ޚަބަރު

ޔަހޫދީ ފައުޖުން ރާމަاللهގައި ޢުދުވާން ހިންގައި ފަލަސްޠީނުގެ ޒުވާނަކާއި ކުޑަ ކުއްޖެއް ޝަހީދު ކޮށްލައިފި


ޔަހޫދީ ފައުޖުގެ ސިފައިން ހުޅަނގު އައްސޭރީގެ ރާމަاللهގައި ލާއިންސާނީ ޢުދުވާންތަކެއް ހިންގައި, ފަލަސްޠީނުގެ ޒުވާނަކާއި ކުޑަ ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ. ފަލަސްޠީނުން ބުނީ, ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން ރާމަاللهއަށް އަރާފައިވާ ކަމުގައެވެ. މިއީ, ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔަހޫދީ ފައުޖުން ރާމަاللهގައި ހިންގާ މި ފަދަ އެންމެ ބޮޑު ޢުދުވާން ކަމުގައި ފަލަސްޠީނުން ބުނެއެވެ.

ޔަހޫދީ ފައުޖުގެ ޢުދުވާނުގެ މައިގަނޑު އަމާޒަކީ, ރާމަاللهގައި ހުންނަ އަލް-އަމްޢާރީއާއި ނޫރް ޝަމްސް ރެފިއުޖީ ކޭމްޕަށް ޙަމަލާ ދިނުމެވެ. ނަމަވެސް, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނާއި, ފަލަސްޠީނުގެ ޒުވާނުން ވަނީ ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިންނާ ކުރިމަތިލާފައެވެ. އަދި, ގައު އުކައި, ޕެޓްރޯލް ބޮން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީ ފައުޖަށް ޙަމަލާ ދީފައެވެ.

ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 16 އަހަރުގެ ޒުވާނަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި, ނާބްލުސްގެ ދެކުނުން އޮންނަ ބުރީން ކިޔާ އަވަށަކަށް އަރައި ހިންގި ޢުދުވާންތަކުގައި ފަލަސްޠީނުގެ 10 އަހަރުގެ ކުޑަ ކުއްޖަކު ޝަހީދު ކޮށްލާފައިވެއެވެ. ޔަހޫދީ ސިފައިން ވަނީ އެ ކުއްޖާގެ ބޮލަށް ބަޑި ޖަހާފައެވެ.

ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރީޓީ (ޕީއޭ)ން ބުނީ, ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ 16 އަހަރުގެ ޒުވާނަކީ މުޞްޠަފާ އަބޫ ޝަލްބަކް ކަމުގައެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ އޭނާ ދިރިއުޅޭ އަމްޢާރީ ރެފިއުޖީ ކޭމްޕަށް ވަދެ, ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައެވެ. ޔަހޫދީ ފައުޖުގެ ސިފައިން ވަނީ އޭނާގެ ކަރަށާއި ކޮނޑަށް ބަޑި ޖަހާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ޢުދުވާނާ އެކު, ހުޅަނގު އައްސޭރީގައި ހިންގާ ޢުދުވާންތައް ވެސް ވަނީ އިތުރު ކޮށްފައެވެ. މި ޢުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 400 އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ. ރައީސް މަޙްމޫދު އައްބާސްގެ ޕީއޭއަކީ ފަލަސްޠީނުގެ ސަރުކާރު ކަމުގައިވީ ނަމަވެސް, ޔަހޫދީން އައްބާސްގެ ސަރުކާރަށް ދީފައި އޮންނަނީ ވަރަށް މަދު ބާރުތަކެކެވެ.

އައްބާސްގެ ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ބުނީ, ޔަހޫދީ ފައުޖުން ބޭނުން ވަގުތެއްގައި, އެއްވެސް އިންޒާރެއް ދިނުމެއް ނެތި, ހުޅަނގު އައްސޭރީގައި ލާއިންސާނީ ޢުދުވާންތައް ހިންގަމުންދާ ކަމުގައެވެ. އަދި, އެ މީހުން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުން ނިކަމެތި ކުރަމުންދާ ކަމުގައެވެ. މި ޢުދުވާންތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރު ކުރަމުންދާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.

ޢުދުވާނުގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕުގައި ފަލަސްޠީނުގެ މުސްލިމުން ދިރިއުޅޭ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި, ބުލްޑޯޒަރު ފަދަ އާލާތްތައް ބޭނުން ކޮށްގެން, އެ ރެފިއުޖީ ކޭމްޕުގެ މަގުތައް ވަނީ ހަލާކު ކޮށްލާފައެވެ. މި ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ 55 މީހުން ހައްޔަރު ކޮށްގެން ގެންގޮސްފައެވެ.