ ދެ ޤައުމުން އެމެރިކާގެ ޤަރާރު ވީޓޯ ކޮށްފައި ވަނީ ވަރަށް "ހީލަތްތެރި" އަދި "ބޭކާރު" ނިޔަތެއްގައި ކަމުގައެވެ. އަދި, އެ ދެ ޤައުމުން ޤަރާރު ފޭލު ކޮށްލާފައި ވަނީ, އެއީ އެމެރިކާއިން އިސްވެ ހުށަހެޅި ޤަރާރަކަށްވުމުން ކަމުގައި ވެސް ތޮމަސް-ގްރީންފީލްޑް ތުހުމަތު ކުރެއްވިއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި 72 މީހުން ޝަހީދުކޮށްލައި, އިތުރު 114 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. މިއާއެކު, އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,142އަށް އުފުލިފައެވެ.

ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,412 އަށް އުފުލިފައެވެ. ނަމަވެސް, ޢުދުވާނުގައި ޣައްޒާގެ ގިނަ ހަސްފަތާލުތައް ސުންފާތިކޮށްލާފައި އޮތުމާއި, އެ ސަހަރަށް ބޭސްފަރުވާގެ ސާމާނު އެތެރެ ކުރަން ޔަހޫދީ ފައުޖުން ހުރަސް އެޅުމުގެ ސަބަބުން, ޒަޚަމުވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ނެތެވެ.