ޚަބަރު

ހުޅަނގު އައްސޭރިން އިތުރު 800 ހެކްޓަރުގެ ބިން ފޭރިގަނެފި


ޔަހޫދީން އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންދާ ފަލަަސްޠީނުގެ މުސްލިމުންގެ ބިންތަކުން އިތުރު 800 ހެކްޓަރުގެ ބިން ފޭރިގަނެފިއެވެ. މިއީ, ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ޔަހޫދީން ފޭރިގަނެފައިވާ ފަލަސްޠީނުގެ މުސްލިމުންގެ އެންމެ ބޮޑު ބިމެވެ. ޔަހޫދީން ފޭރިގަނެފައި ވަނީ ހުޅަނގު އައްސޭރީގެ އުރުދުންގެ ވާދީގެ އުތުރަށް އޮތް ބިމެކެވެ.

ފަލަސްޠީނުގެ އިތުރު ބިންތަކެއް ޔަހޫދީން ފޭރިގަނެފައި މި ވަނީ, އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޒަޔަނިސްޓު އިސްރާއީލަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. މި މަހުގެ ކުރީކޮޅު ވެސް ޔަހޫދީން ވަނީ ބައިތުލްމަޤްދިސްގެ އިރުން 263 ހެކްޓަރުގެ ބިން ފޭރިގަނެފައެވެ. އެއީ, ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ މާލޭ އަދުމިންގެ ބަޔެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުގެ ތެރޭގައި ކުރި މެދުއިރުމަތީގެ ހަނގުރާމައިގައި ޔަހޫދީން އަތްގަދަކޮށް, އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ބިމެކެވެ. އެ ބިމުގައި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ކަނޑައެޅުމަށް ފަލަސްޠީނުގެ މުސްލިމުން ދަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު މަސައްކަތް ކުރަމުންނެވެ. ނަމަވެސް, ޔަހޫދީން ދަނީ އެ ކަމަށް ހުރަސް އަޅަމުންނެވެ.

ޔަހޫދީން ވެރިވެގަނެފައިވާ މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުން އިތުރު ކުރުމަށް ޖައްބާރު ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އެޅި ޔަހޫދީންގެ ސިޔާސީ ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް, އެއީ ޔަހޫދީންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެމެރިކާއިން ވެސް ރުހޭ ކަމެއް ނޫނެވެ.

ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވެސް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޢަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ނަމަވެސް, އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި, އެ ކަމަށް ހިތްވަރު ދީފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ފަލަސްޠީނުގެ ބިންތައް ފޭރިގަނެ, އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ މަސައްކަތް ޔަހޫދީން ކުރި ނަމަވެސް އެ ކަން ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަތުމާ އެމެރިކާއިން ފާޅުގައި ދެކޮޅު ހެދި ނަމަވެސް, އެ ކަން ހުއްޓުވަން އެމެރިކާއިން ވެސް އެެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފަލަސްޠީނުގެ މުސްލިމުންގެ އިތުރު ބިންތަކެއް ޔަހޫދީން ފޭރިގަނެފައި މި ވަނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިިންގަމުންދާ ދަނޑިވަޅެއްގައެވެ. އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 31,988އަށް އުފުލިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 74,188އަށް އަރައެވެ.