ޚަބަރު

ޔޫކްރެއިންގެ އޮދެއްސާއަށް ޑްރޯން ޙަމަލާއެއްދީ ޢާންމުންގެ 12 މީހުން މަރައިލައިފި


ޔޫކްރެއިންގެ ދެކުނުގައި އޮންނަ އޮދެއްސާގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތަކަށް ޑްރޯން ޙަމަލާއެއްދީ, ޢާންމުންގެ 12 މީހުން މަރައިލައިފިއެވެ. އޮދެއްސާގެ ސަރަޙައްދީ ގަވަރުނަރު އޮލެހް ކިޕަރް ވިދާޅުވީ,

ޙަމަލާގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދައި, މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ޙަމަލާ ދީފައި ވަނީ އޮދެއްސާގެ ކުރާޚޮވޭގައި ހުންނަ ޢިމާރާތަކަށެވެ. ޙަމަލާގައި މަރައިލާފައިވާ އިތުރު މީހުންގެ ހަށިތައް ފެންނަމުންދާ ކަމަށާއި, އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, މަޔަކާއި ތުއްތު ކުއްޖެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޙަމަލާގައި މަރުވެފައިވާ މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމުގައި ކިޕަރް ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ތުއްތު ކުއްޖާގެ އުމުރަކީ ހަތަރު މަހެވެ.

ޙަމަލާއާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައި, ހުޅަނގަށް ފާޑުކިޔުންތައް އަމާޒު ކުރައްވާފައެެވެ. އޭނާ ވިދާޅުވީ, އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ޔޫކްރެއިނަށް މެދުކެނޑުމެއް ނެތި ހަތިޔާރު ފޯރުކޮށްދެމުންދާ ނަމަ, އެ ފަދަ ޙަމަލާތައް ދިފާޢު ކުރުމުގެ ގާބިލު ކަން ޔޫކްރެއިންގެ ފައުޖުތަކުގައި ހުންނާނެ ކަމުގައެވެ.

ޔޫކްރެއިންގެ ދާޚިލީ ވަޒީރު އީހޯރް ކްލިމެންކޯ ވިދާޅުވީ, ޢާންމުން ދިރިއުޅޭ ޢިމާރާތަށް ދީފައިވާ ޑްރޯން ޙަމަލާގައި 16 މީހުން ޒަޚަމުވެފައިވާ ކަމުގައެވެ. އަދި, އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމުގައެވެ. އަދި, އެ ޙަމަލާގައި އިތުރު ޢިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ އިސްތިޢުމާރީ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާގެ ސިފައިން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާ ހިމެނެއެވެ. ޔޫކްރެއިންގެ މިނިވަން ކަން ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް އެމެރިކާއާއި ހުޅަނގުން ދަނީ އެތަކެއް ބިލިޔަން ޑޮލަރެއްގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.