ޚަބަރު

ވީއައިއޭގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް އާރް.ޑީ.ސީއަށް


  • މިއީ މިފަދަ މަސައްކަތަކަށް އެމްއޭސީއެލުން ދިވެހި ކުންފުންޏަކާއިއެކު ސޮއިކުރި ފުރަތަމަ ފަހަރު

  • މި އެއްބަސްވުމުގެ ދަށުން އެއަރޕޯޓްގެ އެތެރޭގެ މަގުތައްހަދާނެ

  • މަގުތައް މަރާމާތުކޮށް، ރީސަރފޭސް ކުރުމުގެ މަސައްކަތް ކުރާނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން އެއަރޕޯޓްގެ އެތެރޭގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސަރފޭސް ކުރުމުގެ މަސައްކަތް އާރްޑީސީން ކުރާނެއެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިންގ ދެމުމުގެ މަސައްކަތްވެސް އެކުންފުނިންގ ކުރިއަށް ގެންދާނެއެވެ.

އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާއިއެކު އެމްއޭސީއެލްއިން ސޮއިކުރި ފުރަތަމަ ފަހަރުކަމަށެވެ. އަދި އެމްއޭސީއެލްގައި މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ޚާއްސަ އިންޓަރނަލް ޓީމެއް އޮތްނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ޙާލަތެއްގައި އެމަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހުކަމަށް ވާތީ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން އާރުޑީސީ ފަދަ މިފަދަ މަސައްކަތްތަކަށް ޚާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

"އެމްއޭސީއެލްއަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއަރޕޯޓެއް ހިންގާބައެއް. މިތިން ކަންތަކުގެ ތެރެއިން ތިބޭފުޅުންގެ އެކްސްޕަރޓީޒް، މޭންޕަވަރ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން." ޝަރީފު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުވަނީ، އާރުޑީސީގެ ގާބިލްކަން އިތުރުކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި އާރުޑީސީގެ ކުރިމަގު ބިނާކުރަމުންދާނީ ސަރުކާރު ކުންފުނިތަކާއެކު މަސައްކަތްކޮށް އިތުރަށް ފުޅާކޮށްގެން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަނީ މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާއި ހަވާލުކުރުމުން ބޭރުކުންފުނިތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ އާރްޑީސީއަކީވެސް އެމްއޭސީއެލް ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެކަމަށް، އެކަމަށް މިމަސައްކަތްކުރަނީ." އަލީ ޒުހައިރު ވިދާޅުވިއެވެ.

މީގެ އިތުރުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ ތަރައްޤީއަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީތެރިކަން އާރްޑީސީން ދެމުންގެންދާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، ވީއައިއޭގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތަކަކީ އެއަރޕޯޓް ބޭނުންކުރާ ދަތުރުވެރިންނާއި، އެހެނިހެން ފަރާތްތަކުގެ ފަސޭހައާއި، ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ މުހިއްމު މަސައްކަތެއްކަމަށެވެ. މިމަސައްކަތްތަކާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެން ދާނެއެވެ.