ޚަބަރު

ޓެލެގްރާމް ޗެނަލްގެ މައްސަލަ: ތުހުމަތުކުރެވޭ މީހުންގެ އެކައުންޓުތަކުން ބޮޑެތި ޓްރާންސެކްޝަންތަކެއް


  • 5 ޓެލެގްރާމް ޗެނެލްއެއް ކޮންޓްރޯލް ފުލުހުން ވަނީ ނަގާފަ

  • ތަހުގީގުގެ ތެރެއިން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

  • ޗެނަލްތައް ފޮލޯކުރާ މީހުންގެ އަދަދު 7000 އަރާ

ފުޅާ ދާއިރާއެއްގަ ކުށުގެ އަމަލުތައް ހިންގުމަށް ޖަޒީރާގެ ނަމުގައި ބޭނުންކުރަމުންއައި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ތުހުމަކުރެވޭ ގިނަ އަދަދެއްގެ މީހުން އެބަތިބިކަމަށާއި އެފަދަ މީހުންގެ އެކައުންޓްތަކުން މިލިޔަނުން ފައިސާގެ ޓްރާންސެކްޝަންތައް ހަދާފައިވާކަން ފުލުހުންގެ ތަހުޤީގަށް ހާމަވެއްޖެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޤާނޫނާއި ޚިލާފު ކަންކަން ކުރުމަށް ބޭނުންކުރާ ޓެލެގްރާމް ޗެނެލްތަކާއި ގުޅިގެން ފުލުހުން ހިންގާ ތަހުޤީގުތަކާ ގުޅޭ ބައެއް އަދާހަމަތައް ޙިއްސާކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުގެ ފަރާތުން އިންސްޕެކްޓަ އޮފް ޕޮލިސް އައިމިނަތު މުޙައްމަދު ވިދާޅުވީ ޓެލެގްރާމް ޗެނެލްތަކެއް ބޭނުންކޮށްގެން ޤާނޫނާ ޚިލާފް ކަންކަން ކުރާކަމަށް ލިބެމުންދިޔަ މައުލޫމާތުތަކާއި ގުޅިގެން، މިމަހުގެ 6 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.

މި އޮޕަރޭޝަންގައި 4 ތަނެއް ބަލާފާސްކޮށް 28 އަހަރުގެ ފިރިހެނަކާއި، 39 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ފައިނެންޝަލް ޓްރާންސްކްޝަންތަކުން އެމީހުންނަކީ އާމްދަނީ ހޯދުމަށް އެވެސް މަސައްކަތެއްކުރާ ބައެއް ނޫންކަން އެނގެން ހުރި ނަމަވެސް، ގިނަ އަދަދެއްގެ ފައިސާގެ ޓްރާންސެކްޝަންތަކެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޮޓް ގެލަރީ، ޖަޒީރާ ސްކޭމް އެލާޓް،ޖަޒީރާ ލިންކް ޚަބަރު މި ޗެނަލްތައް ހިންގާ މައްސަލައިގައި އޮޕަރޭޝަނެއް ހިންގާފައި މި ޗެނަލްތައް ހިންގާ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މަނީ ލޯންޑަރިންގ، ޑްރަގް ޓްރެފިކިން، ހަށިވިއްކުން، އެކަމަށް ހިތްވަރު ދިނުން، އޮރިޔާން ކާޑު އުފެއްދުން، އޮރިޔާން ކާޑު ބެހުން، ފޯޖް ޑޮކިއުމަންޓް ތައްޔާރުކުރުމުގެ އިތުރުން އެކި ހޮސްޕިޓަލްތަކުގެ ނަމުގައި ފޭކް އެމްސީ ހައްދައިދިނުމުގެ މައްސަލަތައް" އިންސްޕެކްޓަ އޮފް ޕޮލިސް އައިމިނަތު މުޙައްމަދު ވިދާޅުވިއެވެ.

މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށްގެނައި މިމީހުންގެ ތެރެއިން އެކަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި، އެމީހުންގެ މައްޗަށް މަނީ ލޯންޑްރިންއާއި ޑްރަގް ޓްރެފިކިންގެ ދައުވާގެ އިތުރުން ހަށިވިއްކުމާއި ހަށިވިއްކުމަށް ހިއްވަރުދިނުން ފަދަ މައްސަލަތައް ތުހުމަތު ކުރެވޭކަމުގައި ފުލުހުން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ މިޗެނެލަކީ ރާއްޖޭގައި މިހާތަނަށް މިފަދަ އަމަލުތައް ހިންގުމަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރި ޗެނަލްކަމަށާއި، ޑިސެމްބަރު މަހުން ފެށިގެން ފެބުރުވަރީ މަހާއި ދޭތެރޭ ވަރަށް ބޮޑަށް ޗެނަލް ބޭނުންކުރި މިންވަރު އިތުރުވެފައިވާއިރު، ޗެނަލްތައް ފޮލޯކުރާ މީހުންގެ އަދަދު 7000 އަރާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި ޗެނަލްމެދުވެރިކޮށް ޤާނޫނާ ޚިލާފުކަންކަން ކުރުމަށް ރާއްޖެއިން ބޭރުން އަންހެނުން ގެނެސްފައިވޭ. އަދި ދިވެހީންވެސް މިކަންކަމުގައި ހިމެނޭ" އައިމިނަތު މުހަންމަދު ވިދާޅުވިއެވެ.

ތަޙުޤީގަށް މިހާތަނަށް ހޯދުނު ހޯދުންތަކުން މި މައްސަލައިގައި ތުހުމަތުކުރެވޭ އެކެއްގެ އެކައުންޓުން އަނެކެއްގެ އެކައުންޓްތަކަށް ބޮޑެތި އަދަދުން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަމާއި، ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ޚާއްސަ ޓެކްސީއެއް ބޭނުންކުރަމުންދިޔަކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.