ޚަބަރު

"އަޚްލާގީ ރިވެތި ސިފަތަކުގައި ހިފުމުން ކާފިރު އަމަލުތަކުން ދުރުހެލިވެވޭނެ"


  • ފޯރަމް ހުށައަޅައިދީފައި ވަނީ ސީއެޗްއެސްއީގެ ދަރިވަރުން

  • ފޯރަމްގެ މަޢުޟޫއަކީ ރަސޫލާ މުހަންމަދު ﷺ ޢައިރު މުސްލިމުންނާ މުއާމަލާތު ކުރެއްވި ގޮތަށް

އަޚްލާގީ ރިވެތި ސިފަތަކުގައި ހިފުމުން ކާފިރު އަމަލުތަކުން ދުރުހެލިވެވޭނެ ކަމަށް ދަރިވަރުން ކުރިއަށްގެންދިޔަ ދެވަނަ އިޙްޔާ ފޯރަމްގައި ހާމަކޮށްފިއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދަރިވަރުން ކުރިއަށްގެންދިޔަ ދެވަނަ ފޯރަމް އަލިއަޅުވަލާފައިވަނީ "ކީރިތި ރަސޫލާ މުހަންމަދު ﷺ ޢައިރު މުސްލިމުންނާ މުއާމަލާތު ކުރެއްވި ގޮތް" މި މައުޟޫއަށެވެ.

މިރަމަޟާން މަހު ސްކޫލް ކުދިންގެ ދެވަނަ އިޙްޔާ ފޯރަމް ހުށައަޅާދިނީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، ސީއެޗްއެސްއީގެ ދަރިވަރުންނެވެ. މިފޯރަމްގައި ރަސޫލާ ޢައިރު މުސްލިމުންނާ މުއާމަލާތު ކުރެއްވި ގޮތް ވަނީ ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ. އަދި އަދުގެ މުސްލިމުން ޢައިރު މުސްލިމުންނާ މެދު ކަންތައް ކުރަމުންދާ ގޮތާއި އެކަމުގެ އެންމެ މޮޅު އިތުރު ވެގެންވާ ގޮތް ވަނީ ކިޔައިދީފައެވެ.

މިފޯރަމްގައި މަޢުލޫމާތު ދެމުން ދަރިވަރުން ވަނީ ޢައިރު މުސްލިމުންނާ މެދު އަމަލުކުރާއިރު މުސްލިމުންނާއި ޢައިރު މުސްލިމުންނާއި ދެމެދުވާ ތަފާތު ހަނދާން ނައްތާލައިގެން ނުވާނެކަން ފާހަގަ ކޮށްފައެވެ. އަދި އަޚްލާގީ ރިވެތި ސިފަތަކުގައި ހިފުމަކީ މުޖްތަމައުގައި ކާފިރު އަމަލުތަކަށް ދުރުހެލިވެވޭނެ ކަމަށެވެ. އަދި ކާފިރުންގެ އީދުތައް ފާހަގަކޮށް އެމީހުންގެ އާދަކާދަތަކާއި ސަގާފަތް އަޅުގަނޑުމެންގެ ތެރޭގައި އާންމު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަންވެސް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

ސްކޫލްތަކުގެ ދަރިވަރުން ލައްވާ އިޙްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މައުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މައުޟޫއު ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އަދި އެ ދަރިވަރުން ބޭނުންވާ މަޢުލޫމާތުތައް އިލްމުވެރިން ފޯރުކޮށްދޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މައުލޫމާތެއް މަދުވާނަމަ އެމައުލޫމާތެއްވެސް އިލްމުވެރިން ފޯރުކޮށްދެއެވެ.

ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ފޯރަމަކީ ސްކޫލް ދަރިވަރުންގެ މެދުގައި ދީނާ މެދު އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ފޯރަމެކެވެ.

މިފޯރަމް އަޑުއެހުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންނާއި، ގިނަ ޢިލްމުވެރިން ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ ސްކޫލް ދަރިވަރުންވެސް ހާޒިރުވިއެވެ.