މުނިފޫހިފިލުވުން

ވާހަކަ: ތިން ފިނިފެންމާ


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: ޝަރުމާ އަބްދުއްރަޙީމް އދ.މަހިބަދޫ/ނިރު

  • ހުށަހެޅުއްވީ: އާމިނަތު ޝަޒްލާ،ރ.އިންނަމާދޫ /ކަހެކްޝާން

  • އޮންއެއަރކުރި ދުވަސް: 14.03.2024

ޢާއިޝާއަކީ ނޫނު އަތޮޅު މިލަންދޫ ސްކޫލްގައި މަސައްކަތްކުރާ ހިތްވަރުގަދަ މުދައްރިސެކެވެ. އޭނާ ކިޔަވައިދެނީ ގްރޭޑް ހައެއް ހަތެއްގެ ދަރިވަރުންނަށެވެ. އާދީއްތަ ދުވަހެކެވެ. ސްޓާފްރޫމްގައި ފިލާވަޅަށް ތައްޔާރުވެ ނިމުނު ތަނާހެން ރަނގަބީލުގެ އަޑުއިވުނެވެ. ޢާއިޝާ ދާންއޮތީ ހަތެއް އޭ އަށެވެ. މަޑުހިނގުމެއްގައި ކުލާހަށް ގޮސް ކުލާސް އަރިމަތީގައި ހުއްޓިލިއެވެ. އޭރު ކިޔަވައިދޭންހުރީ އިނގިރޭސި ޓީޗަރެވެ. މުޅިކުލާސް އޮތީ ހަލަބޮލިވެފައެވެ. އެއްބައިކުދިން ގޮނޑިންތެދުވެ އުޅެއެވެ.

އަނެއްބައިކުދިން ހީހީފާ ވާހަކަދައްކަނީއެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތައް ކައިރީ ބޭރުބަލަންވެސް ކުދިން ތިއްބެވެ. ޢާއިޝާ ބޭރުގައި މަޑުކޮށްލުމުން ކުލާހުގައި ހުންނެވި މުދައްރިސް މަސައްކަތް ނިންމާލައި ސަލާމް ގޮވުމަށްފަހު ބޭރަށް ނިކުތެވެ. ޢާއިޝާ ކުލާހަށް ވަދެ ސަލާމްގޮވާލިއެވެ. ދަރިވަރުން އެތިބި ތަނެއްގައި ތިބެމެ ސަލާމްގެ ޖަވާބުދިނެވެ. ހުރިހާ ކުދިން ބަސްއަހައިގެން އިށީނުމަށް ޢާއިޝާ ބުންޏެވެ. ކުދިންތައް މަޑުމަޑުން އިށީންނަމުން ގޮސް ހުރިހާ ކުދިން އެކުދިންނަށް ޚާއްސަކުރެވިފައިވާ ގޮނޑިތަކުގައި އިށީނެވެ. އެހިސާބުން ޢާއިޝާ އެދުވަހު ނަގައިދޭންއުޅޭ ފިލާވަޅުގެ ސުރުޚީ ބޯޑުގައި އަޅާލައި އޮޅުން ފިލުވައިދޭން ފަށައިގެންފިއެވެ. ކުދިން އިށީނަސް ކުލާސްތެރެއިން އަދިވެސް އަޑުނުކެނޑެއެވެ. ޢާއިޝާ ބުންޏެވެ. މިއަދު މިސް ތިޔަކުދިންނަށް ވަރަށް ރީތި ވާހަކައެއް ކިޔައިދޭނަމެވެ. މިއީ މީގެ އެތައް އަހަރެއްކުރިން ނޫނު އަތޮޅުގެ ރަށެއްގެ އަންހެން ކުއްޖަކަށް ދިމާވި ހާދިސާއެކެވެ. ހުރިހާ ކުދިން މަޑުމައިތިރި ވެއްޖެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅިކުލާސް ހީވަނީ ދިރޭފުރާނައެއް ނެތް ސަހަރާ އެއްހެންނެވެ. ޢާއިޝާ ވާހަކަ ކިޔައިދޭން ފެއްޓެވެ.

އެއީ މީގެ ތިރީހަކަށް އަހަރު ކުރިއެވެ. ނޫނު އަތޮޅުގެ ޗާލު ރަށެއްގެ އަތިރިމަތީގައި ހިނގާފައި އެދަނީ އެރަށު ރީތިގޭ ޖަންނާއެވެ. ރީތި ތުނިހަށިގަނޑަކާއި ހެޔޮވަރުގެ ދިގު އިސްކޮޅެއް ލިބިފާ ޖަންނާ އަކީ ރަށުގެ ޅަވަރުގެ ހުރިހާ ކުދިންގެވެސް ހިތުގެ މަލިކާއެވެ. ހަމުގެ ކުލަ މާދޮންނުވިޔަސް ހަންގަނޑުގެ އޮމާންކަމާއި ރީތި ޖާދުވީ، ލޮލުގެ ސަބަބުން އޭނާގެ ރީތިކަން ވިދާ ބަބުޅައެވެ. ޒަމާނުގެ ފެށަނަށް ލޯބިކުރާކަން ލާފައި ހުރި ހެދުމުން އެނގެއެވެ. ކަކުލާހަމައަށް ފަހާފައިވާ ހެދުމަކާއެކު ދޫހަރުވާޅެއް ލައިގެން ހުރިއިރު ފިސާރި ނަލައެވެ. އަރައިގެންހުރި ކަޅު ބޫޓް އޮފްކަމުން ވިދަވިދާ ހުއްޓެވެ. އިސްތަށިގަނޑު ވަނީ ތިން ފަށަށް ގަތާލާފައެވެ. ބޮލުގައި ތިން ފިނިފެންމާ ޖަހާފައި ވާއިރު އެރީތި ފަންއިސްތަށިގަނޑުގެ ރީތިކަން އިތުރުކޮށްދެއެވެ. އަތިރިމަތީގައި ތިބި އެންމެންގެވެސް ނަޒަރު ހުއްޓިފައިވަނީ މިރީތިރީތި ކަމަނާއަށެވެ. އެކަކު ބުނެލިއެވެ. " ޖަންނާ ދަބަހެއް ހިފައިގެން އެދަނީ ކޮންތަނަކަށް ފުރަންބާއެވެ" ކައިރީގައި އިން އެހެން މީހަކު ބުންޏެވެ. "އެދަނީ ފެލިވަރަށޯއެވެ. އެރަށުމަސްބަންދުކުރާ ކާރުޚާނާއިން ވަޒީފާއެއް ލިބުނީއެވެ. "

މަޑުހިގުމެއްގައި ދިޔަ ޖަންނާގެ ފަހަތުން އޭނާގެ ދައްތައަކާއި ބޭބެއެއްވެސް ފޮއްޓެއް ހިފައިގެން ދިޔައެވެ. ޖަންނާއަކީ އެ ޢާއިލާގެ އެންމެ ކުޑަ ކުއްޖާއެވެ. އޭނާގެ ޢުމުރުން އަދި މިވީ ސޯޅަ އަހަރެވެ. ރަށް ކައިރީގައިވާ ރަށެއްކަމުގައިވާ މިލަންދޫ އިސްކޫލުން ނިންމާފައި އައިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ޢާއިލާގައި އޭނާގެ އިތުރުން ހަތަރު ފިރިހެނުންނާއި ދެ އަންހެނުން ތިބެއެވެ. މަންމަޔާއި ބައްޕަ ނިޔާވެފައިވަނީ މީގެ އެއް އަހަރުކުރިން ލޯންޗެއް ބަންޑުންވި ހާދިސާ އެއްގައެވެ. ބަނދަރު މަތީގައި ޖަންނާމެން ތިބޭތާ ދިހަ ވަރަކަށް މިނިޓްވީއިރު ބޮޑު ސްޕީޑް ލޯންޗެއް އައިސް ކައިރި ކޮށްލައިފިއެވެ. ޖަންނާ ލޯންޗަށް އަރާ ހަމަޖެހިލުމާއެކު ލޯންޗު ނައްޓާލައިފިއެވެ. ގާގަނޑުމަތީގައި ތިބި މީހުން ހަނާއަޅާލި މަންޒަރާއެކު ލޯންޗު ހިނދުކޮޅެއްގެ ތެރޭގައި ، ނެރުން ނިކުމެގެން ގޮސް ލޮލުކޮޅަށް އޮބާލައިފިއެވެ. ލޯންޗު ބާރު ދުވެލީގައި ގޮސް ލެފީ ޅަވިޔަނި އަތޮޅު ފެލިވަރަށެވެ.

ލޯންޗުން އައި އެކި ރަށްރަށުގެ ކުދިން ފޭބިއިރު ވިއްސަކަށް އަހަރުގެ ޒުވާން ފިރިހެން ކުއްޖަކާއި ޢުމުރުން ސާޅީހަކަށް އަހަރުގެ ފިރިހެނަކު އެމީހުން ބަލާ އައިސް ތިއްބެވެ. އެއީ ފެލިވަރު ކާރުޚާނާގެ ދެ ސްޕަވައިޒަރުންނެވެ. އެމީހުންގެ ވާހަކައިން އެނގުނީ ލޯންޗުން މިއަދު އައިސްމިތިބީ މިތަނުގައި މަސައްކަތް ކުރަން އަލަށް ނެގި ޖަމާޢަތެއްގެ ކުދިން ކަމެވެ. އެއްޗެހިތައް ބާލާ ނިމުމުން އެންމެން އެކުގައި ޖަންނާމެން ތިބުމަށް ހަމަޖެހިފައިވާ ތަނަށް ދާން ހިނގައިގަތެވެ. އެ ތަނާ ހަމައަށް ފޯރިއިރު ހަވީރު ވަނީއެވެ.

އެއީ ފެލިވަރުގައި މަސައްކަތްކުރާ އަންހެން ކުދިން ތިބެން ހަދާފައިވާ ތަނެކެވެ. އަތިރިއާއި ވަރަށް ކައިރީގައިވާ އެތަނުގެ ވަށައިގެން ހަވަރަކަށް ފޫޓަށް ފާރުރާނާފައިވެއެވެ.ފާރުގައި ސިމެންތިޖަހާ ރީތި ފެހި ކުލަ ލާފައިވާ އިރު ބަލާލަން ނިކަން ފަސޭހައެވެ. އަތިރިމައްޗާ ދިމާއަށް ވާގޮތަށް ވަދެނުކުމެ ހަދަން ބޮޑު ދޮރާއްޓެއް ހަދާފައި ވެއެވެ. ދޮރާށީގައި ފާރުގެ ކުލައަށް ވުރެ މަޑުކުލައެއް ލާފައިވެއެވެ. ގޯތިތެރޭގެ ހުސްޖާގަ ވަރަށް ބޮޑެވެ. އެކި ސަރަޙައްދުގައި އެކިވަރުގެ ބޮޑެތި ބިޔަ ގަހާއި ، ރީތި މާއަޅާ ގަސްތައް ބައިބަޔަށް ހައްދާފައި ވާއިރު ، މަންޒަރު ފިސާރި ޗާލެވެ. ހިތް ފަސޭހަ ތަނެކެވެ. ބިޔަ ކާނި ގަހެއްގެ ކުރިމައްޗަށް ވާގޮތަށް އެހުރީ މުވައްޒަފުން އުޅެން ހަދާފައިވާ ގެއެވެ. ހަތަރު ކޮޓަރިއާއި ބޮޑު ފެންޑާއަކާއި ކާގެއާއި ބަދިގެއެއް ހުރި އެގޭގައި ކޮންމެ ކޮޓަރިއެއްގައި ހަ އަންހެން ކުދިން ތިބެއެވެ. ކޮޓަރީގައި ތިންބުރި އެނދުގެ ދެ އެނދު ހުއްޓެވެ. ފާޚާނާ ހުންނަނީ އެތެރެއިން ވަދެވޭ ގޮތަށެވެ. ސީލިންގ ބޮޑު ފަންކާއެއް ހަރުކޮށްފައިވާއިރު ލުއްވަ ހަރުކޮށްފައިވާ ކުޑަ ދޮރުތައް ތިން ބަރިއަށް ވާގޮތައް ހަދާފައި ވެއެވެ. ޖަންނާ ނިދަނީ ތިންބުރި އެނދުގެ އެންމެ މަތީގައެވެ. ގޭގެ ބޮޑު ފެންޑާގައި ހެޔޮވަރުގެ ބޮޑު ޓީވީއެއް ހަރުކޮށްފައިވެއެވެ. ޓީވީ މަތީގައި ކަހަލަ ގޮތަކަށް ވީސިއާރެއް ބާއްވާފައި އޮތެވެ.

ބޮޑު ފެންޑާއިން ބޭރަށް ނުކުންނަން ތިން ދޮރުފަތްލީ ބޮޑު ދޮރެއް ވެއެވެ. އަދި ބޭރަށް ހުޅުވާލެވޭގޮތަށް ހަތަރު ދޮރުފަތްލާފައިވާ ކުދި ދޮރު ސެޓެއް ހަރުކޮށްފައި ހުއްޓެވެ. ޖަންނާމެން އުޅެނީ ސިޓިންރޫމާ އެންމެ ގާތުގައިވާ ކޮޓަރީގައެވެ.

ޖަންނާ އަކީ ގަސްގަހާއި މާމަލަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. ރީތި ވެއްޖެއްޔާ އަބަދު ހެންވެސް އޭނާގެ ބޮލުގައި އެކި ދެތިންމާ ޖަހާލާފައި ހުރެއެވެ. ރޭގަނޑެއް ދުވާލެއް މާޖެހުމުގައި ނޯވެއެވެ. އޭނާ އަބަދުހެން ހުންނާނީ ގަދަޔަށް ރަތްކޮށް ދުފާލައިގެންނެވެ. މިއީ މާއުފާވާ ހިތްހަމަޖެހޭ ކަމެކޯލައެވެ. ރޭގަނޑު ނިދާގަޑީގައި ޖަންނާ ބައެއްފަހަރު ލުއްވަތައް ކުޑަކޮށް ހުޅުވާލައިގެން އޮންނައިރު މާމަލުގެ މީރުވަސް އަބަދުވެސް ދުވާހެން ހީވެއެވެ. ކުޑަދޮރާދިމާއަށް ހައްދާފައިވާ ހުސްނުހީނާ ވެޔޮގަނޑުގައި އަޅާފައި ހުންނަ މާތައް ރޭގަނޑަށް ފޮޅިފައި ހުންނައިރު މުޅި ހިސާބު ހުވަނދުން އެއްވަސް ކުރުވާފައި ހުރެއެވެ. އޭގެ ތެރެއަށް ފިނިފެންމަލާއި ހުވަނދުމަލުގެ ވަސް އެކުވެފައިވާ ކަހަލައެވެ.

ރޭތަކުގެ ތެރެއިން ރެއެކެވެ. ޖަންނާއާއި އިތުރު ހަކުއްޖަކު ރޭވީ އެރޭ ފިލްމެއް ބަލާށެވެ. ބަންދު ރެއެއް ކަމުން ރޭގަނޑު އަށެއް ޖެހިއިރު ކައި ނިމިގެން ފިލްމުބެލުމަށް ބޮޑު ފެންޑާއަށް ނިކުތެވެ. އެއް ބަޔަކު ބޭނުންވީ ފެންޑާގައި ބަހައްޓާފައި ހުރި ގޮނޑިތަކުގައި ތިބޭށެވެ. ނަމަވެސް ޖެހޭ ނަލަރޯޅީގެ ހިތްގައިމުކަމުން ޖަންނާއާއި އިތުރު 2 ކުދިން ނިކުތީ ބޭރަށެވެ. ބޭރުގައި ހައްދާފައިވާ ބޮޑު ނިކަގަހުގައި އެލުވާފަ ހުރި އުނދޯލީގައި 3 ކުދިން އިށީންދެގެން ތިބިއިރު ހުޅުވާލެވިފައިވާ ބޮޑު ދޮރުން ސާފުކޮށް ޓީވީ ފެންނަން ހުއްޓެވެ. ފިލްމު ފެށިއްޖެއެވެ. އެންމެންވެސް ޝައުޤުވެރިކަމާއެކު ފިލްމުބަލަން ތިއްބެވެ. އެގޮތުގައި ތިރީހަކަށް މިނިޓް ވިފަހުން ކުއްލިއަކަށް މީރުވަހެއް ދުވަން ފެށިއެވެ. އެވަސް އައީ ގަދަވަމުންނެވެ. މާމަލުގެ މީރުވަހެވެ. ވަސްއައީ މަޑުމަޑުން ގަދަވަމުންނެވެ. ޖަންނާ ކައިރީގައި ތިބި ދެކުދިން އެތެރެއަށް ދުއްވައި ގެންފިއެވެ. އެކުދިންނަށް ޖަންނާ ނާންނަ ކަމެއް އިޙްސާސެއް ނުކުރެވެއެވެ. އެއަށްވުރެ އެކުދިން ތިބީ ބިރުގެންފައެވެ.

ޖަންނާއަށް އެވަހުގެ ސަބަބުން އެތަނުގައި އިންގޮތަށް އިންދާ ނިދުނީއެވެ. ހޭލެވުނީދިހަ މިނިޓް ފަހުންނެވެ. ހޭލެވުނު އިރު ގޭތެރޭގައި ތިބި ހުރިހާކުދިން ބޭރަށް ނިކުމެ ތިއްބެވެ. ވާއެއް ނުވާއެއް ނޭންގޭ ޙާލު ބިރުން އެހެނަސް ޖަންނާ ނެތްކަން އެނގުމުން އައިސް ވާނުވާ ބެލުމަށް އައިސް ތިބީއެވެ. އޭގެ ތެރޭގައި ހަރުވަރުގެ ދެ ދައިތަވެސް ތިއްބެވެ. އެއީ އެގޭގައި އުޅޭ މަސައްކަތްކުރާ މުވައްޒިފުންގެ ކަންކަން ބަލާ އެހީތެރިވުމަށް ބައިތިއްބާފައި ތިބޭ ބައެކެވެ.

ޖަންނާއަށް ނިދުނު ވަގުތު އޭނާއަށް ތިން ޖިންނި ފެނުނުކަމުގައި ބުންޏެވެ. އެސޮރުމެން އައީ އޭނާގެ ބޮލުގައިވާ ތިން މަލަށެވެ. ނިދުނު ވަގުތަކީ އޭނަޔާ ޖިންނިތައް އަވަލީވަގުތެވެ. އޭގެފަހުން ދެން ވާންފެށިގޮތަކީ ހެނދުނާއި މެންދުރު އަދި އިރުއޮއްސޭވަގުތާ ދިމާކޮށް ބައެއް ދުވަސްދުވަހު އޭނާގެ ލޯރަތްވާން ފަށަނީއެވެ. ރަތްވަމުން ރަތްވަމުން އައިސް ފާޑެއްގެ ބާރެއް އަންނަނީއެވެ. އެގަޑީގައި ހަތަރު ފަސްމީހުނަށް އޭނާ ހިފަހައްޓާލެވެނީ ހަމަ ކިރިޔާއެވެ. އެހެން ހުރެފައި ކުއްލިއަކަށް ގަހަށް އަރާފާނެއެވެ. އާދަޔާޚިލާފު ބާރުތަކެއް ލިބިފައިވާ ކަހަލައެވެ. ޖަންނާގެ ކަންތައް އެއްދުވަހުން އަނެއްދުވަހަށް ގޯސްވާން ފެށުމުން އޭނާގެ ޢާއިލާއަށް ގުޅައި ރަށަށް ފޮނުވާލިއެވެ.

ރަށަށް ދިއުމަށްފަހުވެސް ކޮންމެ ރެއަކުވެސް އެއްގަޑިއެއްގައި ދިހަ މިނިޓްވަންދެން އޭނާއަށް ނިދެއެވެ. އެއީ އެންމެ ފުރަތަމަ ޖިންނިތައް އަވަލީ ވަގުތެވެ. އެގަޑީގައި އޭނާ އެއިންނަ ތަނަކު އިންނަ މީހަކަށްވެސް ނިދެއެވެ. އޭނާގެ ބޭބެމެން އެރަށުގައި އުޅޭ މުދިންބެއަށް ޖަންނާގެ ވާހަކަ ކިޔައިދިނެވެ. އެއީ ފަންޑިތަ ހަދާމީހެކެވެ. އޭރު އެޒަމާނުގައި މިފަދަ ރޫހާނީ ކަމެއް ލައިގެންފިނަމަ ހަދަނީ ފަންޑިތައެވެ. މުދިންބެ ކޮންމެ ރެއަކު އާދެއެވެ. އަދި ކިޔެވެލި ތަކެއް ކިޔަވައެވެ. މުދިންބެ ބުނި ގޮތުގައި މިކަމެއް ޖެހުނީ ޖަންނާ މަސައްކަތްކުރި ރަށްކަމުގައިވާ ފެލިވަރުގައި އުޅުނު މީހަކު ޖަންނާއާ އަޅައިގަނެގެން ހެދި އިސްތިރިއަކުންނެވެ. އިސްތިރިއަކީ އެޒަމާނުގެ މީހުން އަންހެނުން ހޯދަން ހަދާ ފަންޑިތައަކަށް ކިޔާނަމެކެވެ.

މުދިންބެ ބުނީ އެ މީހާ ހެދި ފަންޑިތަ ގޯސްކޮށް ހެދިގެން ތިން ޖިންނި އައިސް ޖަންނާ އާއި އަވަލީކަމާއި އަވަލީ އެވަގުތު އޭނާގެ ބޮލުގައި އިން ތިން މަލުގެ ސަބަބުންކަމުގައެވެ. އަދި މިކަން ރަނގަޅު ކުރުމަށް ކޮންމެ ރެއަކު ކިޔެވެލި ކިޔަވަންޖެހޭކަމާއި މަސްދުވަހުގެ ތެރޭގައި ރަނގަޅު ވާނެކަމުގައެވެ.

ޖަންނާތޯއެވެ. އޭނާގާތުގައި ކިޔެވެލިތައް ކިޔަވާ ވަރަކަށް ދަނީ ގޯހުންނެވެ. ނަމާދުކުރަނީވެސް ވަކި ވަގުތުތަކަކުއެވެ. ނަމާދަށްހުރެފައި މުސައްލަމަތީ އޮށޯވެވެސް ދާނެއެވެ. ކޮންމެ އެއްޗެއް ކެޔަސް ބުޔަސް ހަތަރު ބަޔަށް ބަހާފަ އޭނާ ބޯނީ ނުވަތަ ކާނީ އެއްބަޔެވެ. އެއީ އޭނާގެ ރައްޓެހިންނަށް ބަހައްޓާ ބައިކަމުގައި ބުނެއެވެ. ރޭގަނޑު ވެއްޖެއްޔާ އެގޭގެ މީހުން ތިބެންޖެހެނީ ފާރަޔަށެވެ. ގެއިން ނިކުމެގެން ހިނގައިދާނެތީ އަބަދުމެ ބަލާ ހިފެހެއްޓުމަށް މުދިންބެ ބުނެފައި ވާތީ ބޭބެމެން ޑިޔުޓީ ބަހައިގެން ތިބެއެވެ. ރޭވުމުން ދޮރުތައް ލައްޕާ ބޮޑުދޮރު ނުހުޅުވޭނެހެން ހުރަހަށް ފައްޖެހި އެނދެއް ބަހައްޓާއިގެން އަބަދުވެސް ބޭބެއަކު އޮވެއެވެ.

އެއްދުވަހެއްގައި އެންމެން ސައިބޯން ތިއްބާ ޖަންނާ ދަބަހެއް ހިފައިގެން ގެއިން ނިކުންނަ ތަން ފެނިގެން އޭނާގެ ބޭބެއަކު ކީއްކުރާ ދަބަހެއްތޯ އެހުމުން ބުންޏެވެ. " މިދަނީ ފެލިވަރަށް މަސައްކަތު" އެހެންކިޔައި ދުއްވައި ގަތެވެ. އެތާތިބި އެންމެން އޭނާގެ ފަހަތުން ގޮސް އަތުލެވުނީ މޫދަށް އެރި ކަރުކުރިންލާ ހިސާބަށް ދިޔަ ފަހުންނެވެ. ފަހުން އޭނާ ބުނީ ބޮއްކުރާ އެއްގައި ތިން ރައްޓެހިން ބަލާ އައީ ކަމުގައެވެ. އަދި ލަވައެއް ކިޔާފައި ގެންދިޔައީ ކަމުގައެވެ. މިފަދަ ކިތަންމެ ކަމެއް ދިމާވަމުން އާދެއެވެ.

އެދުވަސް ވަރަކީ ޖަންނާގެ ބައްޕަގެ މުދާ ބަހަން ކޯޓަށް ދާންޖެހުނު ދުވަސް ވަރެކެވެ. އޭގެތެރެއިން ދުވަހެއްގައި ޖަންނާއާއި އޭނާގެ ބޭބެއިން ކޯޓަށް ދިޔަ މަގުމަތީގައި ޖަންނާ ބޭބޭގެ އަތްފޮޅުވާލާފައި ކައިރީގައި ހުރި ގެއާ ދިމާއަށް ހިނގައިގަތެވެ. އެތަނުން އެމީހުނަށް ފެނުނީ އެގޭގެ ފާރުކައިރީގައި ހައްދާފައިވާ ނިކަމެތިވެ ހިކިފައިވާ ފިނިފެންމާ ގަހެކެވެ. އެހެނަސް ހައިރާންވާންޖެހުނީ އެގަހުގައި ރީތިކޮށް ފޮޅިފައިވާ ތިން ފިނިފެންމާ އިނުމުންނެވެ. އެއީ ގާތްގަނޑަކަށް އެކެއްޖަހާކަން ހާއިރެވެ. އަވިގަދައެވެ. އެހެނަސް އެހޫނުގައިވެސް އެމާތައް ފެންނަނީ ދެންމެއަކު ފޮޅިފައިވާ ކަހަލަ ގޮތަކަށެވެ. އެހާވެސް ރީއްޗެވެ. ޝަބްނަމްގެ ފެން ތިކިތައްވެސް ފެންނަން ހުއްޓެވެ. އެކަމަކު އެދުވަހު ވާރޭވެހުނީ އެއްވެސް ނޫނެވެ. ޖަންނާ ގޮސް މާބިނުމުގެ ކުރިން ބޭބެމެން އޭނާ މަސަލަސްކޮށްގެން ހިނގައިގެންފިއެވެ. "އަންނަމުން ގޭގެ ވެރިންގެ ހުއްދަ ހޯދައިގެން ބިންނާނީއެވެ. މިހާރު ކޯޓަށް ހާޒިރުވާ ގަޑި އެޖެހެނީ" އެންމެ ބޮޑު ބޭބެ ބުންޏެވެ. ކޯޓުން ނިމުނު އިރު ގަޑިން ތިނެއް ޖަހައިފިއެވެ. ޖަންނާ ވިއްދާފައި ހުރީ ތިން ފިނިފެންމާ ބިނދެގެން ގެއަށް ދާށެވެ. އެމީހުން އެގެއާ އަރާ ހަމަވީއިރު ގަހުގައި އެންމެ މަލެއްވެސް ނެތުމުން ހައިރާންކަން އިތުރުވިއެވެ. ސަލާމް ގޮވާލުމުން އެގޭގައި އުޅޭ ދައިތަ ނުކުތެވެ. މަލުގެ ވާހަކައިން ސުވާލުކުރުމުން ލިބުނީ ކުރުޖަވާބެކެވެ. " މިއީ ދުވަހަކުވެސް އަދި މަލެއްނާޅާ ގަހެއް. މިހާރު އޭނީ މަރުވާން ވެފައި" ދެން ޖަންނާ ބުންޏެވެ. "އެމާތަކުގެ ތެރޭގައި ރައްޓެހި ކުދިން ތިބެ ހަނާއަޅާފައި ބުނީ އަންނާށެވެ." ބޭބެމެންނަށް މާތައް ފެނުނުނަސް ޖަންނާއަށް އެހެން ބައެއްވެސް ފެނުނީއެވެ.

ރޭތަކާއި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެއްރެއެއްގައި ކިޔެވެލި ނިންމާފައި މުދިންބެ ދިޔަވަގުތެވެ. ޖަންނާ އެކަނި ހުރެ ވާހަކަތަކެއް ދައްކަނީއެވެ. އަހާލުމުން ފަހުންބުންޏެވެ. އެއައީ މުއުމިނު ޖިންނި އެކެވެ. އޭނާ ބުނަނީ އެއީ އަހަރެންގެ ޙާލަށް ރަޙްމް ވަދެގެން ރައްޓެހިންގެ ފަރާތުން ސަލާމަތް ކުރަން އައި ޖިންނި އެއްކަމުގައެވެ. އަދި މިގޮތަށް ﷲ ހުއްދަނުކުރައްވާ ފަންޑިތަ ކިތަންމެ ވަރަކަށް ހެދިޔަސްޗ ރަނގަޅުނުވާނެކަމަށްވެސް އެސޮރު ބުނެފިއެވެ. އަދި ރަނގަޅުވާނީ ޝަރުޢީ ރުޤުޔާއިން ކަމުގައިވެސް ބުނެދީފިއެވެ. އެކަން އެޖިންނި ބުނާ ގޮތަށް ކުރުމަށް ބުނެފައި އެދިޔައީއެވެ. މާދަމާ ރޭވެސް އެސޮރު އަންނާނަމޭ ބުންޏެވެ.

ޖެހިގެން އައިރޭ ނުވައެއް ޖެހިވަގުތު ޖަންނާގެ ބޭއެއް އޭނާއާއެކު ގޭގެ ފެންޑާގައި އެލުވާފައިވާ އުނދޯލީގައި އިނެވެ. ކުއްލިއަކަށް މީރުވަހެއް ދުވައިގެންފިއެވެ. އެވަގުތު ގޭތެރެއަށް އެފާއްދާލީ މާތްމީހެއް ފާޑުޖަހާ މީހެކެވެ. ދިގުއިސްކޮޅަކާއި ފުޅާބައިމައްޗެއް ލާފައިވާ އެމީހާގެ ބޮލުގެ އިސްތަށިގަނޑު ފަނެވެ. އަތުގައި އިސްތަށިތައް ފިސާރިބޯކޮށް ފަޅާފައިވެއެވެ. ދިގު ހުދު ތުނބުޅިއެއް ލާފައިވާ އެމީހާ ފެނުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޖަންނާ އަށް ވެސް އެމީހަކު ފެނެއެވެ. އެއީ މުއުމިނު ޖިންނި ކަމުގައި ބުންޏެވެ. އަދި އެސޮރު ބުނި ގޮތުގައި ތިންރޭ ވަންދެން އެސޮރުބުނާ ކިޔެވެލިތަކެއް ކިޔަވާލުމުން ޖަންނާއަށް އެރޫޙާނީ ބަލިން ސަލާމަތްވެވޭނެއެވެ. ޖަންނާގެ ބޭބެ އެއްބަސްވީ މުދިންބެގެ ކިޔެވެލިތައް ހުއްޓާލައި މި ޖިންނި ބުނާ ފަދައަކުން ކަންތައް ކުރުމަށެވެ.

ޖެހިގެން އައިރޭ ޢިޝާނަމާދުން ނިމިގެން ނިމިގެން ކައިބޮއި ހަދައިގެން ގޭގެ ފެންޑާގައި ހުންނަ ބޮޑު އަށީގައި ޖަންނާއާއި އޭނާގެ ބޭބެއިން މުސްޙަފު ހިފައިގެން އިށީނެވެ. ބަޤަރާސޫރަތާއި މުއައްވިޛަތައިނި ދެސޫރަތް ކިޔަވާފައި ހުއްޓާލީއެވެ. ކިޔަވަމުން ދިޔައިރު ޖަންނާ އަށް އުނދަގޫތަކެއް ވިއެވެ. އެންމެން އޭނާ ހިފަހައްޓައިގެން ޤުރްއާނުގެ އަޑު އިއްވަމުން ދިޔައީއެވެ.

ދެވަނަ ރޭގައިވެސް ފުރަތަމަ ކީ ބަޤަރާ ސޫރަތެވެ. ދެން ރުޤްޔާގެ ބައެއް އާޔަތްތައް ކިޔެވިއެވެ. އަދި އެރޭ ނިމިގެން ތިންވަނަ ރެއަށް ތިންހާސް އުނިމާ ހޯދުމަށް މުއުމިނު ޖިންނި ބުންޏެވެ. އަދި ބޮއްކުރައެއް ތައްޔާރުކޮށްފައި ބޭއްވުމަށްވެސް ބުންޏެވެ. އެބުނިކަންތައް ތައް ނިންމައި ރޭގަނޑު ނުވަގަޑި ދިހައެއްގައި ކިޔަވަންފެށުނެވެ. އެޖިންނި ބުނި ހުރިހާ ސޫރަތަކާއި އާޔަތްތަކެއް ތިން ފަހަރު ކިޔަވާ ނިމިގެން އެސޮރުގެ ބުނުމަށް ޖަންނާގެ 3 ބޭބެއަކު އެއްހާސް އުނިމާ ހިފައިގެން ދިޔައީ އަތިރިއަށެވެ. އަދި ބޮއްކުރާއަށް އަރައިގެން ކަނޑަށް ގޮސް މާތައް ކަނޑަށް އޮއްސާލިއެވެ. އެވަގުތު ކަނޑުގެ ތެރެއިން ތިން އަޑެއް އިވުނެވެ. " އަހަރެމެން މިލާ މޯލިވެފައިވާ އެއްހާސް އުނިމާ ހިފައިގެން މިދަނީއެވެ. އެކަމަކު ހަނދާން ކުރާށެވެ. އެއް އަހަރު ވުމުގެ ކުރިން އެމަންޖެ ކަނޑު މައްޗަށް ނާރުވާށެވެ. އަދި އިރުއޮއްސޭ ދަޅަމައްޗަށް އަތިރިމައްޗަށް ނުނެރޭށެވެ. އަދި ރޭގަނޑު ރޭދެބައިވުމަށްފަހު ފަޖުރުލުމާ ދެމެދު ބޭރަށް ނުނިކުންނަންވެސް ބުނެދޭށެވެ. "

މުއުމިނު ޖިންނި ބުނި ގޮތުން ދެން އެބުނި ގޮތަށް ކަންތައް ކުރުމުން އެސޮރުމެންގެ އުނދަގުލެއް ނުފޯރާނެއެވެ. އަދި ޤަވާއިދުން ވަގުތައް ނަމާދުކޮށް ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމުން ޝައިޠާނުންނަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. އަދި ނުވެސް ފެންނާނެއެވެ. އަޑެއްވެސް ނީވޭނެއެވެ.

އޭގެފަހުން ޖަންނާ ކޮންމެ ރެއަކުވެސް ބާރަޖެހުމުން ތެދުވެ އެކަނި ތަށިތައް ތަޅުވާ ކޮފީ ގިރައިގެން ބޮއި އެކަނި ވައްކާދައްކާ ކަމަށް އެގޭމީހުން ބުނެއެވެ. އަދި އަދަށް ދާންދެންވެސް އެކަން އޮތީ އެގޮތުގައެވެ. މުއުމިނު ޖިންނި ބުނި ގޮތުގައި އޭނާ އަބަދަށްވެސް މިކުއްޖާ ބަލާނެއެވެ. އެއީ ވަޢުދެކެވެ. ރޭގަނޑު ވާހަކަދައްކަނީ އެ ޖިންނިއާކަމުގައި އެގޭމީހުންބުނެއެވެ. މިއަދާ ހަމައަށް އައިއިރުވެސް އަބަދުވެސް ހަވީރު ވެއްޖެނަމަ ގަދަޔަށް ރަތްކޮށް ދުފާލުން އެއީ ޖަންނާގެ އާދައެކެވެ. ތިން ފިނިފެންމާ އެއީ ހަނދާނުގެ ބާބެކެވެ. އެތިން ފިނިފެންމާގެ ވާހަކަ ދޭތެރެއަކުން ދެކެވެއެވެ. މާޒީއާއެކު އެވާހަކަތައް ފަސްއެޅި ފޮރުވުނަސް އަދިވެސް އެދުވަސްތައް ހަނދާނަށް އަންނާނެއެވެ.

" ކޮބާ ހުރިހާ ކުދިން ވާހަކަ ރީތިތަ؟ މިއީ ޖަންނާގެ ބޭބެއެއް މިސް އަށް ކިޔައިދިން ވާހަކައެކެވެ. މިސް ހަނދާންވާގޮތުން އެއަންހެން ކުއްޖާ ސްކޫލް ދައުރު ހޭދަކުރީ މިރަށުގައެވެ. އޭރުވެސް އޭނާ ހަވީރަށް ރީތިވެލައިގެން ބޮލުގައި ތިން ފިނިފެންމާ ޖަހާނެއެވެ. ފިނިފެން މަލެއް ނުލިބުނު ނަމަ އެހެން މަލެއް ބޮލުގައި ޖަހައެވެ. މިއީ ވަރަށް ގިނައިން އެކުއްޖާ ކުރާ ކަމެކެވެ. " ދެން ހިނގާދޯ ފިލާވަޅަށް އެނބުރެން" މިހެން ބުނެ ޢާއިޝާ ފިލާވަޅާއިގެން ކުރިއަށް ދިޔައީއެވެ. ވާހަކަނިމުނީ.
- ނިމުނީ -