ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޝެހްބާޒް ޝަރީފް


ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޝެހްބާޒް ޝަރީފް އިންތިޚާބު ކޮށްފިއެވެ. 72 އަހަރުގެ ޝަރީފަކީ, ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި ވާދަ ކޮށްފައިވާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީގެ އިސްވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ. ޝަރީފް ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ, ޕީއެމްއެލް-އެންނާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އާ ދެމެދު ހަދާފައިވާ ކޯލިޝަނެއްގެ ދަށުންނެވެ.

އައު ބޮޑުވަޒީރަކު އިންތިޚާބު ކުރުމަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ޝަރީފް ވަނީ 201 މެންބަރުންގެ ތާޢީދު ހޯއްދަވާފައެވެ. އޭނާއާ ވާދަ ކުރައްވާފައި ވަނީ ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތާޢީދާ އެކު ވާދަކުރެއްވި ޢުމަރު އައްޔޫބެވެ. ސުންނީ އިއްތިހާދު ކައުންސިލް (އެސްއައިސީ)ގެ ކެނޑިޑޭޓު ކަމުގައިވާ އައްޔޫބަށް ލިބިވަޑައިގެންނެވީ 92 ވޯޓެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކޮށްފައި ވަނީ, ޢާންމު އިންތިޚާބަށް ފަހު ތިން ހަފުތާއެއްހާ ދުވަސް ފާއިތުވި ފަހުންނެވެ. އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ. އެ އިންތިޚާބުގައި މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޚާންގެ ތާޢީދާ އެކު ވާދަކުރެއްވި މިނިވަން ކެނޑިޑޭޓުންނެވެ. ނަމަވެސް, ކޯލިޝަނެއް ހަދައި, އައު ސަރުކާރެއް އެކުލަވައިލަން އެ މެންބަރުން ކުރި މަސައްކަތްތައް ކާމިޔާބެއް ނުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޝަރީފް އިންތިޚާބުވެފައިވާ ކަން މަޖިލީހުގެ ރައީސް އިޢުލާނު ކުރެއްވުމާ އެކު އެސްއައިސީއާއި ޚާނަށް ތާޢީދު ކުރާ މެންބަރުން ވަނީ އަޑުގަދަ ކުރައްވައި, އެ ކަމާ މެދު ނުރުހުން ފާޅު ކޮށްފައެވެ. އަދި, ޝަރީފް ވެރިކަމަށް ވަޑައިގެންނެވީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލައިގެން ކަމުގައި ތުހުމަތު ކުރައްވާފައެވެ.

ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ނުތަނަވަސް ދަނޑިވަޅެއްގައެވެ. ވޯޓުލުން ކުރިއަށް ދިޔަ ވަގުތު މޮބައިލް ފޯނާއި އިންޓަރނެޓުގެ ޚިދުމަތްތައް އޮތީ މެދުކަނޑައިލާފައެވެ. އަދި, ޕާކިސްތާނާއި އަފްޣާނިސްތާން އަދި އީރާނާ ގުޅޭ ސަރަޙައްދީ ރޮނގު އޮތީ ބަންދު ކޮށްފައެވެ. ފޯނާއި އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލުމާ ގުޅިގެން, އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމަށް ވެސް ލަސްތަކެއް ކުރިމަތިވިއެވެ. މި ކަމާ ގުޅިގެން އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގެ އަޑުތައް ގަދަވެގެން ދިޔައެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލިސް އުވައިލުމާ ޖެހެންދެން ޝަރީފް ހުންނެވީ ވަގުތީ ބޮޑުވަޒީރު ކަމުގެ މަޤާމުގައެވެ. މިއީ, އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާ ދެވަނަ ފަހަރެވެ. ޝަރީފްގެ ކުރީގެ ދައުރުގައި އޭނާ ވަނީ ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފު)ން ބެއިލްއައިޓް ލޯނެއް ހޯދަން މަސައްކަތް ކުރުން ހިމެނެއެވެ.

ނަމަވެސް, އައިއެމްއެފާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް އޭޕްރިލް މަހު ހަމަވާނެއެވެ. އެއާ އެކު, ޕާކިސްތާނުގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. އަދި, މެދު މިންތީގެ އާމްދަނީ ލިބޭ ޢާއިލާތަކާއި ފަގީރު ކަމުގައި ދިރިއުޅޭ ޢާއިލާތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

ޝަރީފްގެ އައު ސަރުކާރުން ވެސް, އައިއެމްއެފާ އެކު އައު އެއްބަސްވުމެއް އެކުލަވައިލަން މަސައްކަތް ކުރާނެއެވެ. ނަމަވެސް, ޚާނަށް ތާޢީދު ކުރާ މީހުންގެ ފަރާތުން އޭނާގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.