ބިދޭސީންނަށް ޚާއްޞަކޮށްގެން އެމީހުންގެ ސިއްޙީ ޙަލަތު ދެނެގަތުންނުވަތަ ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ހދ. ހަނިމާދޫގައި ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ހަނިމާދޫ ހެލްތު ސެންޓަރާއި، އެރަށު ކައުންސިލުން އިސްނަގައިގެން އެޗްޕީއޭ، އެމްއެމްޑަބްލިއުއެމް އަދި ޝީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މި ސްކްރީނިންގ ޕްރޮގްރާމްގެ ދަށުން ހަނިމާދޫގައި ދިރިއުޅޭ 888 ބިދޭސީއެއްގެ ސިއްޙީ ޙާލަތު ދެނެގަންނާނެއެވެ. އެގޮތުން ކޮންމެ ބިދޭސީއެއްގެ، ޖެނެރަލް ހެލްތް ޗެކަޕެއްގެ އިތުރުން އެމްއާރް ވެކްސިންގ ޖެހުމާއި ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ އިތުރުން ހިލޭ ޑޮކްޓަރަށް ދެއްކުން ކުރިއަށް ގެންދާނެއެވެ. އަދި މި ސްކްރީނިންގެ ދަށުން ހަކުރު ޓެސްޓާއި ލޭގެ ޕްރެޝަރ ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ ތިން ސެޝަނަކަށް ބަހައިލައިގެން ކުރިއަށްގެންދާ މި ސްކްރީނިންގ ޕްރޮގްރާމް ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. އެޗްޕީއޭއިން ވިދާޅުވީ ހަނިމާދޫގެ އިތުރުން އެއަތޮޅުގެ އެހެން ރަށްރަށުގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށެވެ.
ހަނިމާދޫ ސިއްޙީ މަަރުކަޒުން ވިދާޅުވީ، ހެލްތް ސްކްރީނިންގ ޕްރޮގްރާމަކީ ސިލްސިލާ ގޮތެއްގައި އެރަށު ކައުންސިލާއި ސިއްޙީ މަރުކަޒު ގުޅިގެން ބާއްވަމުން އަންނަ ޕްރޮގްރާމެއް ކަމުގައެވެ. ނަމަވެސް ދާދިފަހުން އެރަށުގައި ދިރިއުޅޭ ބިދޭސީން ތަކެއް ފައިލޭރިއާ އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބިދޭސީންގެ ސިއްޙީ ހާލަތު ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ދެކިގެން ޕްރޮގްރާމް ފުޅާކުރެއްވީކަމަށް ހަނިމާދޫ ސިއްޙީ މަަރުކަޒުން ވިދާޅުވިއެވެ.
ދާދި ފަހުންވަނީ ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާއަށް ޕޮޒިޓިވް ކޭސްތަކެއް ހދ.އަތޮޅުން ފެނިފައެވެ. މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް 32 މީހުންގެ ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއިން ފެނުނު ފައިލޭރިއާ ޖެހިފައިވާ މީހުންނަކީ ރާއްޖެއިން ބޭރުން އެ ބައްޔާއެކު އެތެރެވެފައިވާ މީހުންކަމަށެވެ.
ރާއްޖޭގެ އުތުރާއި މާލެ ސަރަޙާއްދުން ފައިލޭރިއާގެ ކޭސްތައް ފެނުމާއި ގުޅިގެން ފައިލޭރިއާގެ ރެންޑަމް ސްކްރީނިން ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ފަށާފައެވެ.