ޚަބަރު

ޤަވާއިދާ އެއްގޮތަށް ދުއްވާނަމަ ފުލުހުން ދެނީ ހަދިޔާއެއް


  • "ފަހިރާސްތާ" ޕްރޮގްރާމް ކުރިއަށް ގެންދަނީ އާދީއްތަ އަދި ބުރާސްފަތި ދުވަހު

  • ގަވާއިދާއި އެއްގޮތަށް ހުންނަ ވެހިކަލްތަކަށް ގިފްޓް ވައުޗަރ ހަދިޔާ ކުރޭ

  • މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިދިޔަ އަހަރުން ފެށިގެން

މަގުމަތީގައި ދުއްވާފައިވާ އުޅަނދެއް ފުލުހުން ހިފަހައްޓައިފިނަމަ ޤަބޫލުކުރެވޭނީ، އެ އުޅަނދެއް ޤަވާއިދފާ ޚިލާފުވީކަމަށެވެ. އަދި އެ އުޅަނދަކަށް ކޮންމެވެސް ފިޔަވަޅެއް އެޅީކަމަށެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުން ފެށިގެން ބްރިޖް ހައިވޭގައި އުލަނދުތައް ހިފަހައްޓަނީ ޤަވާއިދާ ޚިލާފުވެގެނެއް ނޫނެވެ. ޤަވާއިދާ އެއްގޮތަށް ދުއްވާތީ ކޮންމެވެސް ހަދިޔާއެއް ދިނުމުގެ ގޮތުންނެވެ.

ޤަވާއިދާ އެއްގޮތަށް ދުއްވާ މީހުންނަށް އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ފުލުހުން ހިންގާ ޚައްޞަ ޕްރޮގްރާމަކީ "ފަހިރާސްތާ"އެވެ. މި ކެންޕެއިންގެ ދަށުން ރޯޑްވާދިނަސް، އިންޝުއަރެންސް، އަހަރީފީ، އަދި އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތްނަމަ އެ ފަރާތަކަށް ހިލޭ ޕެޓްރޯލް ނުވަތަ އުޅަނދު ދޮވުމަށް ވައުޗަރއެއް ދޭނެއެވެ. އަދި މި ކެންޕެއިންގެ ތެރެއިން ބްރިޖް ހައިވޭ ބޭނުންކުރާ ފަރާތްތަކުގެ ހެލްމެޓްގައި މައްސަލައެއް އުޅޭނަމަ ނޫނީ ޤަވާއިދަށް ނުފެތޭ ހެލްމެޓް ބޭނުންކުރާނަމަ އެކަހަލަ ފަރާތްތަކަށް ފުލުހުން ދަނީ ހެލްމެޓްވެސް ބަދަލުކޮށްދެމުންނެވެ.

ފަހިރާސްތާ ޕްރޮގްރާމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަސްލަހް ވިދާޅުވީ ފަހިރާސްތާ ޕްރޮގްރާމަކީ ރަމްޟާން މަހު މަގުމަތީގެ އެންމެ ކާރުބާރުބޮޑުވާ ވަގުތު މަގުތަކުގައި ދުއްވާ އުޅަނދުތައް ޗެކް ކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގަރާމްއެއް ކަމުގައެވެ. މިޕްރޮގްރާމް ކުރިއަށް ގެންދަނީ އާންމުކޮށް ފުލުހުން މަސައްކަތްކުރާ ގޮތާއި ޚިލާފަށްކަން އަސްލަހް ވަނީ ފާހަގަ ކޮށްފައެވެ.

"އެހެންޏާ ފެންނާނީ ގަވާއިގާއި ޚިލާފަށް މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވާ ފިޔަވަޅު އަޅާތަން. ނަމަވެސް މިފަހިރާސްތާގަ އަޅުގަނޑުމެން މިކުރާ ކަމަކީ ގަވައިދާ އެއްގޮތަށް އުޅޭ މީހުންގެ އަގުވަޒަންކުރުން." އަސްލަހް ވިދާޅުވިއެވެ.

އަސްލަހް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިިން ގަވާއިދާއި އެއްގޮތަށް ހުންނަ ވެހިކަލްތަކަށް ގިފްޓް ވައުޗަރ ހަދިޔާ ކުރާ ކަމުގައެވެ. މިގޮތުން ސައިކަލެއްނަމަ 3 ލީޓަރު ފެޓްރޯލް، ކާރެއްނަމަ 7 ލީޓަރު ޕެޓްރޯލް ހަދިޔާ ކުރާކަމުގައި އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އުޅަނދު ދޮވެލުމަށްވެސް ވައުޗަރ ދޭކަމަށްވެސް އަސްލަހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމުގެ ބޭނުނަކީ، ޤަވާއިދާއި އެއްގޮތަށް އުޅޭ ފަރާތްތަކަށްވެސް ގަވާއިދާއި އެއްގޮތަށް އުޅުމަށް ހިތްވަރު ދިނުން ކަމުގައެވެ.

މި ޕްރޮގަރާމްގެ ތެރެއިން ގަވާއިދާއި ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ނަސޭހަތްތެރި ވާނެއެވެ. އެއްވެސް ފިޔަވަލެއް އަޅަނީ ތަކުރާރުކޮށް ނަސޭހަތްދީގެންވެސް ރަނގަޅު ނުކޮށްފިނަމައެވެ.

"ފާއިތުވި ހަފްތާއާއި މިހަފްތާއިން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފަ އެބަހުރި އެކަންކަން ހަމަ ރަނގަޅު ނުކޮށް. އެފަރާތްތަށް އަޅުގަނޑުމެންނަށް ދޫކޮށްލެވޭކަށް ނޯންނާނެ. ދެންމެވެސް ފާހަގަ ކުރެވުނު ނަސޭހަތް ދެވުނުތާ 8 މަސް ވެފަވާ ފަރާތެއް އެއްވެސް ކަމެއް ރަނގަޅުނުކޮށް." އަސްލަހް ވިދާޅުވިއެވެ.

އަސްލަހް ވިދާޅުވީ މިޕްރޮގްރާމްގެ ތެރެއިން ބަލާ ފާސްކުރާ ވެހިކަލްތަކުގެ ތެރެއިން ގިނަ ވެހިކަލްތައް މަގުމަތީގެ ގަވާއިދުތަކާއި އެއްގޮތަށް އަމަލު ކުރަމުން ދާކަމާއި، އުޅަނދުގައި ހުންނަންޖެހޭ ކަންކަން ގަވާއިދާއި އެއްގޮތަށް ހުންނަކަން ފާހަގަ ކުރެވޭކަމަށެވެ. މީގެ ކުރިން ގިނަ އުޅަނދުތަކުގެ ލޯގަނޑުތައް ނުހުންނަ ކަމަށާއި ނަމަވެސް ރަމްޟާން މަހުގެ ފުރަތަމަ ދެހަފްތާގައި ޗެކް ކުރެވުނު ހުރިހާ ވެހިކަލެއްގެ ލޯގަނޑުތައްވެސް ގަވާއިދާއި އެއްގޮތަށް ހުރިކަން އަސްލަހް ވަނީ ފާހަގަ ކޮށްފައެވެ.

މި ޕްރޮގްރާމް ފުލުހުން ކުރިއަށް ގެންދަނީ، ދަ ހޮކްސް ޕްރައޮވެޓް ލިމިޓެޑް، އެލައިޑް އިންޝުއަރެންސް އަދި ޝީޝާ ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކުއެވެ.

ފަހިރާސްތާ ޕްރޮގްރާމަކީ މުޅި އަހަރަށް ބަހާލައިގެން ފުލުހުން ކުރިއަށްގެންދާ ރައްކާ ކެމްޕެއިންގެ ދަށުން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިދިއަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ މި ޕްރޮގަރާމް ފުލުހުން ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ އާދީތަ އަދި ބުރާސްފަތި ދުވަހުއެވެ.