ޚަބަރު

ބިސް ވިއްކުމާއި ބޭނުންކުރުމުގައި ރައްކާތެރިވުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮއްފި


  • ބިސް ބޭނުންކުރުމުގައި ރައްކާތެރި ނުވެއްޖެނަމަ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލޭ

  • ބިސް ގެންގުޅުމުގައި ޚާއްސަ ސަމާލުކަން ދޭންވީ 8 ކަމެއް އެޗްޕީއޭއިން ފާހަގަކުރޭ

ކުކުޅު ބިސް ވިއްކުމާއި ބޭނުންކުރުމުގައި ރައްކާތެރިވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ކުޅު ބިސް ވިއްކުމާއި، ގެންގުޅުމާއި، ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އެހެންކަމުން ބިސް ވިއްކުމާއި ގެންގުޅުމުގައި އަދި ރައްކާކުރުމުގައި ޚާއްސަ ސަމާލުކަން ދިނުމަށް އެ އޮތޯރިތީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ކުކުޅު ބިސް ބޭނުންކުރާ މިވަރު އިތުރުވެފައިވާއިރު، ބިސް ގެންގުޅުމުގައި ސަމާލުވުމަށް އެމްއެފްޑީއޭ އިން އިސްތިމާސްކޮށްފައިވާ ކަންކަމުގެ ތެރޭގައި:

* ނަޖިސް ހަރުލާފައި ހުންނާ ބިހާއި ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން.
* ފިނިކޮށް ބަހަށްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުން.
* ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުމާއި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުކުރުން
* ރެނދުލާފައި ހުންނަ ބިސް ނުގަތުން
* ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ގަނެ ރައްކާ ނުކުރުން
* ދޮވެގެން ބިސް ބޭނުން ނުކުރުން
* އައިސް އަލަމާރީގައި ބިސް ބަހައްޓާނަމަ، އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން ބިސް ރައްކާކުރުން.
* ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމާއި،އެގޮތަށް ބޭނުންކުރާ ބިސް އައިސް އަލަމާރިން ބޭރުގައި 02 ގަޑިއިރަށްވުރެ އިތުރަށް ނުބެހެއްޓުން.

ކުކުޅު ބިސް ގެންގުޅުމާއި ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްއެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވާއިރު، ކެއިންބުއިމުގެ ބާވަތްތައް ތައްޔާރުކުރުމަށް އާންމުކޮށް ބިސް ބޭނުންކުރާ މިންވަރަށްވުރެ އެތައް ގުނައެއެއް އިތުރަށް ރަމަޟާންމަހު ބިސްބޭނުންކުރެއެވެ. އަދި އެއާއެކު ބާޒާރުގައި ބިހުގެ ޑިމާންޑު ބޮޑުވެގެންދެއެވެ.