ޚަބަރު

ޔަހޫދީ ފައުޖުން ޚާން ޔޫނިސްސަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާން ހިންގަމުންދާ ޔަހޫދީ ފައުޖުން, އެ ސަހަރުގެ ދެކުނުން އޮންނަ ޚާން ޔޫނިސަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަން ފަށައިފިއެވެ.

ޔަހޫދީ ފައުޖުން ބުނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އަމާޒުތަކަށް ދެމުންދާ ޙަމަލާތަކުގައި އެ ޖަމާޢަތުގެ މުޖާހިދުން ފިލާ ތިބި ގިނަ ޢަދަދެއްގެ ޢިމާރާތަކަށް ބޮން އަޅާފައިވާނެ ކަމުގައެވެ. ނަމަވެސް, އޮކްޓޫބަރު 7 ވަނަ ދުވަހު ޢުދުވާންތައް ފެށި ފަހުން ޔަހޫދީ ފައުޖުގެ ހުރިހާ ޙަމަލާއެއް ވެސް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރާއި, މަދަރުސާތަކާއި ހަސްފަތާލުތަކަށެވެ. އަދި, ޞިއްޙީ މަރުކަޒުތަކުގެ އިތުރުން އެމްބިޔުލާންސްތަކަށް ވެސް ޔަހޫދީ ފައުޖުގެ ޙަމަލާތަކުން ސަލާމަތްވާނެ ގޮތެއް ނެތެވެ. ޣައްޒާގެ ހުރިހާ ރަށެއް މިހާރު އޮތީ ސުންނާފަތި ކޮށްލާފައެވެ.

ޚާން ޔޫނިސްގައި ހިންގަމުންދާ ޢުދުވާނުގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޓޭންކުފަހަރާއި އެހެން ބަރުހަތިޔާރާ އެކު އެ ރަށަށް އަރާފައެވެ. އެ ރަށުގެ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން އެ މީހުންގެ ގެދޮރާއި ހަސްފަތާލުތަކަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ކަމުގައެވެ. އަދި, އެ ޙަމަލާތަކާ ގުޅިގެން ރައްކާތެރި ކަން ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމުގައި އެ މީހުން ބުނެއެވެ.

ޣައްޒާގެ ހިމާޔަތުގައި ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތް, އިސްލާމިކް ޖިހާދުން ދަނީ ޔަހޫދީ ފައުޖަށް ރައްދު ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގައި ޔަހޫދީ އަސްކަރިއްޔާގެ ދެ ޓޭންކު ގޮއްވައިލާފައިވާނެ ކަމަށާއި ޔަހޫދީ ސިފައިން ހިޞާރު ކުރި ޢިމާރާތަކަށް ޙަމަލާ ދީ އެ ޢިމާރާތް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ.

ޚާން ޔޫނިސްގައި ޢުދުވާންތައް ހިންގުމަށް ފަހު, ޔަހޫދީ ފައުޖުން މިހާރު ދަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައި ޢުދުވާންތައް ފުޅާ ކުރަން ތައްޔާރު ވަމުންނެވެ. އެ ރަށުގައި 1.5 މިލިޔަނަށް ވުރެ ގިނަ ޢާންމު ރައްޔިތުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ, ޣައްޒާގެ އުތުރުގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތްވުމަށް ރަފަޙަށް ދަތުރު ކުރި މީހުންނެވެ. އެ ރަށުގައި ޢުދުވާންތައް ފުޅާ ކުރުމާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ އަޑު އުފުލަމުންނެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 30,410އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 71,100އަށް އުފުލިފައެވެ.