ޚަބަރު

ރަޝިޔާގެ އަތްދަށުގައި އޮތް ކްރައިމިޔާއަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފި


ރަޝިޔާއިން އަތްގަަދަ ކޮށްފައިވާ ކްރައިިމިޔާއަށް ޔޫކްރެއިންގެ ފައުޖުތަކުން ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. ކްރައިމިޔާގައި ރަޝިޔާއިން 2014 ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިމެކެވެ. ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ކްރައިމިޔާގައި ހުރި ރަޝިޔާގެ އަސްކަރީ އަމާޒުތަކަށް ގިނަ ޢަދަދެއްގެ ޑްރޯން ޙަމަލާތަކެއް ދީފައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ކްރައިމިޔާއަށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން ފޮނުވައިލި 38 ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ކްރައިމިޔާގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ ފައޮދޯސިޔާއަށެވެ. ޙަމަލާތަކާ އެކު ފައޮދޯސިިޔާގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ.

ނަމަވެސް, މި ޙަމަލާގައި ޢުމްރާނީ އެއްވެސް ވަސީލަތަކަށް, ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ މަޢުލޫމާތު ރަޝިޔާއިން ހާމަކޮށްފައެއް ނުވެއެވެ. ޙަމަލާތަކާ ގުޅިގެން ފައޮދޯސިޔާގެ މަގުތަކުގެ އިތުރުން, ރަޝިޔާގެ މައި ބިމާއި ކްރައިމިޔާ ގުޅައިދޭ ބުރިޖުގެ ދަތުރުތައް މެދުކަނޑައިލަން ޖެހުނެވެ.

ފައޮދޯސިޔާއަކީ ތެޔޮ ވަޅުތަކެއް ހުންނަ ސަރަޙައްދެކެވެ. ޔޫކްރެއިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަރަޙައްދުގައި އޮންނަ ބަނދަރަށް ކަމަށް ބެލެވެއެވެ. ނަމަވެސް, މި ޙަމަލާތަކާ ގުޅޭ ގޮތުން ޔޫކްރެއިނުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން, ޔޫކްރެއިންގެ ފައުޖުން ދަނީ ކްރައިމިޔާއަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. މި ޙަމަލާތަކުގައި ވައިގެ އަދި ކަނޑުގެ ޑްރޯންތައް ދަނީ ބޭނުން ކުރަމުންނެވެ.

މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސިވަސްތޯޕަލްގައި އޮންނަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ބަނދަރަށެވެ. މި ޙަމަލާތަކުގައި ބަނދަރުގެ އިތުރުން ރަޝިޔާގެ އަސްކަރީ މަނަވަރުތަކަށް ވެސް ގެއްލުން ދީފައިވެއެވެ. ކަޅު ކަނޑުގައި ހަރަކާތްތެރިވާ ރަޝިޔާގެ ކަނޑުގެ ސިފައިން ދަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އިސް ދައުރެއް އަދާ ކުރަމުންނެވެ. ޔޫކްރެއިންގެ ފައުޖުތަކަށް ޙަމަލާތައް އަމާޒު ކުރުމަށް, ރަޝިޔާއިން ދަނީ އެ މަނަވަރުތައް ބޭނުން ކުރަމުންނެވެ.

ނަމަވެސް, ކަޅު ކަނޑުގައި ހަރަކާތްތެރިވާ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ބާރު ފަނޑު ކޮށްލާފައިވާނެ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. އަދި, އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ޔޫކްރެއިނަށް އިތުރު ހަތިޔާރު ލިބިއްޖެ ނަމަ, ކަޅު ކަނޑުގައި ހަރަކާތްތެރިވާ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރު ނެތި ކޮށްލާނެ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރަޝިޔާގެ އިސްތިޢުމާރީ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާގެ ސިފައިން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާ ހިމެނެއެވެ. ޔޫކްރެއިންގެ މިނިވަން ކަން ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް އެމެރިކާއާއި ހުޅަނގުން ދަނީ އެތަކެއް ބިލިޔަން ޑޮލަރެއްގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.