ޚަބަރު

ޕާކިސްތާނުގެ މައިނެއްގައި އެއްޗެއް ގޮވައި 12 މީހުން މަރުވެއްޖެ


ޕާކިސްތާނުގެ ބޯޓުދެލި ނަގާ މައިނެއްގައި ބާރުގަދަ ގޮވުމެއް ގޮވައި, 12 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮންނަ ބަލޫޗިސްތާން ޕުރޮވިންސުގައެވެ. މި ހާދިސާއާ ގުޅިގެން މައިންގެ ތެރޭގައި ތާށިވި މީހުން ސަލާމަތް ކުރުމަށް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ބަލޫޗިސްތާން ޕުރޮވިންސުގެ މައިންތަކާ ބެހޭ އިދާރާގެ ޗީފް އިންސްޕެކްޓަރ ޢަބްދުލް ޣަނީ ބަލޯޗް ވިދާޅުވީ, މައިންގެ ތެރޭގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ, އެ ތަނުގެ ތެރެއަށް ނުރައްކާތެރި ގޭހެއް ކަމުގައިވާ މީތޭން ލީކުވުމާ ގުޅިގެން ކަމުގައެވެ. އެއީ, ހުޅުހިފާ ގޭހެކެވެ.

މި ހާދިސާ ހިނގި ވަގުތު މައިންގެ ތެރޭގައި 20 ވަރަކަށް މީހުން ތިބި ކަމަށާއި, އޭގެ ތެރެއިން އަށް މީހުން ސަލާމަތް ކުރެވިފައިވާ ކަމުގައި ބަލޯޗް ވިދާޅުވިއެވެ. އަދި, މިހާތަނަށް 12 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މައިންގެ ތެރޭގައި އިތުރު ބަޔަކު ތާށިވެފައިވޭތޯ ބެލުމަށް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގެ ހުޅަނގުގެ ސަރަޙައްދުތަކަކީ ޤުދުރަތީ މައުދަން ހުންނަ މައިންތައް ގިނަ ސަރަޙައްދެކެވެ. އަފްޣާނިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އެ ސަރަޙައްދުގެ މައިންތަކުގައި މީގެ ކުރިން ވެސް މި ފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ. މި ފަދަ ގިނަ ހާދިސާތައް ހިނގާފައި ވަނީ ގޭހުގައި ހުޅުހިފައި, ގޮވަން މެދުވެރިވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން, ޕާކިސްތާނުގެ މައިން ކުރުމުގެ ސިނާޢަތަކީ, އެ ސިނާޢަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މިންވަރަކަށް ރައްކާތެރި ކަން ފޯރުކޮށްދިނުމަށް އިސްކަންދޭ ސިނާޢަތެއް ނޫނެވެ. މައިންތައް ހިންގާ ކުންފުނިތަކުން އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރައްކާތެރި ކަމުގެ އާލާތްތައް ފޯރުކޮށް ނުދޭ ކަމުގައި, އެ ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޔޫނިއަންތަކުން ބުނެއެވެ.