މެލޭޝިއާގެ އައު ރަސްގެފާނުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ރަސްކަމުގެ ތަޚުތަށް އިސްކުރެއްވި އެ ޤައުމުގެ ޖޮހޯ ސްޓޭޓްގެ ރަސްގެފާނު ސުލްތާން އިބްރާހިމަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ. 
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖުގައި ވަނީ ދިވެހިރާއްޖެއާއި ދިވެހީންގެ ނަމުގައި މެލޭޝިއާގެ އައު ރަސްގެފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ސުލްތާން އިބްރާހިމް ރަސްކަމުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. 
މީގެ އުތުރުން ދެ ޤައުމަށް ފައިދާ ހުރި ކަންކަމުގައި އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ މެލޭޝިއާގެ ރަސްގެފާނަށް ދެއްވާފައެވެ. 
މެލޭޝިޔާގެ އައު ރަސްގެފާނު ސުލްޠާން އިބްރާހީމަކީ 65 އަހަރުގެ ބޭފުޅެކެވެ. 16 ވަނަ ޤަރުނުން ފެށިގެން ޖޮހޯ ސްޓޭޓްގައި ރަސްކަން ކުރަމުން ދަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޢާއިލާއިންނެވެ.