ޚަބަރު

އަފްޣާނިސްތާނުގައި ބޮމެއް ގޮއްވައިލާ ތިން މީހުން މަރައިލައިފި


އަފްޣާނިސްތާނުގެ ދެކުނުގައި އޮންނަ ކަންދަހާރް ސިޓީގައި ދިން ބޮމުގެ ޙަމަލާއެއްގައި ޢާންމުންގެ ތިން މީހުން މަރުވެ, އިތުރު 12 މީހުން ޒަޚަމުވެއްޖެއެވެ. ކަންދަހާރްގެ ފުލުހުން ބުނީ, ބޮން ގޮއްވައިލާފައި ވަނީ ބޭންކެއްގެ ކުރިމަތީގައި ކަމުގައެވެ. މީހަކު އަމިއްލަ ފުރާނަ ނަގާލައިގެން ބޮން ގޮއްވައިލާފައި ވަނީ, ފައިސާ ނެގުމަށް ގިނަ ޢަދަދެއްގެ ބަޔަކު ބޭންކު ކައިރިއަށް ޖަމާވެފައިވާ ވަގުތެއްގައެވެ.

ކަންދަހާރަކީ, އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުންގެ ސިޔާސީ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ ރަށެވެ. ޠާލިބާނުން ބުނީ, ބޮން ގޮއްވައިލާފައި ވަނީ, މުސާރަ ނެގުމަށް ގިނަ ޢަދަދެއްގެ ބަޔަކު ނިއު ކާބުލް ބޭންކަށް ޖަމާވެފައިވާ ވަގުތެއްގައި ކަމުގައެވެ. މި ހާދިސާގައި ޒަޚަމުވި މީހުންނަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާއިރު, އޭގެ ތެރެއިން އެކެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް ޠާލިބާނުންގެ އޮފިޝަލުން ބުނެއެވެ.

ޠާލިބާނުންގެ ވެރިކަމާ ދެކޮޅު ޖަމާޢަތްތައް ޠާލިބާނުން ވަނީ ބާރުގެ ބޭނުންކޮށް, ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް, ޠާލިބާނުންނާ ދެކޮޅަށް މި ފަދަ ޙަމަލާއެއް ދިނުމުގެ ގާބިލުކަން ލިބިފައި ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތް, ނުވަތަ އައިއެސް-ޚުރާސާނަށެވެ. އެ ޖަމާޢަތުން ދޭތެރެދޭތެރެއިން މި ފަދަ ބޮމުގެ ޙަމަލާތައް ދެއެވެ. ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުން މި ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

ޠާލިބާނުންގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް މަތީން ޤާނީ ބުނީ މި ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާ ކަމުގައެވެ. ޠާލިބާނުންގެ އިސްވެރިޔާ ހައްބަތުالله އަޚުންދިޒާދާ ފިލައިގެން އުޅެނީ ކަންދަހާރުގައެވެ. އަދި, އެއީ ޠާލިބާނުންގެ ޖަމާޢަތް އުފަންވި ރަށް ވެސް މެއެވެ. ރަސްމީ ގޮތުން ބަލާއިރު އަފްޣާނިސްތާނުގެ ވެރިކަން ކުރާ ރަށަކީ ކާބުލް ކަމުގައިވީ ނަމަވެސް, މިހާރު ވެރިކަން ހިންގަމުން ދަނީ ކަންދަހާރުންނެވެ.

ޠާލިބާން ސަރުކާރުން އަފްޣާނިސްތާނުގައި ވެރިކަން ކުރަނީ އަޚުންދިޒާދާ ބޭނުންވާ ގޮތަކަށެވެ. ސިޔާސަތުތައް ކަނޑައަޅަނީ ވެސް އޭނާއެވެ. އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި އަންހެން ކުދިން ތަޢުލީމު ހާސިލު ކުރުމުން މަހުރޫމު ކުރުވުން ހިމެނެއެވެ. އޭނާގެ މި ސިޔާސަތުގެ ދަށުން, ގްރޭޑް ހައެއް ނިންމުމަށް ފަހު އަންހެން ކުދިންނަށް އިތުރަށް ތަޢުލީމު ހާސިލެއް ނުކުރެވޭނެއެވެ.

އަންހެނުން ކުދިންނާއި އަންހެނުން މަތީ ތަޢުލީމު ހާސިލު ކުރުމަކީ ވެސް އަޚުންދިޒާދާ މަނާ ކޮށްފައިވާ ކަމެކެވެ. މީގެ އިތުރުން, ވަޒީފާ އަދާ ކުރުމަށް ވެސް އަޚުންދިޒާދާ ވަނީ އަންހެނުންނަށް ހުރަސް އަޅާފައެވެ. އޭގެ ތެރޭގައި, ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގައި މަސައްކަތް ކުރުމާއި, އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރުން ވެސް ހިމެނެއެވެ.

ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަނެފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހު, އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމަށް ފަހުއެވެ. ޠާލިބާނުން ވެރިރަށް ކާބުލަށް އަތްގަދަ ކޮށްފައި ވަނީ, 20 އަހަރުގެ ދިގު އިސްތިޢުމާރީ ހަނގުރާމައެއް ކުރުމަށް ފަހު, އެމެރިކާ ސިފައިން އެ ޤައުމުން ފޭބުމުންނެވެ.