ޚަބަރު

ރަފަޙުގެ ރެފިއުޖީންގެ ފޭލިގެތަކަށް ވެސް ޔަހޫދީ ފައުޖުން ބޮން އަޅަނީ


ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙުގައި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކަށް ޔަހޫދީ ފައުޖުން ބޮން އަޅައި 11 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ އަލްހިލާލް އަލްއިމާރާތީ މާބަނޑު އަންހެނުންގެ ހަސްފަތާލު ކައިރީގައި ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަކަށެވެ. އެއީ, ރަފަޙުގެ ތަލް އަލްސުލްޠާނީގައި ހުންނަ ހަސްފަތާލެކެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, އެ ހަސްފާތާލު ކައިރިއަށް ބޮން އެޅުމުން 50އަށްވުރެ ގިނަ މީހުން ޒަޚަމު ކަމުގައެވެ. ފޭލިގެތަކަށް ދިން ޙަމަލާގައި ފަލަސްޠީނުގެ އެއް ޢާއިލާއަކަށް ނިސްބަތްވާ ހުރިހާ މެންބަރުން ޝަހީދުވިއެވެ. ހަސްފަތާލު ކައިރިއަށް ބޮން އެޅުމުގެ ކުރިން ޣައްޒާގެ އެހެން ހިސާބުތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ވެސް 17 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި އެ ވުޒާރާއިން ބުނެއެވެ.

މާބަނޑު މީހުންގެ ހަސްފަތާލަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އެ ހަސްފަތާލުގެ ކުއްލި ފަރުވާގެ އިދާރާގައި އިސްކޮށް ޙަރަކާތްތެރިވާ ޢަބްދުލްފައްތާޙް އަބޫ ބަރާޢީ ހިމެނެއެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ޝަހީދުވެފައިވާ ކަމުގައި ވެސް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. ޙަމަލާގައި ހަސްފަތާލަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

ތަލް އަލްސުލްޠާނީއަކީ ކުރިން ރައްކާތެރި ސަރަޙައްދެއް ކަމުގައި ޔަހޫދީން ބުނެފައިވާ ސަރަޙައްދެކެވެ. ޔަހޫދީން އެހެން ބުނުމުން, ޣައްޒާގެ އުތުރުގެ ރަށްތަކުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ އެ ސަރަޙައްދަށް ހިޖުރަ ކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން ދަނީ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައެވެ. ނަމަވެސް, އެއީ ޔަހޫދީ ފައުޖުން އެ މީހުންނަށް އަމާޒުކޮށް ޙަމަލާދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.

ރަފަޙްގެ އިތުރުން ޣައްޒާގެ މެދުގައި އޮންނަ ދީރް އަލްބަލަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮން އަޅާފައެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ފަލަސްޠީނުގެ ޢާއިލާތަކެއް ދިރިއުޅެމުން ދިޔަ ދެ ޢިމާރާތަކަށެވެ. އެ ޙަމަލާތަކުގައި އެ ދެ ޢިމާރާތުގައި ދިރިއުޅޭ ޢާއިލާތަކުގެ މެންބަރުންގެ ތެރެއިން 15 މީހުން ޝަހީދު ކޮށްލާފައިވެއެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލާދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ 70އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔަ ޢިމާރާތަކަށެވެ. އެ ޙަމަލާގައި ދެ މީހުން ޝަހީދުވިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 92އަށް އަރާ ކަމުގައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 30,410އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 71,100އަށް އުފުލިފައެވެ.