ޚަބަރު

ޖަޕާން ކައިރިއަށް ކެމިކަލް ޓޭންކަރެއް ބަންޑުންޖަހައިލާ ހަތް މީހުން މަރުވެއްޖެ


ޖަޕާނުގެ އައްސޭރިފަށުގައި އަޅާފައި އޮތް ކެމިކަލް އުފުލާ ޓޭންކަރެއް ބަންޑުންޖަހައިލާ, އޭގެ ފަޅުވެރިންގެ ތެރެއިން ހަތް މީހުން މަރުވެއްޖެއެވެ. އެ ޓޭންކަރު ބަނޑުންޖަހައިލާފައި ވަނީ ޖަޕާނުގެ ހުޅަނގު ޔަމަގުޗީ ޕްރިފެކްޗަރގެ އައްސޭރިފަށަށެވެ. ބަންޑުން ޖަހައިލާފައިވާ ދެކުނު ކޮރެޔާގެ ދިދައިގެ ދަށުން ދަތުރު ކުރާ އުޅަނދެކެވެ.

ޖަޕާނުގެ ކޯސްޓްގާޑުން ބުނީ, ބަންޑުންޖަހައިލާފައި ވަނީ 'ސަންގޯޔާންގް'ގެ ނަން ދީފައިވާ އުޅަނދެއް ކަމަށާއި, ޔަމަގުޗީ ޕްރިފެކްޗަރގެ އައްސޭރިފަށުގައި އެ އުޅަނދު މަޑުކޮށްފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެން ކަމުގައެވެ. އަދި, މާރިޗު 20 ވަނަ ދުވަހުގެ ހެނދުނު 7 ޖެހިއިރު, އުޅަނދު އަރިއަޅައިލަން ފަށާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައި ވެސް ކޯސްޓްގާޑުން ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު އުޅަނދުގައި 11 ފަޅުވެރިން ތިއްބެވެ. މިހާތަނަށް ނުވަ ފަޅުވެރިއަކު ފެނިފައިވާއިރު, އޭގެ ތެރެއިން ހަތް މީހުން މަރުވެފައިވާ ކަމުގައި ކޯސްޓްގާޑުން ބުނެއެވެ. އަދި, ގެއްލިފައިވާ ކަމަށް ބެލެވޭ ދެ ފަޅުުވެރިންގެ ހަށިގަނޑު ހޯދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ, ކޮން ޤައުމަކަށް ނިސްބަތްވާ ބައެއް ކަން އަދި ސާފެއް ނޫނެވެ.

ސަންގޯޔާންގް ބަންޑުންޖަހައިލާފައި ވަނީ, 980 މެޓްރިކް ޓަނުގެ އެކްރިލިކް އެސިޑް ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށެވެ. ބޯޓު ބަންޑުންޖަހައިލި ހާދިސާއާ ގުޅިގެން, އޭގައި ބަރުކޮށްފައި ހުރި އެސިޑް ކަނޑަށް ލީކުވާން ފަށާފައި ނުވާ ކަމުގައި ޖަޕާނުން ބުނެއެވެ. ނަމަވެސް, އެ ފަދަ ހާލަތެއް މެދުވެރިވޭތޯ ބެލުމަށް އޮފިޝަލުން ދަނީ ދިރާސާ ކުރަމުންނެވެ.