ޚަބަރު

ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގައި އުތުރުގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ, ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިފިއެވެ. މާރިޗު 18 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ އަލް-ޝިފާ ހޮސްޕިޓަލަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.

ޔަހޫދީ ފައުުޖުން ޣައްޒާގެ އުތުރުގައި މި ވަގުތު ހުރި ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ހަމައެކަނި ހޮސްޕިޓަލަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައި މި ވަނީ, އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާތައް ބޭއްވެވުމަށް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ބްލިންކަން މި ވަގުތު ހުންނެވީ މިޞްރުގެ ވެރިރަށް ޤާހިރާގައެވެ.

އަލް-ޝިފާ ހޮސްޕިޓަލު ކައިރީގައި ދިރިއުޅޭ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުން އެ މީހުންގެ ގެދޮރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށާއި, ގިނަ ޢަދަދެއްގެ ގެދޮރު ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ ބައެއް ޢިމާރާތްތަކުގެ ދަށުގައި ގިނަ ޢަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ވެސް ރައްޔިތުން ބުނެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި, އަލް-ޤުދްޞް ހޮސްޕިޓަލަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި ޝަހީދު ކޮށްލި މީހުން ހިމެނެއެވެ.

މެދިއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ބްލިންކަން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި, އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް-ސަޢުދާ ބައްދަލު ކުރައްވާފައެވެ. ދެ ބޭފުޅުންގެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށެވެ.

"ޢުދުވާންތައް ވަގުތުން މެދުކަނޑައިލައި, އަސީރުން މިނިވަން ކުރަން އަޅުގަނޑުމެން މި ދަނީ ބާރުއަޅަމުން. އެއިރުން ހާލުގައި ޖެހިފައިވާ މީހުންނަށް, ކުޑަކުދިންނާއި, އަންހެނުންނާއި ފިރިހެނުންނަށް, ތަސައްލީއެއް ލިބިގެންދާނެ،" ސަޢޫދީ ޢަރަބިއްޔާގެ ވާހަކަފުޅު ދައްކަވަމުން ބްލިންކަން ވިދާޅުވިއެވެ. މި ކަމާ ގުޅޭ ޤަރާރެއް އެކުލަވައިލާ އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމާ ގުޅޭ މަޝްވަރާތައް ޤާހިރާގައި މިހާރު ދަނީ ބާއްވަމުންނެވެ. މި ފަހަރުގެ މަޝްވަރާތައް ފަށާފައި ވަނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސުން އައު ހުށަހެޅުންތަކެއް ހިމެނޭ އައު އެއްބަސްވުމެއްގެ ދެލިކޮޕީ ފޮނުވުމާ ގުޅިގެންނެވެ. ނަމަވެސް, ޔަހޫދީން ވަނީ ޙަމާސްގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެ, ދެކޮޅު ހަދާފައެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އަލިއަޅުވައިލާފައި ވަނީ, 40 ދުވަހުގެ މުއްދަތަކަށް ޔަހުދީންގެ ޢުދުވާންތައް މެދުކަނޑައިލުމަށެވެ. އަދި, ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަންކޮށް, ޔަހޫދީން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ގިނަ ޢަަދަދެއްގެ ބަޔަކު މިނިވަން ކުރެވޭނެ މަގު ފަހި ކުރުމަށެވެ. ޙަމާސުން ބުނީ, އަސީރުން މިނިވަން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރަނީ, ޔަހޫދީ ފައުޖުގެ ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެންނަން އެއްބަސްވުމުން ކަމުގައެވެ.

އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 31,988އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުޑިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ހާމަ ކުރެއްވިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,188އަށް އުފުލިފައެވެ.