ޚަބަރު

ކެންޑިޑަސީ ބަލައިގަތުމަށް އެދި ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފި


  • ފޯމު ބަލައި ނުގަންނަން އީސީން ނިންމީ އިންތިޚާބީ އޭޖެންޓުގެ މައުލޫމާތު ފުރިހަމަނުވާތީ

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ފޯމު ބަލައިގަތުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް އެ ކޯޓުން ނިންމަވައިފިއެވެ.

މިއީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި މުޙައްމަދު އިޔާޒު އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމެވެ.

އިޔާޒްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ފޯމު ބަލައިގަތުމަށް އެ ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އޭނާގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިންތިޚާބީ އޭޖެންޓު ހުށަހަޅާފައިވާ ލިޔެކިޔުމުން ވޭތުވެދިޔަ ފަސް އަހަރުގެ ކުރީގެ ކުށާއި ދަރަނީގެ ރެކޯޑު ފެންނަން ނެތުމުން ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން އެ މީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓެއް ކަނޑައަޅަން ޖެހެއެވެ. އަދި އެއެޖެންޓަކީ އަދާކުރަން ޖެހޭ އެއްވެސް ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކާ މީހަކުކަމުގައި ވާން ޖެހޭ ކަމަށް ޤާނޫނުގައި ބަޔާން ކުރައްވާފައިވެއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާން ވިދާޅުވީ މި މައްސަލައިގައި އިޔާޒްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އޭނާގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ލިޔެކިޔުންތަކުގެ ތެރެއިން ކުށާއި ދަރަނީގެ ފޯމުގައި އޭޖެންޓުގެ ފަރާތުން ބަލަންވީ ކުށާއި ދަރަނީގެ ބާވަތުގެ ގޮތުގައި ފާހަގަޖަހާފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑުގައި ކަމަށެވެ. އެހެންވެ ޑީޖޭއޭއިން ދޫކޮށްފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑު ކަމަށާއި ދަރަނީގެ ރެކޯޑު ނުހިމެނޭކަން ވަނީ ފާހަގަކުރެއްވާފައެވެ.

މި މައްސަލައިގައި ދަރަނީގެ ރެކޯޑު ސާފު ކުރަން ކަނޑައަޅާފައިވާ މުއްދަތުގައި އެ ރެކޯޑު ހުށަހަޅާފައިވާ ނުވާ ކަން އެނގޭތީ އެ މައްސަލަ އިތުރަށް ކުރިއަށްގެންދެވެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ މި ރައުޔަށް މައްސަލަ ބެއްލެވި އިތުރު ދެ ފަނޑިޔާރުން ވެސް ވަނީ ތާއީދު ކުރައްވާފައެވެ.

އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ފޯމުގައި ދިމާވެދާނެ މައްސަލައަކާ ގުޅިގެން އެ މައްސަލަ ހައްލު ކުރެވޭނެ ވަގުތު އޮއްވައި ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދިޔައީ އިލްތިމާސްކުރަމުންނެވެ. އެގޮތުން، ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ފޯމު ބަލައިގެންފައިވާއިރު މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާ އިޔާޒް ފޯމު ހުށަހަޅުއްވާފައިވަނީ 14 ވަނަ ދުވަހުއެވެ.